ދިވެހި|English Sep 16, 2026 · 20:03
Top banner
Advertisement
އެމެރިކާއަކީ ސައްޙަ ސުޕަރޕަވަރެއްގެ ގޮތުގައި ދެމިއޮވެވޭނެ ގައުމެއް ނޫން: އީރާން
World

އެމެރިކާއަކީ ސައްޙަ ސުޕަރޕަވަރެއްގެ ގޮތުގައި ދެމިއޮވެވޭނެ ގައުމެއް ނޫން: އީރާން

އއަހުމަދު މުހައްމަދުSep 16, 2026

އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު އަކްރަމީ-ނިއާ ވިދާޅުވީ، އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރި ހަނގުރާމައިން ސާބިތުވެގެންދިޔައީ އެމެރިކާއަކީ ސައްހަ ސުޕަރޕަވަރެއްގެ ގޮތުގައި ފެންނަން އޮންނާނެ ގައުމެއް ނޫންކަން ކަމަށާއި، ދުނިޔެ މިހާރު މިސްރާބު ޖަހާފައިވަނީ "ޕޯސްޓް-އެމެރިކަން" (އެމެރިކާގެ ނުފޫޒު ކުޑަ) ނިޒާމަކަށް ކަމަށެވެ.

ބުދަ ދުވަހު ތެހެރާންގައި ބޭއްވި އަރަބި ކެލިގްރަފީއާއި ކީރިތި ރަސޫލާގެ ސީރަތާ ގުޅޭ ކޮންފަރެންސުގައި ވާހަކަދައްކަވަމުން އަކްރަމީ-ނިއާ ވިދާޅުވީ، އެމެރިކާގެ އަސްކަރީ ގާބިލުކަމާއި، ސޮފްޓް ޕަވަރ އަދި އަޚްލާގީ މިންގަނޑުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އެ ގައުމުގެ ގަދަރު ކުޑަވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދެ ބާރުގެ މައްޗަށް އެކުލެވުނު ދުނިޔޭގެ ނިޒާމު އުވިގެންދިޔަތާ ތިން ދަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ދުނިޔެ މިހާރު ދަނީ ހަލުވިކަމާއެކު ގިނަ ބާރުތައް އެކުލެވޭ (މަލްޓިޕޯލާ) ނިޒާމަކަށް ބަދަލުވަމުންނެވެ.

"އެހެން އިބާރާތަކުން ދަންނަވާނަމަ، ދުނިޔެ މިހާރު ދަނީ ހުޅަނގާއި އެމެރިކާގެ ނުފޫޒުގެ ދަށުން ބޭރުވެ، ޕޯސްޓް-އެމެރިކަން އަދި ޕޯސްޓް-ވެސްޓަރން ނިޒާމަކަށް ބަދަލުވަމުން. މި ނިޒާމުގައި ގައުމުތަކުގެ ގައުމީ ސަލާމަތާއި މަސްލަހަތު ހިމާޔަތްކުރުމުގައި އިތުރު މިނިވަންކަމާއި އިސްތިގުލާލު ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

އަކްރަމީ-ނިއާ އިތުރަށް ވިދާޅުވީ، އެމެރިކާގެ ނުފޫޒު ދަމަހައްޓަން ވެގެން އެ ގައުމުން އިސްނަގާފައިވަނީ "އުދުވާނީ" އަދި "ގާނޫނާ ޚިލާފު" އަމަލުތަކެއް ކަމަށެވެ.

ބައިނަލްއަގުވާމީ ގަވާއިދުތަކަށް، ޚާއްސަކޮށް ބާރުގެ ބޭނުންކުރުމާއި އުދުވާން ހިންގުން މަނާކުރާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމާއި، އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމަށް ބޭކާރު ގޮތެއްގައި ބަސްބުނެ ނުފޫޒު ފޯރުވުމާއި، އިސްރާއީލަށް ވާގިވެރިވުމަކީ ބައިނަލްއަގުވާމީ ނިޒާމުގައި ވޮޝިންގޓަންގެ މަގާމު ދަށްވެގެންދިޔަ ސަބަބުތަކެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

 

Related News