ދެހާސް އަށާވީސް ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ޕީއެންސީގެ ރިޔާސީ ޓިކެޓު މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަށަވަރު ކުރައްވައިފިއެވެ. އެމަނިކުފާނަށް ޓިކެޓު ކަށަަވަރުވީ ޕްރައިމަރީއެއް ނުބާއްވައި އެމަނިކުފާނަށް ރިޔާސީ ޓިކެޓު ދެއްވަން މިހާރު ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސް އިން ނިންމުމުންނެވެ. މިގޮތަށް ނިންމީ ކޮންގްރެސް ނުވަތަ މަތީ މަޖިލީހުގެ އިއްތިފާގުންނެވެ.
ޕްރައިމަރީއަކާ ނުލައި ޕީއެންސީގެ ރިޔާސީ ޓިކެޓު ރައީސް ޑރ. މުޢިއްޒަށް ދެއްވުމަށް އެދި ޕީއެންސީގެ މަތީ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ އެޕާޓީގެ މެންބަރު ޢަބްދުﷲ އިބްރާހީމެވެ. ރައީސަށް ޓިކެޓު ދެއްވުމަށް ފާސްކުރެއްވި ވޯޓުގައި ބައިވެރިވި އެގާރަ ސަތޭކަ ނަވާރަ މަންދޫބުންގެ އިއްތިފާގުންނެވެ.
މި ގަރާރުގައި ބުނެފައިވަނީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ރާއްޖޭގެ ހުރިހާކަމެއްހެން ރަނގަޅު ކުރެއްވުމަށް ކުރައްވާ އަގުހުރި އަދި ބުރަ މަސައްކަތަށްޓަކައި ވެސް ޓިކެޓު ދެއްވަން ޖެހޭ ކަމަށެވެ.





