ދިވެހި|English Oct 10, 2026 · 20:14
Top banner
Advertisement
ކީރިތި ޤުރުއާނާ މެދު ނާޤިދުންގެ ތާރީޚީ އިޚުތިލާފު!
Report

ކީރިތި ޤުރުއާނާ މެދު ނާޤިދުންގެ ތާރީޚީ އިޚުތިލާފު!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫOct 10, 2026

އެހެންކަމުން ނާޤިދުން ވަނީ، އެ ލަފުޒު ބޭނުންކޮށްގެން ކީރިތި ޤުރުއާނާ މެދު ތާރީޚީ އިޚުތިލާފެއް އުފައްދާފައެވެ.

ކީރިތި ޤުރުއާނުގެ ޔޫސުފް ސޫރަތުގެ 20 ވަނަ އާޔަތުގައި މާތް الله ވަޙީ ކުރައްވާފައިވެއެވެ.

وَشَرَوْهُ بِثَمَنٍۭ بَخْسٍۢ دَرَٰهِمَ مَعْدُودَةٍۢ وَكَانُوا۟ فِيهِ مِنَ ٱلزَّٰهِدِينَ (٢٠) މާނައީ:

"އަދި ވަރަށް ކުޑަ އަގަކަށް، ގުނައިލެވޭ މަދު ދިރުހަމް ކޮޅަކަށް، އެއުރެން އެކަލޭގެފާނު ވިއްކާލައިފޫއެވެ. އަދި އެކަލޭގެފާނާ މެދު އެއުރެންވީ (މަދު އެތިކޮޅަކަށް ރުހޭ) ޒާހިދުންގެ ތެރެއިންނެވެ."

އެ އާޔަތުގައި "ދިރުހަމް" އެ ލަފުޒު ބަޔާންކުރައްވާފައި ވުމުން ނާޤިދުން ކީރިތި ޤުރުއާނާ މެދު ތާރީޚީ އިޚުތިލާފެއް އުފެއްދިއެވެ. ސަބަބަކީ الله ގެ ނަބިއްޔާ ޔޫސުފް عليه السّلام ގެ ދައުރަކީ ވަރަށް ޤަދީމީ ދައުރެކެވެ. އެ ދައުރުގައި ފައިސާގެ ގޮތުގައި ދިރުހަމެއް ބޭނުމެއް ނުކުރެއެވެ. ވީމާ، ކީރިތި ޤުރުއާނުގައި ޔޫސުފު عليه السّلام މަދު ދިރުހަމް ކޮޅަކަށް ވިއްކައި ލެވުނު ކަމަށް ބަޔާން ކުރައްވާފައި ވަނީ ކީއްވެގެން ހެއްޔެވެ؟

ދިރުހަމަކީ ޔޫނާނީ ބަހުގެ "ޑްރަކްމާ" އިން އުފެދިފައިވާ، ފައިސާގެ ޔުނިޓަކަށް ކިޔާ ނަމެކެވެ. އެހެންކަމުން ނާޤިދުން ބުނި ގޮތުގައި، އެތައް ހާސް އަހަރެއް ކުރިން އުޅުއްވި ނަބިއްޔެއް ކަމަށްވާ ޔޫސުފް عليه السّلام ގެ ދައުރުގެ ތެރެއަށް، ކީރިތި ޤުރުއާން ވަނީ މި ޒަމާނުގެ ފައިސާއެއް ކަމަށްވާ ދިރުހަމް ވައްދާފައެވެ. ދެން އުފެދޭ ސުވާލަކީ ނަބިއްޔާ ޔޫސުފް عليه السّلام މިޞްރުގައި ވިއްކަވައި ލެވުނު އިރު، އޭރު މިޞްރުގައި ބޭނުންކުރީ ކޮން ބާވަތެއްގެ ފައިސާއެއް ހެއްޔެވެ؟ މިތަނުގައި މިޞްރިއްޔާތު ނުވަތަ "އިޖިޕްޓޮލޮޖީ" އިން ވަރަށް ޝައުޤުވެރި ކަމަކަށް އަލިކަން ފޯރުކޮށް ދިނެވެ. މިޞްރުގެ ޤަދީމީ ޕަޕައިރަސްތަކާއި، ލިޔެކިޔުންތަކުން ހާމަވިގޮތުގައި، ޤަދީމީ މިޞްރުގައި ރިހީގެ އަގު ހިސާބުކުރަނީ ވަކި ގޮތަކަށެވެ. އެކަމަށް ބާރުދޭ މުހިންމު ހެކިތަކެއް އެބަހުއްޓެވެ. އޭގެތެރެއިން އެކައްޗަކީ "ރައިންޑް މެތެމެޓިކްސް ޕަޕައިރަސް" އެވެ. އެ ޕަޕައިރަސް މިހާރު ރައްކާކުރެވިފައި އޮތީ ލަންޑަނުގައި ހުންނަ އިނގިރޭސި ދާރުލްއާސާރުގައެވެ. އެ ޕަޕައިރަސްއަކީ މިޞްރުގެ އަލްއަޤުޞަރު ނުވަތަ ލަކްސޯ ސަރަޙައްދުން 1858 ވަނަ އަހަރު ހޯދާފައިވާ ޕަޕައިރަސްއެކެވެ. އެއީ ގާތްގަޑަކަށް 1500 ބީ.ސީ ނުވަތަ ޢީސާ عليه السّلام ދުނިޔެއަށް ފޮނުއްވުމުގެ 1500 އަހަރު ކުރީގެ ލިޔުމެކެވެ.

އެ ޕަޕައިރަސް ހޯދީ މިޞްރިއްޔާތުގެ ޢިލްމުވެރިއެއް ކަމަށްވާ އެލެގްޒެންޑަރ ހެންރީ ރައިންޑްއެވެ. އެހެންކަމުން އޭނާގެ ނަމާއި ގުޅުވައިގެން އެ ޕަޕައިރަސްއަށް ނަން ދެވިފައި ވަނީއެވެ. އެއީ ހިސާބުގެ ގިނަގުނަ ސުވާލުތަކެއް ހިމެނޭ އެއްޗެކެވެ. ނަމަވެސް އެ ޕަޕައިރަސްގެ ވަކި ބައެއްގައި ރަނާއި، ރިއްސާއި، ލީޑްގެ އަގުތައް ހިސާބުކޮށްފައިވާއިރު، ވަކި ޚާއްޞަ ލަފުޒެއް ކަމަށްވާ "ޝަޓީ" ބޭނުންކޮށްފައި ވެއެވެ. މިޞްރު މީހުން އަގުތައް ކަނޑައެޅުމާއި، ހިސާބުކުރުމުގައި ޝަޓީ ބޭނުންކުރިކަން އެ ޕަޕައިރަަސްއިން ސާބިތުވެއެވެ. އެ ޕަޕައިރަސްގައި ރަނާއި، ރިއްސާއި، އަދި ލީޑްގެ އަގުތައް އަޅާކިޔާފައިވަނީ ޝަޓީއިންނެވެ. މިސާލަކަށް އެއް "ޑެބަން" ނުވަތަ ގާތްގަނޑަކަށް 90 ގްރާމް ރަނުގެ އަގަކީ 12 ޝަޓީއެވެ. އެއް ޑެބަން ރިހީގެ އަގަކީ 6 ޝަޓީއެވެ. އަދި އެއް ޑެބަން ލީޑުގެ އަގަކީ 3 ޝަޓީއެވެ. އެހެން ގޮތަކަށް ބުނާނަމަ، ޤަދީމީ މިޞްރުގައި މިއަދު އަޅުގަނޑުމެން މި ބޭނުންކުރާ ފަދަ ފައިސާ ފޮތިތަކެއް ނެތް ކަމުގައިވީ ނަމަވެސް، ރިހީގެ އަގު އެމީހުން ހިސާބުކޮށް، މިނެކިރައި، އަގުމަގު ކޮށްފައިވަނީ ޝަޓީ ފަދަ ޔުނިޓްތަކުންނެވެ.

މިހާރު ޔޫސުފް ސޫރަތުގެ އެ އާޔަތަށް ބަލައިލުމުން އަޅުގަނޑުމެންނަށް މާބޮޑަށް އަދި މާފަސޭހައިން ފަހުމުކުރެވޭނެއެވެ. ކީރިތި ޤުރުއާނުގައި، ޔޫސުފް عليه السّلام ގެ ދައުރުގައި މިޞްރުގައި ބޭނުންކުރި ލަފުޒެއް ކަމަށްވާ ޝަޓީ ބޭނުންކޮށްފައި ނުވެއެވެ. ސަބަބަކީ، ކީރިތި ޤުރުއާން ބާވައިލެއްވުނީ ޢަރަބި ބަހުން ކަމަށްވެފައި، ކީރިތި ޤުރުއާނުގައި ޢަރަބި ބަހުގެ އިޞްޠިލާހުން ރިހީގެ އަގު އެގޮތަށް ބަޔާން ކުރައްވާފައި ވަނީއެވެ. "ދިރުހަމް" އަކީ ރިހީގެ ގޮތުގައި އެ ޒަމާނުގެ ޢަރަބިން ރަނގަޅަށް ދަންނަ ޢަރަބި ލަފުޒެކެވެ. އެއްކޮޅުން ކީރިތި ޤުރުއާނުގެ ދިރުހަމް އެވެ. އަނެއްކޮޅުން ޤަދީމީ މިޞްރުގެ ޝަޓީއެވެ. އެ ދެ ލަފުޒުގައި ތަފާތުތަކެއް ހުއްޓެއް ކަމަކު، ރިހި މިނެކިރައި، ހިސާބުކުރުމުގެ މަފުހޫމު ވަނީ ޤަދީމީ މިޞްރުގައި ޤާއިމުވެފައެވެ. އެ މަޢުލޫމާތު ފެނިފައިވަނީ ޒަމާނީ ފޮތްތަކަކުންނެއް ނޫނެވެ. އެ މަޢުލޫމާތު ހޯދިފައިވަނީ މިޞްރުގެ އެތައް ހާސް އަހަރެއްވީ ޤަދީމީ ޕަޕައިރަސްތަކުންނެވެ.

އިމާމް ޤުރުޠުބީ ވިދާޅުވަނީ، ޢަރަބި ވިޔަފާރިވެރިން ކުރިން މުޢާމަލާތް ކުރަމުން ދިޔައީ ބޮޑެތި ޢަދަދުތައް ބަރުދަނަށް ބަލައިގެންނެވެ. އަދި، ސާޅީހަށްވުރެ މަދު ޢަދަދުތައް ގުނައިގެންނެވެ. އެހެންކަމުން: "دَرَٰهِمَ مَعْدُودَةٍۢ" އެ ދެ ލަފުޒުން، އަޅުގަނޑުމެންނަށް އެނގިގެންދަނީ ދިރުހަމްގެ ޢަދަދު ސާޅީހަށްވުރެ މަދުކަމެވެ.

ޢަބުދު الله ބިން މަސްޢޫދު رضي الله عنه އަށް ޙަވާލާދެއްވައި އިބްނު ކަޘީރު ލިޔުއްވާފައިވާ ގޮތުގައި، އެ ވިޔަފާރި ނުވަތަ ޔޫސުފު عليه السّلام ވިއްކަވައި ލެއްވުނީ ވިހި ދިރުހަމަށެވެ. އެއީ، ދިހަ އަޚުން ކުރެ ކޮންމެ މީހަކަށް ދެ ދިރުހަމްގެ މަގުންނެވެ. ދިރުހަމްގެ ސީދާ ޢަދަދަށް ބަލާއިރު، އެހެން ރިވާޔަތްތަކުގައި، އެއީ ބާވީސް ނުވަތަ ސާޅީސް ދިރުހަމް ނުވަތަ ރިހި ފޮތިކަމަށް ބަޔާން ކުރައްވާފައި ވެއެވެ. (އިބްނު ކާތިރު، ޝާފީ، މަޢާރީފުލް ޤުރުއާން)

އެހެންކަމުން، ޔޫސުފް عليه السّلام ގެ ޒަމާނުގައި ދިރުހަމް އައީ ކޮންތާކުންތޯ، ނާޤިދުން އުފައްދާ ސުވާލުގެ ޖަވާބަކީ، އެބައެއްގެ ތެރެއަށް ޤުރުއާން ބާވައިލެއްވުނު މީސްތަކުންނަށް ޤުރުއާން ބަޔާންކޮށް ދެއްވަނީ، ޔޫސުފް عليه السّلام ވިއްކަވައި ލެއްވުނީ މަދު މިންވަރެއްގެ ރިހިކޮޅެއް ނޫން އެހެން އެއްޗަކަށް ނޫންކަމެވެ.

Related News