ދިވެހި|English Oct 11, 2026 · 14:35
Top banner
Advertisement
ލީބިޔާގެ ރަސްކަން އުވައިލި އިންޤިލާބު
Report

ލީބިޔާގެ ރަސްކަން އުވައިލި އިންޤިލާބު

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫOct 11, 2026

އޭރު އޭނާގެ ޢުމުރުފުޅަކީ އެންމެ ހަތާވީސް އަހަރެވެ. އޭރު އޭނާއަކީ ލީބިޔާއިން ބޭރުގެ އެއްވެސް މީހަކު ދަންނަ އަދި އަޑުވެސް އަހާފައި ނުވާ ޢަސްކަރީ ކެޕްޓަނެކެވެ. އެކަމަކު، އޭނާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ލީބިޔާގައި ޤާއިމުވެފައި އޮތް ރަސްކަން އުވައިލިއެވެ.

01 ސެޕްޓެމްބަރު 1969 ގައި، ޢުމުރުފުޅުން 80 އަހަރުގެ ލީބިއާގެ ރަސްގެފާނު އިދުރީސް އެކެއް ހުންނެވީ ފައިންޕުޅަށް ލިބިވަޑައިގެންފައިވާ ހާނިއްކައަކަށް ފަރުވާ ހޯއްދެވުމަށްޓަކާ ލީބިޔާއާއި އެތައް ސަތޭކަ މޭލެއް ދުރުގައި، ތުރުކީގެ އަވަށެއްގައެވެ. އިދުރީހަކީ 1951 ވަނަ އަހަރުން ފެށިގެން ލީބިޔާގައި ރަސްކަން ކުރައްވަމުން ގެންދެވި، އެ ޤައުމުގެ ފުރަތަމަ އަދި ހަމައެކަނި ރަސްގެފާނެވެ.

މުޢައްމަރުލް ޤައްޒާފީ ބެންގާޒީގެ ޢަސްކަރީ އެކަޑަމީގައި އުޅުއްވި ދުވަސްވަރުން ފެށިގެން، އެވަގުތާ ހަމައަށް ވަޑައިގަތީ ތަދުބީރުތައް ކުރައްވަމުންނެވެ. އޭނާއާއި، އޭނާގެ އެކުވެރި އޮފިސަރުންގެ ޖަމާޢަތަކުން އަމިއްލައަށް މިނިވަން އޮފިސަރުންގެ ނަމުގައި ޙަރަކާތެއް އުފެއްދެވިއެވެ. އެމީހުން، އެ ތަދުބީރުގެ ކޯޑް ނަމެއްގެ ގޮތުގައި ބޭނުންކުރެއްވީ "އޮޕަރޭޝަން އަލްޤުދުސް" އެވެ.

އެމީހުންގެ އިންޤިލާބީ ޙަރަކާތްތައް ފެށުނީ ފަތިހުގެ ވަގުތެއްގައެވެ. ވައިގެ ބަނދަރުތަކާއި، ރޭޑިއޯ ސްޓޭޝަންތަކާއި، ފުލުހުންގެ މައި މަރުކަޒާއި، ޓްރިޕޮލީއާއި ބެންގާޒީގެ ސިފައިންގެ ހުރިހާ މަރުކަޒުތަކެއް ގަޑިއެއްހާ އިރުގެ ތެރޭގައި އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ. އެއްވެސް މީހަކު ބަޑިއެއް ނުޖަހައެވެ.

ރަސްގެފާނު އިދުރީސް ޤައުމުން ބޭރުގައި ހުންނެވުމުން، ޤައުމާއި، އަދި ރަސްކަމުގެ ޒިންމާތަކާއި ޙަވާލުވެ ވަޑައިގެން ހުންނެވީ އިދުރީސްގެ ކޮއްކޯފުޅު ވަލީއަހުދު ޙަސަން އަލް ރިދާއެވެ. އޭނާ ބަލައި އޮފިސަރުން އައުމުން އޭނާ ދެކޮޅެއް ނުހައްދަވައެވެ. އެދުވަހު ހަވީރު، ރޭޑިއޯ ސްޓޭޝަނަށް އަމިއްލަފުޅަށް ވަޑައިގެން، އަމިއްލަފުޅު "އިޚުތިޔާރުގައި އިސްތިޢުފާ" އިޢުލާން ކުރައްވައި، ލީބިޔާގެ ރައްޔިތުން، އާ ސަރުކާރަށް ތާއީދު ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

1951 ވަނަ އަހަރުން ފެށިގެން ލީބިޔާގައި ޤާއިމުވެފައި އޮތް ރަަސްކަމާއި، އެ ރަސްކަމުގެ ނިޒާމު، އެރެއިން އެރެއަށް ނެތިގެން ދިޔައީއެވެ. އޭގެ ބަދަލުގައި، ލީބިޔާގެ ޢަރަބި ޖުމްހޫރިއްޔާ އުފަންވިއެވެ.

ދެންއޮތީ މި އިންޤިލާބުގެ އެންމެ އާދަޔާ ޚިލާފު ބައެވެ. އިންޤިލާބު ކާމިޔާބުވި ފަހުންވެސް، ޙަޤީޤަތުގައި އެ އިންޤިލާބުގައި އިސްކޮށް އުޅުނީ ކާކުކަމެއް ގާތްގަނޑަކަށް އެއްވެސް މީހަކަށް ނޭނގެއެވެ. ކުރީގެ ބައެއް ރިޕޯޓްތަކުގައި އިންޤިލާބުގެ އިސް މީހެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މުޅިން ތަފާތު އޮފިސަރެއްގެ ނަމެވެ. ކޮންމެއަކަސް އެ އިންޤިލާބުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވީ މުޢައްމަރުލް ޤައްޒާފީކަން ބޭރު ދުނިޔެއަށް ރޭކާލާން ހަފްތާތަކެއް ހޭދަވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޤައްޒާފީ ހުންނެވީ ވަރަށް ބޮޑަށް ސަމާލުވެ ވަޑައިގެންނެވެ. އިންޤިލާބު ކާމިޔާބު ކުރެއްވުމަށްފަހު ޤައްޒާފީ ވެރިކަމުގެ ތާޖު އަޅުއްވާފައެއް ނުވެއެވެ. އޭނާގެ އެކުވެރި އޮފިސަރުންގެ ތާއީދާއެކު ބާރަ މެންބަރުން ހިމެނޭ އިންޤިލާބީ ކޮމާންޑް ކައުންސިލުގެ ޗެއާރަމަން ކަމާއި، އަދި ޢަަސްކަރިއްޔާގެ ކާނަލްއެއްގެ މަގާމަށް އިސްވެވަޑައިގަތެވެ. އެއަށްފަހު ބާކީ ހުރި ކަންތައްތައް، އޭނާގެ މަޤާމުގެ ހައިސިއްޔަތުން ކުރައްވަމުން ގެންދެވިއެވެ.

އާ ސަރުކާރަށް ހަމަޖެހެން މާގިނަ ދުވަހެއް ނުލިބުނެވެ. 07 ޑިސެމްބަރު 1969 ގައި، އިންޤިލާބަށް ތިންމަސްވެސް ނުވަނީސް ޤައްޒާފީގެ ސަރުކާރުގެ ދެ ވަޒީރުން ކަމަށްވާ އޭނާގެ ދިފާޢީ ވަޒީރާއި، އަދި އޭނާގެ ދާޚިލީ ވަޒީރު، އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތްތަކެއް ކުރެއްވިއެވެ. އެކަމަކު، އެމީހުންގެ އެރޭވުން ނާކާމިޔާބުވެ ހައްޔަރުވީއެވެ. އެއީ އޭނާ ވެރިކަމުން ދުރުކުރުމަށް ކުރެވުނު ގިނަގުނަ މަސައްކަތްތަކުގެ ތެރެއިން ފުރަތަމަ ކުރެވުނު މަސައްކަތެވެ.

އިންޤިލާބުގެ ފަހުން، ލީބިޔާގެ ރަަސްގެފާނު އިދުރީސް ދުވަހަކުވެސް ޤައުމަށް އެނބުރި ވަޑައެއް ނުގަންނަވައެވެ. އޭނާގެ ޢުމުރުފުޅުގެ ބާކީ ދުވަސްތައް އަމިއްލަފުޅަށް އަރުވައިލެއްވިގެން ހޭދަކުރެއްވީ މިސްރުގެ ޤާހިރާގައެވެ. ޢުމުރުފުޅުން 93 އަހަރުގައި، 1983 ވަނަ އަހަރު ރަސްގެފާނު އިދުރީސް ޤާހިރާގައި އަވަހާރަވީއެވެ. ލީބިޔާއަށް އިންޤިލާބު ގެނެވުނުތާ ދަހަރެއް ވީއިރު، ލީބިޔާއަކީ ކުރިން ރަސްކަމެއް ކުރި ޤައުމުކަންވެސް ނޭނގޭހާ ބޮޑެތި ބަދަލުތައް ލީބިޔާއަށް ގެނެވި، ތަރައްޤީގެ މަގުގައި އެފްރިކާގެ އެހެން ޤައުމުތައް ފަހަތަށް ޖައްސައިލިއެވެ.

ޤައްޒާފީ ލީބިޔާގައި 42 އަހަރު ވަންދެން ވެރިކަން ކުރެއްވިއެވެ. އޭނާގެ ވެރިކަން ނިމުނީ 2011 ވަނަ އަހަރު ނޭޓޯގެ މަދަދާއި، އެހީތެރިކަމާއެކު ލީބިޔާގައި ކުރި ދާޚިލީ ހަނގުރާމައިގެ ތެރޭގައި ބާޣީ ބާރުތަކުން އޭނާގެ ސަރުކާރު ވައްޓައިލުމުންނެވެ. ބާޣީ ހަނގުރާމަވެރިން އޭނާ ހައްޔަރު ކުރެއްވުމަށްފަހު އަވަހާރަކޮށްލީ، އޭނާގެ އުފަން ސަހަރުކަމުގައިވާ ސިރުތުގައެވެ.

ލީބިޔާއަށް އިންޤިލާބު ގެނެވުނު އިރު، އޭނާއަކީ އެއްވެސް މީހަކު ދަންނަ ޢަސްކަރީ ކެޕްޓަނެއް ނޫނެވެ. ދުނިޔެއިން އޭނާއަކީ ކާކުކަން ދެނެގަންނަން ހަފްތާތަކެއް ހޭދަވި އިންޤިލާބު ނިމުނީ، މުޅި ޤައުމުގެ ކުރިއަށް އޮތް ބައިޤަރުނު މުސްތަޤުބަލުގެ ޗާޓް ކުރަހައި ދެމުންނެވެ.

Related News