ދިވެހި|English Nov 4, 2026 · 08:46
Top banner
Advertisement
އީރާނު އެދެނީ ސުލްހައަށް، އެކަމަކު މަޖުބޫރު ކުރުމަކަށް ބޮލެއް ނުލަނބާނަން: ރައީސް ޕެޒިޝްކިއަން
World

އީރާނު އެދެނީ ސުލްހައަށް، އެކަމަކު މަޖުބޫރު ކުރުމަކަށް ބޮލެއް ނުލަނބާނަން: ރައީސް ޕެޒިޝްކިއަން

މމުހައްމަދު އަލީNov 3, 2026

އީރާނުގެ ރައްޔިތުން ބޭނުންވަނީ ސުލްހަކަމަށާއި އެހެންނަމަވެސް އެއްވެސް މަޖުބޫރު ކުރުމަކަށް އެއްވެސް ވަރަކަށް އީރާން ބޮލެއް ނުލަނބާނޭ ކަމަށް އެގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.

އީރާނުން އަބަދުވެސް ބޭނުންވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ސުލްހަވެރިކަމާއެކު މުއާމަލާތްކޮށް ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ޤައުމުގެ ޙައްޤުތަކާއި މަޞްލަޙަތުތައް ދިފާޢުކުރައްވަން ކަމަށް ޕެޒެޝްކިއަން ވިދާޅުވިއެވެ. އެހެންނަމަވެސް ބޭރުން ކުރިމަތިކުރުވާ މަޖުބޫރުކުރުންތަކާއި ނުފޫޒުތައް ބަލައި ނުގަންނަވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕެޒިޝްކިއަން މިހެން ވިދާޅުވީ ޕޯޗުގަލްއިން އީރާނަށް ކަނޑައެޅުއްވި އައުސަފީރު މާސެލޯ ވޯލްޓިއަރ މެތިއަސް އޭނާގެ ފަތްކޮޅު ޕެޒެޝްކިއަންއަށް އެރުވުމަށް އަންގާރަދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ.

އިރާނުގެ ރައީސް ވަނީ ތެހެރާނާއި ލިޒްބަންއާ ދެމެދުއޮތް 500 އަހަރަށްވުރެ ގިނަދުވަސްވީ ގުޅުމާބެހޭ ގޮތުން ވާހަކަފުޅު ދައްކަވައި ދެ ޤައުމުގެ ދެމެދުގެ ގުޅުން އިތުރަށް ބަދަހިވާނޭ ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

އިރާނަކީ ދުނިޔެއާ އެކު ބިނާކުރަނިވި ގުޅުންތަކެއް ބޭއްވުމަށް އެދޭ، ސުލްހައަށް ލޯބިކުރާ ޤައުމެއް ކަމަށް ވެސް ރައީސް ޕެޒެޝްކިއަން ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހުޅަނގުގެ މީޑިއާތަކުން އީރާނާމެދު ގެންގުޅެނީ ނުބައި ތަޞައްވުރެއް ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. ހުޅަނގުން ފަތުރަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، އީރާނުގެ ސުލްހަވެރި ރައްޔިތުން ތިބީ އިންސާނީ ޙައްޤުތަކުގެ ނަމުގައި ވަކާލާތުކުރާ ބައެއް ބާރުތަކުން ހިންގާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް ސާބިތުވެ ކަމަށް ޕެޒެޝްކިއަން ވިދާޅުވިއެވެ.

އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގެ ނަމުގައި ޓެރަރިޒަމާ ހަނގުރާމަކުރާ ކަމަށް ދަޢުވާކުރާ ބާރުތަކުން، ސައިންސްވެރިންނާއި، ސްކޫލް ކުދިންނާއި އަދި ސިޔާސީ އޮފިޝަލުންނަށް އަމާޒުކޮށްގެން ހިންގާ ޓެރަރިޒަމް ޙަމަލާތައް އެމަނިކުފާނު ވަނީ ކުށްވެރިކުރައްވާފައެވެ.

ޕެޒެޝްކިއަން ވިދާޅުވީ އިރާނުގައި ޕޯޗުގަލްގެ ސަފީރަކު ހުންނެވުމަކީ އެ ޤައުމާއި ސަރަޙައްދީ ކަންކަން ރަނގަޅަށް ދެނެގަތުމަށް ލިބޭ ފުރުޞަތެއް ކަމަށެވެ. މި ފުރުސަތުގައި ސައިންސާއި، ޘަޤާފަތާއި، އިޤްތިޞާދީ އަދި ސިޔާސީ ދާއިރާތަކުން ގުޅުން ފުޅާކުރުމަށް އެމަނިކުފާނު ގޮވައިލެއްވިއެވެ.

ފިތުނަފަސާދަތަކާއި ހަނގުރާމަތައް ހުއްޓުވުމަށްޓަކައި ޙައްޤުތަކަށާއި ޢަދުލުއިންޞާފަށް އިޙްތިމްކުރުން މުހިންމު ކަމަށާއި، ހަނގުރާމަތައް ފެށެނީ އެހެން ޤައުމުތަކުގެ ބިންތަކާއި ވަސީލަތްތައް އަތުލައިގަތުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން ކަމަށް ވެސް ރައީސް ޕެޒެޝްކިއަން ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ އެއްބާރުލުމުގެ ސަބަބުން ސުލްހައާއި އިންސާނިއްޔަތުގެ މައްޗަށް ބިނާވެފައިވާ ދުނިޔެއެއް ބިނާކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މެތިއަސް ވިދާޅުވީ، މުއްސަނދި ޘަޤާފަތަކާއި ތާރީޚެއް އޮތް ޤައުމަކަށް އޭނާ ކަނޑައެޅުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށާއި، އީރާނުގެ ޙަޤީޤީ މަންޒަރު ޕޯޗުގަލްއަށް ފޯރުކޮށްދެއްވާނެ ކަމަށެވެ.

ދެ ޤައުމުގެ ދެމެދުގައި ފަސްސަތޭކައަށްވުރެ ގިނަ ދުވަސްވީ ޑިޕްލޮމެޓިކް ގުޅުމެއް އޮތްކަން ފާހަގަކުރައްވައި، އެ ގުޅުން ދަމަހައްޓައި ވަރުގަދަކުރުމަކީ ދެ ޤައުމުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ޑިޕްލޮމަސީގެ މުހިންމުކަން ފާހަގަކުރައްވަމުން ޕޯޗުގަލްގެ ސަފީރު ވިދާޅުވީ، އެ ޤައުމުގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ ކުރިމަތިލުންތަކަށްވުރެ މަޝްވަރާއާއި ޑިޕްލޮމެޓިކް ގުޅުންތަކަށް އިސްކަންދޭ ގޮތަށް ކަމަށެވެ. އަދި ތެހެރާނާއެކު ގުޅުންތައް ބަދަހިކުރުމަށް ޕޯޗުގަލް އޮތީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވިއެވެ.

 

Related News