ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން މަސްވެރިންގެ ދުވަހު ނުކުމެ ކަނޑުމަތީގައި މުޒާހަރާކުރަން ފަށައިފިއެވެ. މި މުޒާހަރާގައި ނަވާޅީސް މަސްދޯނި ބައިވެރިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެ ޔޫނިއަނުން ބުނީ މަސްވެރިންގެ ދުވަހު މުޒާހަރާއަށް ނުކުތީ މިސަރުކާރުން ބޮޑުކަންނެލީގެ މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދައިފައި ނުވާތީއެވެ. އެގޮތުން މިފްކޯއަށް ބޮޑުކަންނެލި ގަންނާނޭ ކަމަށް ބުނެވީ ވައުދު ނުފުއްދޭ ކަމަށް ވަނީ ބުނެފައެވެ. އަދި ކަންނެލި ކިލޯއެއް ގަންނާނޭ އެންމެ ކުޑައަގަކީ 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދު ކަމަށް ބުނެވީ ވައުދުވެސް ނުފުއްދޭ ކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމާއި ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ވެސް ހަމަޖެހިފައި ނުވާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ބުނެފައެވެ.
މުޒާހަރާއަށް ނުކުތީ މިސަރުކާރު ވެރިކަމަށް އައުމާއެކު މި ވައުދުތައް ފުއްދައިދިނުމަށް އެދި އެކިސިފަސިފާގައި ވާހަކަ ދައްކައގެން އެކަން ނުވުމުން ކަމަށްވެސް ބުނެފައިވެއެވެ. އަދި މަސްގަންނަ ފަރާތްތަކާއެކުވެސް އެތައް ބައްދަލުވުންތަކެއް ބާއްވައިގެން ނަތީޖާއެއް ނުފެނިގެން ކަމަށް ވަނީ ބުނެފައެވެ. އެއްވެސް މަސައްކަތަކުން ކާމިޔާބެއް ނުވުމުން މަސްވެރިން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް ވެސް ވަނީ ބުނެފައެވެ. މި މުޒާހަރާ ފަށާފައިވަނީ މިއަދު ހެނދުނު 9 ޖެހިއިރު ހުޅުމާލޭ ފަޅުތެރެއިންނެވެ.






