އަކުއާ ފަމިން ދަނޑެއް

ފައިސާގެ ދަހިވެތިކަމުގައި ސިއްހަތަށް ނުރައްކާކުރަނީ: ހައްލަކީ އޯގަނިކް ފާމިން

މުޙައްމަދު ގުރައިޝް އަޙްމަދު
ޑިސެމްބަރ 11, 2025

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަށްރަށުގައި، ހާއްސަކޮށް އއ. ތޮއްޑޫ އާއި ބ. ގޮއިދޫ ފަދަ ރަށްރަށުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް ވަނީ އިތުރުވެފައެވެ.

މިކަމާ ގުޅިގެން ޑޮކްޓަރުންނާއި ސިއްހީ މާހިރުން ބުނަނީ މިއީ ގަސްގަހާގެހި ހެއްދުމަށް ބޭނުންކުރާ ނުރައްކާތެރި ކެމިކަލް ނުވަތަ ޕެސްޓިސައިޑްސްގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ. ޑޮކްޓަރުން ސިފަކުރާ ގޮތުގައި މިއީ ދިވެހިންނަށް އެނގުމަކާ ނުލައި ދެވޭ ”ސްލޯ ޕޮއިޒަން“ ނުވަތަ މަޑުމަޑުން ހަށިގަނޑަށް ފެތުރޭ ވިހައެކެވެ.

ދަނޑުވެރިކަމުގެ ވިޔަފާރިން ބޮޑު ނަފާއެއް ހޯދުމުގެ ބޭނުމުގައި، ތަރުކާރީއާއި މޭވާ އަވަހަށް ބޮޑުކުރުމަށާއި ފަނިފަކުސައިން ރައްކާތެރިކުރުމަށް މިންގަނޑެއް ނެތި ކެމިކަލް ބޭނުންކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ދަނޑުވެރިކަމުން ލިބޭ ފައިސާ ދިވެހި މީހާގެ ޖީބަށް ވަންނައިރު، އޭގެ ސަބަބުން އާންމު ސިއްހަތަށް ކުރާ ނޭދެވޭ އަސަރާ މެދު ވިސްނާލަނީ މަދު ބައެކެވެ. ކެމިކަލް ޖެހުމަށްފަހު އެ ތަކެތި ބޭނުންކުރުމަށް ރައްކާތެރި މުއްދަތު ނުވަތަ ”ހާވެސްޓް އިންޓަވަލް“ ހަމަނުވަނީސް ބާޒާރަށް ނެރެ ވިއްކުމުގެ ސަބަބުން، އަޅުގަނޑުމެން ކައިބޮއި އުޅޭ ”ތާޒާ“ ތަރުކާރީއަކީ ހަގީގަތުގައި ވިހަ މާއްދާތަކުން ތަޣައްޔަރުވެފައިވާ އެއްޗެހި ކަމަށް ވުމުގެ ބިރު އެބައޮތެވެ.

މިކަމަށް ހައްލެއް ގެނައުމަށްޓަކައި އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ވަނީ ޖެހިފައެވެ. އެންވަޔަރަމެންޓް މިނިސްޓްރީގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ކެންސަރަށް މަގުފަހިވާ ޒާތުގެ ކެމިކަލް ރާއްޖެއަށް އެތެރެކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ނަމަވެސް ބާޒާރަށް ނެރޭ ކާބޯތަކެތީގައި ކެމިކަލް ހުރި މިންވަރު ޓެސްޓު ކުރެވޭނެ އެކަށީގެންވާ ނިޒާމެއް ރާއްޖޭގައި އަދި ގާއިމުވެފައި ނެތުމަކީ ނުހަނު ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. ގަވާއިދާ ހިލާފަށް ކެމިކަލް ބޭނުންކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެކެވެ.

މި ނުރައްކަލުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ އޯގަނިކް ފާމިން ނުވަތަ ގުދުރަތީ ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ބާރުއެޅުމެވެ. އަދި ކެމިކަލް ބޭނުންކުރަންޖެހޭ ހާލަތްތަކުގައި ވެސް، އެކަމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް ދަނޑުވެރިން ހޭލުންތެރިކުރުވަން ޖެހެއެވެ. ފައިސާގެ ދަހިވެތިކަމުގައި އާންމު ރައްޔިތުންގެ ފުރާނައާ ކުޅުމުގެ ބަދަލުގައި، އަމިއްލަ ފައިދާއަށްވުރެ ރައްޔިތުންގެ ސިއްހަތު އިސްކޮށް، ރައްކާތެރި ކާބޯތަކެތި ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ އެންމެންގެ ޒިންމާއެކެވެ.

މި ލިޔުމާ ގުޅޭ