ޖޯޑަންގެ ސަރުކާރުން ޕަލަމެންޓަށް ހުށަހަޅާފައިވާ ބަޖެޓާ މެދު މެމްބަރަކު ދެއްކި ވާހަކައަކީ މިހާތަނަށް މެމްބަރަކު ޕާލަމެންޓްގައި ދިން އެންމެ ކުރު ބަޔާން ކަމަށް މީޑިއާއިން ބުނެއެވެ.
ޖޯޑަންގެ ޕާލަމެންޓްގެ މެމްބަރު އަބްދުއްރައޫފް ރަބީޙާތު އޭނަގެ ބަޔާން ސިފަކޮށްފައި ވަނީ ”ބަނޑަށްޖެހިފައިވާ މެމްބަރަކު“ ދިން އެންމެ ކުރު ބަޔާނުގެ ގޮތުގައެވެ. މި މެމްބަރުގެ ވާހަކަ ފަސް މިނެޓަށް ވުރެ ކުރެވެ.
ބުރާސްފަތި ދުވަހު ބޭއްވި ބަޖެޓް ބަހުސްގައި މެމްބަރު ރަބީޙާތު، ބޮޑުވަޒީރާ މުޚާތަބު ކުރައްވައި ވިދާޅުވީ ތަކެތީގެ އަގު ބޮޑުވުމުން ޖޯޑަންގެ ރައްޔިތުން ބަނޑަށްޖެހިފައި ތިބި ކަމަށާއި ބޮޑުވަޒީރާއި މެމްބަރުންގެ ތަގުރީރުތައް އަޑުއަހާނެ ހިތްވަރެއް އެމީހުންގެ ކިބައިގައި ނެތް ކަމަށެވެ.
ރަބީހާތު ވިދާޅުވީ ”ބޮޑުވަޒީރެވެ! ނަމާދަށް ފަރުވާތެރިވެ ވަޑައިގަންނަވާށެވެ! ވަޒީފާއެއް ނެތް ޒުވާނުންގެ ލަޝްކަރަށް ވަޒީފާ ހޯއްދަވައި ދެއްވާށެވެ! ނޫނީ ހިތާމަ ކުރާނެ ދުވަހަކާ ކުރިމަތިލާން ޖެހިދާނެއެވެ!“ އަދިވެސް އިތުރަށް ވިދާޅުވިއެވެ.
”ބޮޑުވަޒީރެވެ! ނަމާދަށް ފަރުވާތެރިވެ ވަޑައިގަންނަވާށެވެ! ޔުނިވާސިޓީ ތައުލީމު ހާސިލު ކުރަން ބޭނުންވާ ޒުވާނުންނަށް އުނގެނުމަށް ފުރުސަތު ދެއްވާށެވެ!“ މިހެން ވިދާޅުވުމަށް ފަހު ރަބީޙާތު ނިންމަވައި ލެއްވިއެވެ.






