ތިން ހާސް އަންހެނުންނާ އިނދެ، 2 ހާސް ކުދިންގެ ބައްޕައަކަށްވީ ކާކު؟

އިބްރާހީމްް ސަމީރު
ޑިސެމްބަރ 16, 2025

ދުނިޔޭގައި 16 މިލިއަން މީހުންނަކީ ޖެންގީސް ޚާންއާ އާއިލީ ގޮތުން ގުޅިފައިވާ މީހުންނެވެ. ފަހުގެ ޖެނެޓިކް ދިރާސާތަކުން ދައްކާ ގޮތުގައި، 13 ވަނަ ގަރުނުގެ މޮންގޯލް އެމްޕަޔަރ ބިނާކުރި ހަނގުރާމަވެރިޔާ ޖެންގީސް ޚާންގެ ދަރިކޮޅުގައި މިއަދު ދިރިތިބި ގާތްގަނޑަކަށް 16 މިލިއަން ފިރިހެނުން ހިމެނޭނެ އެވެ. އެއީ، ދުނިޔޭގެ ފިރިހެން އާބާދީގެ ގާތްގަނޑަކަށް %0.5 މީހުންނެވެ. މިމީހުންނަކީ ޖެންގީސް ޚާންގެ ފަރާތުން ވައި ކްރޮމޮސޯމް ވަރުތަވެފައިވާ މީހުން ކަމަށް ބެލެވެއެވެ.

1162 ވަނަ އަހަރު އުފަންވި ޖެންގިސް ޚާން އުފެއްދި ވެރިކަމަކީ، ޗައިނާގެ ޕެސިފިކް ކަނޑުގެ އައްސޭރިފަށުން ފެށިގެން ކެސްޕިއަން ކަނޑާ ހަމައަށް ފެތުރިފައި އޮތް ފުޅާ ވެރިކަމެކެވެ.

އޭނާގެ އަސްކަރީ ކެމްޕޭންތަކުގައި އަނިޔާވެރި ގޮތްތަކެއް ގެންގުޅުނު ވާހަކައަކީ ސިއްރެއް ނޫނެވެ. ތާރީޚް ޢިލްމުވެރިންނާއި ދަރިފަސްކޮޅު ދިރާސާކުރާ މާހިރުން ބުނާ ގޮތުގައި، މޮންގޯލް މީހުން ގިނަ މީހުންނައި ކައިވެނި ކުރުމާއި ޖާރިޔާއިން ގެންގުޅުމުގެ ސަބަބުން ޚާންއަށް އެތައް ސަތޭކަ ނޫނީ އެތައް ހާސް ކުދިންނެއް ލިބިފައި ވާނެއެވެ.

ޚާންގެ ނަސްލު ވާރުތަވެފައިވާ ކަމަށް ދެއްކި އެންމެ ފުރަތަމަ ދިރާސާއަކީ 2003 ގެ ދިރާސާއެކެވެ. ޖެނެޓިސިސްޓް ޑރ.ކްރިސް ޓައިލަރ-ސްމިތު އާއި އޭނާގެ އެކުވެރިން ކުރި ދިރާސާއަކުން މެދުތެރޭ އޭޝިއާގައި އާންމުވެފައިވާ ވައި ކްރޮމޮސޯމް އެއް ހޯދުނެވެ. މި ނަސްލު ފެނިފައިވަނީ ޗައިނާގެ އިރުއުތުރުން ފެށިގެން އުޒްބެކިސްތާނާ ހަމައަށް ފެތުރިފައިވާ ފުޅާ ސަރަހައްދެއްގައި ދިރިއުޅޭ ގާތްގަނޑަކަށް %8 ފިރިހެނުންގެ ފަރާތުންނެވެ. މިކަމުން ދޭހަވަނީ މީގެ ގާތްގަނޑަކަށް 800 އަހަރު ކުރިން ދިރިއުޅުނު ކާބަފައިންގެ ފަރާތުން ވަރުތަވެފައިވާ ކްރޮމޮސޯމެއް ކަމަށެވެ.

ޚާންގެ ނަސްލު ފެތުރުމުގެ ކާމިޔާބީއަކީ އިއްތިފާގެއް ނޫނެވެ. އޭނާ ވަނީ އޭނާގެ ނަސްލު ފެތުރުމަށް ރާވައިގެން އޭނާގެ ބާރުގެ ދަށައި އައި ސަރަހައްދުތަކުގެ ބޮޑުންގެ ޚާންދާންގައި ކައިވެނިތައް ކޮށް، އޭނާގެ ވަފާތެރި ޖެނެރަލުންނަށް ބިމާއި އަންހެނުން އިނާމުގެ ގޮތުގައި ދީފައެވެ. އަދި އެކަމުން، އެ ނަސްލުގެ ދަރިން އިދާރީ އަދި އަސްކަރީ މުހިންމު ދައުރުތަކެއް އަދާކުރާނެކަން ކަށަވަރުކޮށްފައެވެ.

ޖެންގީސް ޚާންގެ ދޮށީ ދަރިފުޅު ޓޫޝީއަށް 40 ފިރިހެން ދަރިން ލިބުނު ކަމަށް ވެއެވެ. މޮންގޯލް ވެރިންގެ ޖީލުތަކުގެ ތެރެއިން މި ދަރިކޮޅު ފެތުރެމުން ގޮސްފައި ވެއެވެ.

ޚާންގެ ފިރިހެން ދަރިންގެ ފުށުން ބާރާއި ނަސްލު ވާރުތަވަމުން ގޮސް ޚާންގެ ވައި ކްރޮމޮސޯމް ރައްކާތެރިކުރެވި ފެތުރުމަށް އެހީތެރިވެދިނެވެ.

އަދި ވިޔަފާރީގެ މަގުތަކުގައި މޮންގޯލް ލަޝްކަރުތައް ވަޒަންވެރިވަމުން ދިއުމުގެ ސަބަބުން ތަޖިކިސްތާނާއި ރަޝިޔާގެ ކޯކެސަސް ސަރަހައްދާއި ޗައިނާގެ އުތުރުން އޮންނަ ސަރަހައްދުތަކުގައި އެއްނަސްލެއްގެ މީހުން ދިރިއުޅޭ ސަރަހައްދުތައް އުފެދިފައެވެ. މިއަދުވެސް އެތަންތަނުން މޮންގޯލް ދަރިކޮޅުގެ ޑީއެންއޭގެ އަސަރުތައް ފެންނާން އެބަހުއްޓެވެ.

2017 ވަނަ އަހަރު ހިއުމަން ޖެނެޓިކްސް މަޖައްލާގައި ކުރި ދިރާސާއަކުންވެސް ޖެންގީސް ޚާންގެ ނަސްލު ފެތުރިފައިވާކަން ސާބިތު ވެފައި ވެއެވެ.

އެހެން ބައެއް ތާރީޚް އިލްމުވެރިން ބުނާ ގޮތުގައި ޚާންގެ 3 ހާސް އަނބިން ނުވަތަ ޖާރިޔައިން ތިއްބެވެ. އަދި އޭނާއަށް ބައްޕަ ކިޔާ 2 ހަސް ކުދިން ލިބިފައިވާނެ ކަމަށެވެ. އެނިސްބަތުން ދުނިޔޭގެ ލޯކުދި މީހުންގެ ތެރޭގައި 175 މިލިއަން މީހުނާ އޭނާއާ ތިމާގެ ކަމެއް ވާނެ ކަމަށެވެ.

މި ލިޔުމާ ގުޅޭ