ފަރަންސޭސިވިލާތުގެ ޕެރިހުގައި ހުންނަ ”އިންސާނުންނާ ބެހޭ ދާރުލްއާސާރު“ ގައި މިޞްރުގެ އަޒްހަރު ޔުނިވަރސިޓީގެ ދަރިވަރެއްގެ ބޮލުގެ ނާށިގަނޑު ރައްކާކޮށްފައި ވެއެވެ. މިސްރު މީހުން ދަނީ މި ނާށިގަނޑު އަނބުރާ ގައުމަށް ގެނައުމަށް ގޮވާލަމުންނެވެ.
މި ބޮލުގެ ނާށިގަނޑުގައި ފަރަންސޭސި ބަހުން ލިޔެފައިވާ ލިޔުމެއްގައިވަނީ، މިއީ ޖެނެރަލް ކްލެބަރ އަވަހާރަކޮށްލުމުގައި ބައިވެރިވި މިސްރުގެ ލީޑަރެއްގެ ބޮލުގެ ނާށިގަނޑު ކަމަށާއި، މިއީ ބެރަން ލެރީ ކިޔާ މީހަކު ހަދިޔާކުރި އެއްޗެއް ކަމަށެވެ.
މި ބޮލުގެ ނާށިގަނޑުގެ ވެރިޔަކީ މީގެ އަހަރުތަކެއް ކުރިން، 1800 ވަނަ އަހަރު މިޞްރު ހިފުމަށް އެގައުމަށް އަރައިގަތް ފަރަންސޭސި ލަޝްކަރުގެ ކޮމާންޑަރު ޖެނެރަލް ކްލެބަރ އަވަހާރަކޮށްލުމުގައި މިސްރުގެ އަލްއަޒުހަރުގައި ކިޔަވަން އުޅުނު ސޫރިޔާގެ ދަރިވަރު ސުލައިމާން އަލްޙަލަބީއަށް އެހީތެރިވި އުމުރުން 15 ރަބީޢުގެ މިޞްރު ދަރިވަރެއްގެ ނާށިގަނޑެވެ. މި ހަމަލާއަކީ ފަރަންސޭސި އިސްތިއުމާރީ ބާރުތަކުން މިޞްރުގެ ރައްޔިތުންނާ މެދު ހިންގަމުންދިޔަ ލޭއޮހޮރުވުންތަކާއި އަނިޔާވެރިކަމަށް ދިން ރައްދު ހަމަލައެކެވެ.
ތާރީޚީ ރެކޯޑްތަކުން އެނގޭ ގޮތުގައި، ޖެނެރަލް ކްލެބަރ އަވަހާރަކޮށްލުމާ ގުޅިގެން ފަރަންސޭސި ސިފައިން ވަނީ ސުލައިމާން އަލްޙަލަބީއާއި އޭނާއަށް އެހީތެރިވި އަޒްހަރުގެ 9 ދަރިވަރަކު ހައްޔަރުކޮށް އެމީހުންނާ މެދު ސޮލީބީ އުސޫލުން އަމަލުކޮށްފައެވެ.
ފަރަންސޭސިން އެކުދިންގެ އަތްތައް އަންދާލުމަށްފަހު، ގާހިރާގެ ތައްލުލްއަޤާރިބް ސަރަހައްދުގައި ދިރިތިއްބާ ވަރަށް އިހާނެތި ގޮތަކަށް އަދަބުދީ ފައި ވެއެވެ. އަދި މަޑުމަޑުން އަނިޔާކުރަމުން އެކުދިން މަރާލުމަށްފަހު އެކުދިން މަރުވުމުން، އެކުދިންގެ ބބޯ ބުރިކޮށް ބޮލުގެ ނާށިގަނޑު ނަގައި ފަރަންސޭސިވިލާތަށް ގެންގޮސް މިއުޒިއަމްގައި ދައްކާލުމަށް ބެހެއްޓީއެވެ.
މި މައްސަލައާ ގުޅިގެން މިހާރު ގިނަ ބަޔަކު ދަނީ އަލްއަޒްހަރު ޔުނިވަރސިޓީއަށް މި ކަމުގައި މައްސަލަ ޖައްސައި މިކުދިންގެ ބޮލުގެ ނާށިގަނޑުތައް މިސްރަށް ގެނައުމަށް ގޮވާލަމުންނެވެ.
އެމީހުން އެދެނީ އެ ދަރިވަރުގެ ބޮލުގެ ނާށިގަނޑު އަނބުރާ މިޞްރަށް ގެނެސް، ކަފުންކޮށް ކަށުނަމާދުކޮށް، މިޞްރުގެ ބިމުގައި ވަޅުލުމުގެ އިންތިޒާމު ހަމަޖެއްސުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ގައުމާއި ދީނުގެ ހައްގުގައި ޖިހާދުކޮށް ޝަހީދުވި ބަތަލުންތަކެކެވެ.






