ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަދި ބީއެންޕީގެ ޗެއާޕާސަން ބޭގަމް ޚާލިދާ ޒިޔާގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެ، ނާޒުކު ފައްތަރެއްގައިވާ ކަމަށް އެކަމަނާއަށް ފަރުވާ ދެމުންދާ މެޑިކަލް ބޯޑުން ދެންމެހާމަކޮށްފިއެވެ. އެކަމަނާއަށް މިހާރު ފަރުވާ ދެމުންދަނީ އެވަކެއާ ހޮސްޕިޓަލުގެ ކްރިޓިކަލް ކެއާ ޔުނިޓް (ސީސީޔޫ) ގައެވެ.
މެޑިކަލް ބޯޑުގެ މެންބަރެއް ކަމަށްވާ ޑރ. ޒިއާއުލް ހައްގު ވިދާޅުވި ގޮތުގައި، ޚާލިދާ ޒިޔާގެ ހާލުކޮޅު އިންތިހާއަށް ސީރިއަސްއެވެ. ”ޚާލިދާ ޒިޔާ މިހާރު އޮންނެވީ ލައިފް ސަޕޯޓްގައެވެ. އަދި ގަވާއިދުން ޑަޔަލިސިސް ހަދަމުންދޭ،“ އޭނާ ވިދާޅުވިއެވެ. ޑަޔަލިސިސް މެދުކަނޑާލާ ކޮންމެ ފަހަރަކު އެކަމަނާގެ ހާލުކޮޅު އިތުރަށް ގޯސްވާ ކަމަށާއި، އުމުރުން ދުވަސްވުމާއި ގިނަ ބަލިތަކެއް ހުރުމުގެ ސަބަބުން ހުރިހާ ފަރުވާއެއް އެއްފަހަރާ ދިނުމަކީ ދަތި ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މެޑިކަލް ބޯޑުގެ އަނެއް މެންބަރު ޑރ. ޒަފަރު އިގްބާލް ވިދާޅުވީ އެކަމަނާގެ ހާލުކޮޅު ސިފަކުރެވެނީ ”ސީރިއަސް ބަލިހާލަތެއް“ ގެ ގޮތުގައި ކަމަށެވެ. އަދި އިތުރު ޓެސްޓުތަކެއް ހެދުމަށް ލަފާދީފައިވާ ކަމަށާއި، ފަރުވާގެ ކުރިއަށް ހުރި ކަންކަން ނިންމާނީ އެ ޓެސްޓުތަކުގެ ނަތީޖާއަށް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ. ޑޮކްޓަރުންގެ ޓީމުން ބުނި ގޮތުގައި އެކަމަނާގެ ހާލުކޮޅު ދަނީ އެކި ވަގުތު ބަދަލުވަމުންނެވެ.
އުމުރުފުޅުން 80 އަހަރުގެ ޚާލިދާ ޒިޔާ ގިނަ ދުވަސްތަކެއް ވަންދެން އާތުރައިޓިސް، ހަކުރު ބަލި، ކިޑްނީ، ފުރަމޭ، ފުއްޕާމޭ، ހިތް އަދި ލޮލުގެ ބަލިތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވައެވެ. އެކަމަނާ ސީސީޔޫގައި ފަރުވާ ހޯއްދަވަމުންދާތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މި ފަރުވާތައް ކުރިއަށްދަނީ ކާޑިއޮލޮޖިސްޓް ޕްރޮފެސަރު ޝަހާބުއްދީން ތާލުކްދާރުގެ ބެއްލެވުމުގެ ދަށުންނެވެ.
ބީއެންޕީގެ އެކްޓިން ޗެއާމަން ތާރިގު ރަހްމާން ލަންޑަނުން އެނބުރި ވަޑައިގަތުމަށްފަހު، ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި މަންމާގެ ހާލުކޮޅު ބައްލަވާފައިވެއެވެ. އޭނާ ވަނީ ޕާޓީގެ ސަޕޯޓަރުންގެ ކިބައިން މަންމައަށް ހެޔޮ ދުއާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.






