އަމިއްލަ ހަށިގަނޑުގެ ގުނަވަނެއް ވިއްކުމަށް އިޝްތިހާރު ކުރި މައްސަލައެއްގައި ޖޯޑަންގެ ކޯޓަކުން މީހަކު އެއް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ. މި ހުކުމް އިއްވާފައިވަނީ އިންސާނީ ގުނަވަންތައް ވިޔަފާރިއަށް ބޭނުން ކުރުމާ ދެކޮޅަށް އެކުލަވާލާފައިވާ ގާނޫނާ ޚިލާފުވުމުގެ ކުށުގައެވެ.
މި މައްސަލައިގައި ދައުވާ ލިބޭ މީހާ ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި އޭނާގެ ކިޑްނީ ވިއްކަން ބޭނުންވާ ކަމަށް ބުނެ އިޝްތިހާރެއް ޖަހާފައެވެ. އެ އިޝްތިހާރުގައި އޭނާ ބުނެފައިވަނީ، ”އަހަރެންނަކީ އުމުރުން 50 އަހަރުގެ ރިޓަޔަރޑް މީހެއް، ސިއްހަތު ވަރަށް ރަނގަޅު. ނަމަވެސް އެއްވެސް މަސައްކަތެއް ނެތް. އަހަރެންގެ މައްޗަށް އޮތް ދަރަނިތައް ދެއްކުމަށްޓަކައި 25،000 ދީނާރަށް ކިޑްނީ ވިއްކަން ބޭނުން،“ މިފަދައިންނެވެ.
މި މައްސަލަ ފެންމަތިވުމާ ގުޅިގެން އެ ގައުމުގެ ސައިބަރ ކްރައިމް ޔުނިޓުން ވަނީ އެ ޕޯސްޓް ފޮލޯކޮށް، އެ މީހާ ހޯދައި ހައްޔަރުކޮށްފައެވެ. އަދި އޭނާ ކިޑްނީ ވިއްކާފައިވޭތޯ ބެލުމަށްޓަކައި ހެދި މެޑިކަލް ޓެސްޓުތަކުން އެނގުނު ގޮތުގައި އޭނާގެ ހަށިގަނޑުގައި އެއްވެސް އޮޕަރޭޝަނެއްގެ ނިޝާނެއް ނެތް ކަމަށާއި، ދެ ކިޑްނީވެސް ސަލާމަތުން ހުރި ކަމަށް ކޯޓު ރިޕޯޓުތަކުން ބުނެއެވެ.
ކޯޓުން މި މައްސަލަ ނިންމާފައިވަނީ ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައެވެ. އިންސާނީ ގުނަވަންތަކުގެ ވިޔަފާރި ކުރުމަކީ ގިނަ ގައުމުތަކެކޭ އެއްފަދައިން ޖޯޑަންގައިވެސް ހަރުކަށިކޮށް މަނާކޮށްފައިވާ ކަމެކެވެ. މި ހުކުމާއެކު އޭނާ ޖަލަށް ލުމުގެ އިތުރުން ކޯޓު ފީ ދެއްކުމަށްވެސް ވަނީ އަމުރުކޮށްފައެވެ.






