އަބޫ ޢުބައިދާ: ފަލަސްތީނުގެ މިނިވަންކަމުގެ އަޑާއި ރަމްޒު

އިބްރާހީމްް ސަމީރު
ޑިސެމްބަރ 30, 2025

ޔަހޫދީން އެމީހެއްގެ އަޑާއި ބަޔާންތައް ދެކެ ބިރުގަތް، އަބޫ ޢުބައިދާއަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުގެ އަސްކަރީ ގޮފި، ކަތާއިބުލް ޤައްސާމުގެ ތަރުޖަމާނެވެ. އޭނާއަކީ ފާއިތުވި 2 އަހަރު އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ކުރެވޭ ނަފްސާނީ ހަނގުރާމައިގެ އެންމެ ވަރުގަދަ އެއް ތަނބެވެ. އޭނާގެ މޫނު ނިވާކޮށްފައި ހުންނަ ރަތް ކޫފިޔާ އާއި، ނިތްކުރީގައި އައްސާފައިވާ ފެހި ރިބަން ފަށަކީ މިއަދު މުޅި އިސްލާމީ އުންމަތުގައި ސާބިތުކަމާއި ހިތްވަރުގަދަކަމުގެ ރަމްޒެކެވެ.

އަބޫ ޢުބައިދާގެ އަސްލު ނަމަކީ ޙުޒައިފާ ސަމީރު ޢަބްދުﷲ އަލްކަޙްލޫތެވެ. އޭނާ އުފަންވީ 1984 ވަނަ އަހަރު ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕުގައެވެ. އޭނާ ތަޢުލީމު ހާސިލުކުރީ އުންރުވާގެ ސްކޫލްތަކުންނާއި ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި އޭނާއަކީ ކީރިތި ގުރުއާނުގެ ތަފްސީރުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިގެން ހުންނެވި ޢިލްމުވެރިއެކެވެ. މިއީ އޭނާގެ ވާހަކަދެއްކުންތެރިކަމުގެ ފަހަތުގައިވާ ބާރާއި، ދީނީ ގޮތުން އޭނާގެ ހިތުގައިވާ ސާބިތުކަން އަންގައިދޭ ކަމެކެވެ.

އަބޫ ޢުބައިދާ ޙަމާސްގެ ސަފުތަކާ ގުޅުނީ 2000 ވަނަ އަހަރު ފެށުނު ދެވަނަ އިންތިފާޟާގެ ދުވަސްވަރުއެވެ. އެންމެ ފުރަތަމަ އޭނާ މީޑިއާއަށް ފެނިގެންދިޔައީ 2004 ވަނަ އަހަރު ’އައްޔާމުލް ޣަޟަބު‘ ނުވަތަ ’ރުޅިވެރިކަމުގެ ދުވަސްތައް‘ މި ނަމުގައި ހިންގި އަސްކަރީ އޮޕަރޭޝަނުގެ ތެރެއިންނެވެ. އޭގެ ފަހުން 2005 ވަނަ އަހަރު އިސްރާއީލުގެ ސިފައިން ޣައްޒާއިން ފޭބުމުން، އޭނާ ރަސްމީކޮށް ޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނަކަށް އައްޔަންކުރެވުނެވެ. އޭނާގެ އަޑަކީ އިސްރާއީލުގެ ސަލާމަތީ ބާރުތަކަށް ބިރުވެރިކަން ގެނުވާ، އަދި ފަލަސްތީނުގެ ރައްޔިތުންނަށް އުންމީދު އާކޮށްދޭ އަޑަކަށް ވެގެންދިޔައެވެ.

އަބޫ ޢުބައިދާގެ ނަން އެންމެ ބޮޑަށް މަޝްހޫރުވެގެންދިޔަ ބައެއް ހާދިސާތަކުގެ ތެރޭގައި 2006 ވަނަ އަހަރު އިސްރާއީލު ސިފައިންގެ މީހެއް ކަމަށްވާ ގިލްޢާދު ޝާލިތު ހައްޔަރުކުރިކަން އިޢުލާންކުރުން ހިމެނެއެވެ. އަދި 2014 ވަނަ އަހަރުގެ ހަނގުރާމައިގައި ޝާއުލް އާރޮން ހައްޔަރުކުރިކަން އިޢުލާންކުރުމަކީވެސް އޭނާގެ މަޝްހޫރުކަން އިތުރުވެގެންދިޔަ ކަމެކެވެ. އޭނާގެ ކޮންމެ ޚިޠާބަކީ އިސްރާއީލުގެ ދޮގު ޕްރޮޕެގެންޑާތައް ފަޅާއަރުވާލައި، މައިދާނުގައި ހިނގާ އަސްލު ކަންތައްތައް ދުނިޔެއަށް ހާމަކޮށްދޭ ވަސީލަތެކެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފަލަސްޠީނުގެ މިނިވަންކަމަށް ފެށި ’ޠޫފާނުލް އަޤްޞާ‘ އޮޕަރޭޝަނުގައި އަބޫ ޢުބައިދާގެ ދައުރު ވަރަށް ބޮޑެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އޭނާ ޝަހީދުވެފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. އިސްރާއީލުގެ ނަތަންޔާހޫ އާއި ދިފާއީ ވަޒީރު ވަނީ އޭނާ އަވަހާރަކޮށްލެވުނު ކަމަށް ދައުވާކޮށްފައެވެ. އަބޫ ޢުބައިދާ ޝަހީދުވުމަކީ ފަލަސްތީނުގެ މުޖާހިދުންނަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ބޮޑު ހިތާމައެކެވެ.

އަބޫ ޢުބައިދާއަކީ ހަމައެކަނި ތަރުޖަމާނެއް ނޫނެވެ. އޭނާއަކީ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވި އަޑެކެވެ. އޭނާގެ ހަށިގަނޑު މި ދުނިޔެއާ ވަކިވެގެންދިޔަ ކަމުގައިވިޔަސް، އޭނާ ދޫކޮށްދިޔަ ހިތްވަރާއި، ސާބިތުކަމުގެ ފިލާވަޅުތައް ފަލަސްތީނުގެ ޖީލުތަކަށް ދެމިއޮންނާނެއެވެ. އޭނާގެ އަޑަކީ އަބަދުވެސް މިނިވަންކަމަށް އެދޭ މީހުންގެ ހިތްތަކުގައި ގުގުމަމުންދާނެ އަޑެކެވެ.

 

މި ލިޔުމާ ގުޅޭ