މިހާރު ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިސްޓަމްތަކުގެ ތެރޭގައި ހިމެނޭ ޗެޓްޖީޕީޓީއަށް، އިސްރާއީލަށް ތާއީދުކުރަން ދަސްކޮށް ދިނުމަށް އިސްރާއީލުން 6 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 92 މިލިއަން ދިވެހި ރުފިޔާ) ގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފިއެވެ. މިކަމަކީ، އޭއައި އައުޓްޕުޓްތަކާއި އޮންލައިން ކޮންވަރސޭޝަންތަކުން ޣައްޒާއާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަށް ނުފޫޒު ފޯރުވުމަށް ހިންގާ ހަރަކާތްތަކެއްގެ ބައެކެވެ.
މި މަސައްކަތަކީ، އާންމުކޮށް އިޝްތިހާރުކުރުމުގެ ބޭރުން، ޑިޖިޓަލް ދުނިޔޭގައި އިސްރާއީލަށް ފައިދާވާނެ ގޮތަކަށް ވާހަކަ ދައްކަން ބޭނުންކުރާ އޭއައި ސިސްޓަމްތައް ތަމްރީނުކުރުމަށް ހިންގާ ހަރަކާތެކެވެ.
މގޮތުން، ޗެޓްޖީޕީޓީ ފަދަ އޭއައިތަކުން ދޭ ރައްދުތަކާއި، ޑިޖިޓަލް މާހައުލުގައި މައުލޫމާތު ފޯރުކޮށްދޭ ގޮތް އިސްރާއީލަށް ސަޕޯޓުކުރާ ގޮތަކަށް ބަދަލުކުރުމަށް، އެމެރިކާގެ ކުންފުންޏެއް ވަނީ ކުއްޔަށހިފާފައެވެ.
މި ކެމްޕޭންގެ 80 އިންސައްތައަށް ވުރެ ގިނަ މައުލޫމާތު ހަދާފައިވަނީ ޒުވާނުންނަށް، ނުވަތަ ޖެން-ޒީ އަށް ޚާއްސަވާ ގޮތަށެވެ. މީގެ ތެރޭގައި ޓިކްޓޮކް، އިންސްޓަގްރާމް، ޔޫޓިއުބް، ޕޮޑްކާސްޓްތަކާއި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިމެނެއެވެ. މި ކެމްޕޭންގެ މަޤްސަދަކީ އެމެރިކާގައި މަހަކު 50 މިލިއަން އިމްޕްރެޝަން އުފެއްދުމެވެ.
މި ކޮންޓްރެކްޓްގައި ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުގައި، އޭއައި ކޮންވަރސޭޝަންތަކުގެ ތެރޭގައި ”ޖީޕީޓީ ފްރޭމިން ރިޒަލްޓްސް“ ގެނެސްދިނުން ހިމެނެއެވެ. މިއީ ހަމައެކަނި މެސެޖް ފޮނުވުމެއް ނޫނެވެ. މިއީ އޭއައިގެ ތެރެއަށް ވާހަކަ ދައްކާނެ ގޮތާއި މައުލޫމާތު ފޯރުކޮށްދޭނެ ގޮތް ކޮންޓްރޯލްކުރުމަށް ހިންގާ ބޮޑު މަސައްކަތެކެވެ.






