އަނެއްދުވަހު މަންމަ ހެއްދި ޓެސްޓުތަކުގެ ނަތީޖާ ނަގަން އަހަރެން ދިޔައީމެވެ. އަހަރެންނާއިއެކު މަންމަ ދާން ބޭނުންވިއެވެ. އެހެންނަމަވެސް މަންމަ އޮތީ ވަރަށް ބޮޑަށް ހުންގަދަވެފައެވެ. ގަޑިން ގަޑިޔަށް ބޭސްދެމުން ގެންދިޔައިރުވެސް ހުންގަނޑު މުޅިން ފިލައިގެން ދާގޮތެއް ނުވިއެވެ. މަންމަގެ ހުރިހާ ކަމެއްވެސް ކޮއްކޮމެން ވަރަށް ރަނގަޅަށްބަލަހައްޓަމުން ގެންދިޔައެވެ. ކްލިނިކަށް ގޮސް އެތެރެއަށް ވަތްއިރުވެސް އަހަރެންގެ މޭ ބާރަށް ތެޅެމުން ދިޔައެވެ. ހިތްބިރު ގަތްފައި ހުރީ އިންތިހާއަށެވެ. ރިޕޯޓުގައި އަހަރެން ހިފީވެސް، ތުރުތުރު އަޅައަޅާ އޮތް އަތަކުންނެވެ. އެ ރިޕޯޓު ބަލައިލަން އަހަރެން ކިތަންމެހާވެސް ބޭނުންވިއެވެ. އެހެނަސް އެހާ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތެވެ. ބެލިޔަސް މާބޮޑު އެއްޗެއް އަހަރެންނަކަށް ނުވެސް އެނގޭނެތާއެވެ. އެހެނީ އަހަރެންނަކީ މާފުރިހަމަ ތަޢުލީމެއް ލިބިފައިވާ މީހަކީވެސް ނުމެނޫންމެއެވެ. ކޮންމެއަކަސް ރިޕޯޓު ހިފައިގެން އަހަރެން ދިޔައީ ޑޮކްޓަރު ކައިރިއަށެވެ. އެރިޕޯޓު ބަލައިލާފާ ޑޮކްޓަރުގެ ދެލޯ ކާއްޓެއް ފަދައިން ބޮޑުވެގެން ދިޔަތަން އަހަރެން ދުށީމެވެ. އެވަޤުތު އަހަރެންގެ އަތްފައި ފިނިވެގެން ދިޔައެވެ. އެހެނީ އަހަރެންގެ ހިތުގައި އުފެދިފައިވާ ޝައްކު ޔަޤީނަށް ބަދަލުވެއްޖެކަން ވަރަށް ރަނގަޅަށް ޔަޤީންވިއެވެ. ”މީ ކިހިނެއްވާނެ ކަމެއް؟ މިހެން ވެގެން ނުވާނެ. އަހަރެން ބޭނުން ޖުނެއިދު މަންމަގެ ޓެސްޓުތައް އަލުން ހަދުވަން.“ އަހަރެންނަށް ލިބުނު ހައިރާންކަމާއިއެކު ޑޮކްޓަރާއި ސުވާލު ކޮށްލީމެވެ. ”އަނެއްކާ ކިހިނެއްވީތޯ ޑޮކްޓަރ؟ ތީ އަޅުގަނޑު މަންމަގެ ރިޕޯޓެއް ނޫންތޯ؟“ އެވަޤުތު އަސަރުން ފުރިގެންވާ ނަޒަރަކުން ޑޮކްޓަރ އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. ”އަހަރެންވެސް މި ޓެސްޓުތައް ހެދުވީ ވަކި ކަމަކަށް ޝައްކުވެގެން. އެކަމަކު އެއީ ތެދަކަށް ވެދާނެކަމަކަށް އަހަރެންނަކަށް ޤަބޫލެއް ނުކުރެވޭ. މި ޓެސްޓުތައް ހަދަން ހަވާލުކުރި އިރުވެސް އަހަރެން ހިޔެއް ނުކުރަން މިހެން ވާނެކަމަކަށް.“ އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން އިނދެ، ޑޮކްޓަރު ވާހަކަ ދައްކަވަމުން ގެންދެވިއެވެ. ”ކޮން ކަމެއްތޯ؟ ޑޮކްޓަރު ތި ބުނުއްވަން އުޅުއްވާ އެއްޗެއް އަޅުގަނޑަކަށް ނުވިސްނުނު.“ ހައިރާންވެ އިނދެ އަހަރެންނަށް ސުވާލު ކޮށްލެވުނެވެ. ”އިއްޔެގަ ޖުނެއިދު މަންމަ ދިން މަޢުލޫމާތު ތަކަށް ބަލާއިރު މިހެން ވެގެން ނުވާނެ. އެހެން ނޫނީ މިހެން ވާނެ ޖާގައެއް ނެތް. އެކަމަކު މި ރިޕޯޓުން ދައްކާގޮތުން ވިއްޔާ ޖުނެއިދުގެ މަންމަ މިއޮތީ އެޗެ. އައި. ވީއަށް ޕޮޒިޓިވް ވެފަ.“ އަހަރެންގެ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަކަހަލައެވެ. އެފަދަ ބިރަކާއިއެކު އަހަރެން މިތަނަށް އައެއްކަމަކު ހިތް އެދެމުން އައީ އެހެން ނުވުމަށެވެ. އެހެންނަމަވެސް އެކަން އެހެން އެވީއެވެ. އަހަރެންގެ މަންމަ އެއިޑްސްގެ ޝިކާރައަކަށް ވީއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މަންމަ ސަލާމަތްކުރެވޭނެ ގޮތެއް އެއީ ނެތް ގޮތެކެވެ. އެހެންނަމަވެސް އުންމީދީ ޖަވާބެއް ލިބޭނެ ކަމުގެ އުންމީދުގައި އަހަރެން ޑޮކްޓަރާއި ސުވާލުކުރަން ފެށީމެވެ. ”ޑޮކްޓަރ، އަހަރެންގެ މަންމައަށް އެކަށީގެންވާ ފަރުވާއެއް ލިބެން އެބައޮތްތޯ؟ ނޫނީ މިކަމުން ސަލާމަތްވާނެ ގޮތެއް އެބައޮތްތޯ؟“ އަހަރެންގެ ސުވާލުތަކުން ޑޮކްޓަރަށް ލިބުނީ ހައިރާން ކަމަކެވެ. އެހެނީ އެކަން އެހެން ވެދާނެ ކަމަށް އަހަރެން ޤަބޫލުކޮށްގެން ހުރީކަމަށް ޑޮކްޓަރަށް ހީވާން ފެށިއެވެ. އަދި ހައިރާނުން ފުރިގެންވާ ނަޒަރަކުން އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިންނެވިއެވެ. ”ޖުނެއިދު! މީ ޞައްޙަ ރިޕޯޓެއްކަމަށް ޖުނެއިދު ޤަބޫލުކުރާހެން އަހަރެންނަށް ހާދަ ހީވޭ.“ އެވަޤުތު އަހަރެންނަށް ކުއްލިޔަކަށް އިސްދަށަށް ޖަހާލެވުނެވެ. ޑޮކްޓަރުގެ ކުރިމަތީގައި އަހަރެންގެ މަންމަ ބޭޒާރު ވެދާނެކަމުގެ ބިރު ހީވާންފެށިއެވެ. ”ނޫން އެހެންވެގެނެއް ނޫން. މިސާލަކަށް އެހެންވެއްޖެނަމަ ދެން ވާނެގޮތަކާމެދު ކަންތައްތައް އޮޅުންފިލުވާލަން ބޭނުންވެގެން މިހެން މި އަހާލީ.“ އެހެން ބުނުމާއިއެކު ޑޮކްޓަރާއި ހަތަރުކަޅި ހަމަކޮށްލީމެވެ. ވަރަށް ނުކެރިފައި އިނދެގެންނެވެ. އަދި އެވަޤުތު ލުއިލުއި ހިނިތުންވުމެއް އަހަރެންގެ މޫނުމައްޗަށް ވެރިވެގެން ދިޔައެވެ. ”އަހަރެން ބޭނުން އިތުރު ޓެސްޓުތަކެއް ހަދުވަން. އެކަމަކު މިފަހަރު ޓެސްޓު ހަދާނީ މިތަނަކުން ނޫން. ޖުނެއިދު ދޭ މަންމަ ގޮވައިގެން ހޮސްޕިޓަލަކަށް.“ އަހަރެން އަތަށް ރިޕޯޓު ދިއްކަށްލަމުން ޑޮކްޓަރު ބުނުއްވިއެވެ. އެއަށްފަހު ދެން ކަންތަން ކުރަންވީ ގޮތް އަހަރެން ބުނެލަދޭނަން. އަދި ހަނދާންކުރާތި. މިވާހަކަ ކޮންމެސް ކޮންމެސް މަންމައަށް ނާންގާތި އިނގޭ.“ އަހަރެންނާއި ހަތަރުކަޅި ހަމަކޮށްލަމުން ޑޮކްޓަރު ބުނުއްވިއެވެ. އަހަރެންވެސް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލާފައި ބޭރަށް ނިކުތުމަށް ހިނަގައިގަތީމެވެ.
ބޭރަށް ނިކުތުމާއިއެކު، އަހަރެންގެ ހިތުގައި އެތައް ސުވާލުތަކެއް ދައުރުވާން ފެށިއެވެ. ދެން މަންމައަށް ވާނެގޮތަކާއިމެދު ފިކުރު ބޮޑުވިއެވެ. މަންމަ ކައިރީގައި މިވާހަކަ ބުނާނެ ގޮތަކާއިމެދު ވިސްނެން ފެށުނެވެ. މިކަން ބައްޕައަށް އެނގިއްޖެނަމަ ބައްޕަ މަންމައާއި ދޭތެރޭގައި ކަންތައް ކުރާނެ ގޮތަކާއިމެދުވެސް ކަންބޮޑުވިއެވެ. މިފަދަ އެތައް ޚިޔާލެއްގެ ތެރެއަށް ގެނބިގެން ހުރެ ދެވޭނުދެވޭ ތަނެއް ނޭންގި ހިނގަމުން އަހަރެން ދިޔައީމެވެ. އެވަޤުތު ފޯނު ނަގާފައި އަހަރެންގެ އެކުވެރި ހަސަންއަށް ގުޅާލީމެވެ. އޭނާ އިނީ، އޭނާގެ ގޭގައެވެ. އެގެއަށް އައުމަށް ދަޢުވަތު ދިނުމުން އަހަރެން ދިޔައީމެވެ. ޙަސަންވެސް އެއްކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެން އެކަނި އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަހަރެން ދިޔުމުން ޙަސަން އަހަރެންނަށް ދަޢުވަތު ދިނީ، އޭނާ ހުރި ޙާލަތަށް އަހަރެންވެސް ގެންދާށެވެ. އެހެނީ އެވަޤުތު ހަސަން ހުރީ މަސްތުގެ ޙާލަތުގައެވެ. އެހެންނަމަވެސް އަހަރެން އެކަމަށް އިންކާރު ކުރީމެވެ. މިވަޤުތު އެކަން ކުރަން ބޭނުންނުވާކަމަށް ބުނީމެވެ. ޙަސަންވެސް އެކަމަކަށް މާބޮޑު ބާރެއް ނާޅައެވެ. އެހެންނަމަވެސް އަހަރެން ދައްކަމުން ގެންދިޔަ ވާހަކަ އޭނަ ވަރަށް ކަނުލާ އަޑުއެހިއެވެ. އެއީ އޭގެކުރިން އަހަރެންގެ ރައްޓެހިންގެ ކައިރީގައިވެސް ނުދައްކާ ވާހަކަތަކެވެ. ހިއްސާކުރަން ޖެހިލުންވެފައިވި ކަންތައްތަކެވެ. އަހަރެންގެ މަންމަ ބޭޒާރުކުރަންވެސް ބޭނުން ނުވީތީއެވެ. އެމީހުންގެ ކުރިމަތީގައި މަންމަގެ އަގު ވައްޓާލަންވެސް ބޭނުންނުވީތީއެވެ. ހަމަޖެހިލައިގެން އިނދެ އަހަރެން އެހުރީ ވާހަކަތަކެއް އެވަޤުތު ޙަސަންއާއި ހިއްސާކުރި ސަބަބަކީވެސް އެއީއެވެ. އަހަރެން އެހުރިހާ ވާހަކަތަކެއް ޙަސަންއާއި ހިއްސާކުރަމުން ގެންދިޔައީ އޭނާގެ ޙާލަތު އެނގިހުރެއެވެ. އޭނާ ހަމަހޭވެރިކަން ވުމަށްފަހު އަހަރެން ދެއްކި އެއްވެސް ވާހަކައެއް ހަނދާން ނުހުންނާނެކަން އަހަރެންނަށް އެނގޭތީއެވެ. އަހަރެންގެ މަޤްޞަދަކީ ކޮންމެވެސް ގޮތަކަށް އަހަރެންގެ ހިތުގެ އުދާސްތައް ބޭރުކޮށްލުން ކަމަށް ވީތީވެސްމެއެވެ. އަހަރެމެން ދެމީހުން ވާހަކަ ދައްކަން ތިއްބާ އެތަނަށް އައިސް ވަނީ ޝާމިލްއެވެ. ޝާމިލް ފެނިފައި އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އެހެނީ ވަނުމާއިއެކު، ހައިރާނުން ފުރިގެންވާ ނަޒަރަކުން އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން ހުރީތީއެވެ. އަނެއްކާ އަހަރެން ދެއްކި ވާހަކަތައް ޝާމިލްއަށް އަޑުއިވުނީބާއެވެ؟ އާނއެކެވެ. އަހަރެން އެހުރިހާ ވާހަކަތަކެއް ދައްކަމުން ގެންދިޔައިރު ޝާމިލްހުރީ ދޮރުގެ އަނެއްފަރާތުގައި ކަންފަތް ޖަހައިގެން އަޑުއަހާށެވެ. އިރުކޮޅެއްވަންދެން އެހެން ހުރުމަށްފަހު ޝާމިލް އައިސް އަހަރެން ކައިރީގައި އިށީންދެލިއެވެ. ”ޖުނޭ، ކީކޭ ތިކިޔަނީ؟ ތި ކިޔޭ އެއްޗެއް ޖުނޭއަށް އެބަ އެނގޭތަ؟ ތި ދައްކަނީ އަމިއްލަ މަންމަގެ ވާހަކައެއްނު.“ އަހަރެންނަށް ބުނާނެ އެއްޗެއްވެސް ނޭންގުނެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެހެނީ އަހަރެންގެ މި ދެއެކުވެރިންގެ ތެރެއިން ކަންކަމާ އެންމެ ބޮޑަށް ފާޑުކިޔާ އަނގަމަޑުން ލައިގެން ނުހުރެވޭ މީހަކީވެސް ޝާމިލްއެވެ. އޭނާ އެވާހަކަތައް ކޮންމެފަދަ ތަނެއްގައިވެސް ދައްކަފާނެކަމުގެ ބިރު އަހަރެންގެ ހިތުގައި އުފެދެން ފެށިއެވެ. ”ހެޔޮނުވާނެ ޝާމީ، އަހަރެންގެ މިވާހަކަތައް އެއްވެސް މީހެއްގެ ކައިރީގަ ނުބުނާތި އިނގޭ.“ އާދޭހުގެ ރާގަކަށް އަހަރެން ބުނެލީމެވެ. އެވަޤުތު އަހަރެންނަށް ފެނުނީ މީގެ ކުރިން އަހަރެންނަށް ދުވަހަކުވެސް ނުފެންނަ ޝާމިލްއެކެވެ. އެހެނީ އޭނާ އަހަރެންނާއި ކުރިމަތިލީ ވަރަށް އޯގާތެރި އަދި އެހާމެ ވިސްނޭ އިންސާނެއްގެ ގޮތުގައެވެ. މީގެ ކުރިން މީހަކަށް ފާޑުކިޔުމާއި ޖައްސާލުމުގައި ހައްދެއް ނޯންނަ ޝާމިލް، މިއަދު ވަރަށް މަޑުމައިތިރި ވެފާ ހަމަ ހިމޭނެވެ. ”ޖުނޭ ހަމަޖެހިބަލަ. އަހަރެން ނޫޅެމޭ ތިވާހަކަ އެއްވެސް މީހެއް ކައިރީގަ ދައްކާކަށް. އެކަމަކު ޖުނޭ ބުނެބަލަ، ތީ ހަމަ ތެދު ވާހަކައެއްތަ؟“ ޤަބޫލުކުރަން ދަތިވެފައި އިންކަހަލަ ގޮތަކަށް ޝާމިލް އަހަރެންނާއި ސުވާލުކުރިއެވެ. އެކަމަކު އޭގެ ޖަވާބުގައި މަޑުމަޑުން ބޯޖަހާލުން ފިޔަވާ އިތުރު އެއްވެސް ކަމެއް އަހަރެންނަކަށް ނުކުރެވުނެވެ. އެވަޤުތު ޙަސަންވެސް ކޮންމެވެސް ވަރަކަށް ވާހަކަދައްކަން ފެށިއެވެ. ”އަހަރެންނަށްވެސް ތިކިޔާ އެއްޗެއް އެބަ ވިސްނޭ ބްރޯ. އަސްލު ތިހާ ހިސާބަށް ދިޔައީ ކީއްވެގެންތަ؟ މަންމައަކީ..“ ގައިގާ ވަރުނެތްކަހަލަ ގޮތަކަށް ޙަސަން ވާހަކަ ދެއްކިއެވެ. ނަމަވެސް އޭނާގެ ވާހަކަ އެހިސާބަށް ދިޔުމުން އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ. އަދި ވަރަށް ބާރަށް ޙަސަންއާއި ދިމާއަށް ހަޅޭއްލަވައި ގަނެވުނެވެ. އެކަމަކު ހަސަން ހުރީ މަސްތުގެ ޙާލަތުގައި ކަމަށް ވީނަމަވެސް ކޮންމެވެސް ވަރަކަށް އޭނަގެ ހަމަހޭވެރިކަން އެބަ ހުރިކަން، އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔަގޮތުން އަހަރެންނަށް އެނގުނެވެ. ވާނީވެސް އެހެންތާއެވެ. އެކަމުގެ ތެރޭގައި އުޅޭތާ އެތައް އަހަރެއްވާއިރު ހުންނާނީ އެކަމަށްވެސް ހޭނިފަތާއެވެ. ”އަހަރެން ކުރަން މިއުޅޭ ސުވާލު ނިކަން ރަނގަޅަށް އަޑުއަހާފަ ޖުނޭ އަހަންނާ ދިމާލަށް ހަޅޭއްލަވާބަލަ. މަ އަހަން މިއުޅުނީ މަންމައަކީ އެއްވެސް ކަމަކާ ގުޅިގެން ލޭ އަޅަންޖެހޭ މީހެއްތޯ.“ ޙަސަންގެ ވާހަކަ ނިމުމުން އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އަދި ޝާމިލްއާއި ދިމާއަށް ބަލައިލީމެވެ. ޝާމިލްވެސް ހަމަ އެފަދައެވެ. އެންމެ ފުރަތަމަ އަހަރެން ދެއްކި ހުރިހާ ވާހަކަތަކެއް ހަސަންއަށް އޮޅުންފިލާފާ ނެތްކަހަލައެވެ. އެހެނީ އެކަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޭނާ ނުކުރީތީއެވެ. އެގޮތުގެ މަތިން ޙަސަން ކުރި ސުވާލަށް އަހަރެން ވަރަށް ހަމަޖެހިލާފައި ޖަވާބު ދިނީމެވެ. އެއަށްފަހު އަހަރެންނާއި ޝާމިލް ކޮންމެވެސް ވަރަކަށް ޙަސަންއާއި ދުރަށް އެއްފަރާތަކަށް ޖެހިލީމެވެ. އަދި އެކަމާ ބެހޭގޮތުން ވާހަކަދެއްކީމެވެ. ޝާމިލް އަހަރެން ކައިރީގައި ބުނީ ދެންވެސް ހެދެންހުރި ހުރިހާ ޓެސްޓުތަކެއް ހެދުމަށެވެ. އަދި ހުރިހާ ގޮތަކުން ޔަޤީންކޮށްފާ ނޫނީ އެއްވެސް ކަހަލަ ނިންމުމެއް ނުނިންމުމަށެވެ. އަދި ކޮއްކޮމެންނާއިވެސް އެވާހަކަ ހިއްސާކުރަން ބުންޏެވެ. އެހެންނަމަވެސް ހުރިހާ ކަމެއް ނިންމުމަށް ފަހުގާ ކަމަށެވެ. ޝާމިލްގެ ވާހަކަތަކުން އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނެވެ. އޭނާ ދިން ޚިޔާލުވެސް އަހަރެންނަށް ކަމުދިޔައެވެ. އެގޮތުގެ މަތިން ހިތްހަމަ ޖައްސާލައިގެން އަހަރެން ދިޔައީ ގެއަށެވެ.
އަހަރެން ގެއަށް ގޮސް ވަތްއިރު ބައްޕަ އިނީ ސިޓިންގް ރޫމުގައެވެ. ކައިރީގައި އިތުރު ދެމީހުން ތިއްބެވެ. އަހަރެން ވަނުމާއިއެކު ފާޑަކަށް އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. ”މިއޮއް އައީނުގެ ޝަރީފާގެ ހަށިފާރަވެރިޔާ. މިހާރުވެސް އެއޮތީ ބަލިކަމަށް ހަދައިގެން. އަހަރެން އެހާވަރަށް އިންޒާރު ދިނީމަ މަގެއް ފެންނަގޮތް އެވީ. އެކަމަކު ދެން މީނަ އައިމަ މީދެން ވާނެ ކަމެއް ހެނެއް ހިއެއްނުވޭ. ހާދަ ދެރަކަމެކޭ.“ އަހަރެން ކައިރިޔަށް އައިސް ހުރި ރުޅީގަ ބައްޕައާއި ދިމާއަށް ދާން ހިނގައިގަތީމެވެ. އެވަޤުތު މަންމަ ކެއްސާލި އަޑު އިވިގެން އަހަރެންނަށް މަންމަގެ ކޮޓަރިއާއި ދިމާއަށް ބަލައިލެވުނެވެ. އެހިނދު އަހަރެންނަށް މުހިންމުވީ މަންމަ ކައިރިއަށް ދިޔުމަށެވެ. އެހެންކަމުން ބައްޕައާއި ދިމާއަށް ބަލައިލާފާ، ލޯ އަޅާލެވުނެވެ. އަދި މަންމަ ކައިރިއަށް ދިޔުމަށް ހިނގައިގަތީމެވެ. މަންމަ އޮތީ އެނދުމަތީގައެވެ. ދެން އެހެންވީއިރު ބައްޕަގެ އެދުމުގެ މަތިން މަންމަ ތައްޔާރުވަނީ ކަމަށް އެބުނީ ކީއްވެގެން ބާއެވެ؟ މަގެއް ފެނުނުކަމަށް އެބުނީ ކޮންކަހަލަ ގޮތަކަށް ބާއެވެ؟ އަހަރެން މަންމަ ކައިރިއަށް ގޮސް އިށީންދެލާފައި މަންމައާއި އެސުވާލު ކުރީމެވެ. ބައްޕަ، މަންމަ ކައިރިއަށް އައިތޯވެސް ސުވާލުކުރީމެވެ. މަންމަ ބުނީ ބައްޕައައިސް މަންމަ ގަދަކަމުން ނަގަން އުޅުނު ކަމަށެވެ. އެހެންނަމަވެސް މަންމަ ހުންގަދަކަމުން ދުރަށް ޖެހިލީ ކަމަށެވެ. މަންމަގެ ޖަވާބުން އަހަރެންނަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. އެހެންނަމަވެސް ބައްޕަގެ އެދުމަށް މަންމަ އިޖާބަނުދީ އޮތީތީ އަހަރެން ހިތްހަމަ ޖެހުނެވެ. އެވަޤުތު ޖުމާނާ އައިސް އަހަރެންގެ ކައިރީގައި ހުއްޓުނެވެ. އަހަރެންނަށް އޭނާއާއި ދިމާއަށް ބަލައިލެވުނު ވަޤުތު ކޮންމެވެސް ވަރަކަށް ފެންކަޅި ވެފައި ހުއްޓާ ފެނުނެވެ. ވީކީއްތޯ ބަލަން އަހަރެން ސުވާލުވެސް ކުރީމެވެ. އެހެންނަމަވެސް އެސުވާލުގެ ޖަވާބުދިނީ މަންމައެވެ. މަންމަ ބުނިގޮތުގައި، މަންމަ އެޙާލުގައި އޮންނަތަން ދެކެން އެކުދިންނަށް އުނދަގުލީއެވެ. މަންމަ ބުނި ވާހަކަ އަހަރެންނަށް ޤަބޫލުވެސް ކުރެވުނެވެ. އަހަރެން ޖުމާނާއާއި ދިމާއަށް އެނބުރިލީމެވެ. އަދި އޯގާތެރިކަމާއިއެކީ އޭނާގެ ކޮނޑުގައި އަތް އަޅާލީމެވެ. އެވަޤުތު ޖުމާނާ އަހަރެންގެ ކޮނޑުގައި ބޯ އަޅާލިއެވެ. އަދި ދޮންބެޔޭ ބުނުމާއިއެކު ބާރަށް ރޯން ފެށިއެވެ. ޖުމާނާގެ ރުއިމުގައި ކަންބޮޑުވުމާއި ބިރު އެކުލެވިގެން ވީކަން އަހަރެންނަށް އިހުސާސް ކުރެވުނެވެ. ޖުމާނާގެ ރުއިމުގެ ޙަޤީޤަތަކީ މަންމަ އެބުނާ ކަމަކަށްވުރެވެސް ބޮޑުކަމެއްކަމަށް އަހަރެންގެ ހިތުގައި ޝައްކު އުފެދުނެވެ. މަޑުމަޑުން ޖުމާނާ އަހަރެންނާއި ތަންކޮޅެއް ދުރަށް ޖައްސާލާފައި ދެކޮނޑުގައި އޯގާތެރިކަމާއެކީ ހިފަހައްޓާލީމެވެ. އަދި ވެގެންއުޅޭގޮތެއް އެހުމަށް ސުވާލުކޮށްލީމެވެ. އެވަޤުތު އަނެއްކާވެސް މަންމަ ބާރަށް ކެއްސަންފެށިއެވެ. ދެމީހުންވެސް ތެޅިގަތީ މަންމައަށް ފެންފޮދެއް ދޭށެވެ. އެވަޤުތު އަހަރެންގެ ހިތުގައި އޮތީ މިއަދު އަހަރެންގެ އަތަށްއެރި މަންމަގެ ރިޕޯޓުގެ ބިރުވެރި ކަމެވެ. އެހެންނަމަވެސް ޖުމާނާގެ ޢަމަލުތައް ހުރީ މުޅިން ތަފާތުކޮންނެވެ. އެހެނީ އޭނާ އުޅުނުގޮތުން ހީވީ ހަދަން ޖެހުނު އިމްތިޙާނެއް ނުހަދާ ފަރުޖެހުނު ހެންނެވެ. އަހަރެން ކޮންމެވެސް ވަރަކަށް ޖުމާނާއާއި ދިމާއަށް ބަލައިލީމެވެ. އެއަށްފަހު މަންމައަށް ފެންފޮދު ދޭން ބަލައިލިއިރު މަންމަވެސް އޮތީ ޖުމާނާއާއި ދިމާއަށް ވައްކަޅިން ބަލަހައްޓައިގެންނެވެ. ދެމީހުން އެކަކު އަނެކަކާ އިޝާރާތުން ކޮންމެވެސް ވާހަކައެއް ދެއްކިކަމަށް އަހަރެންނަށް ޝައްކު ކުރެވުނެވެ. އެހެންނަމަވެސް އެކަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއް ކުރާކަށް އަހަރެން ގަސްތެއް ނުކުރަމެވެ. އެހެނީ އިތުރު ކަމަކާ ސުވާލުކޮށްގެން މަންމަގެ ހާސްކަން އިތުރަށް ބޮޑުކުރުވަން އަހަރެން ބޭނުންވެސް ނުވީތީއެވެ. އެހެންނަމަވެސް ރިޕޯޓާއި ބެހޭގޮތުން މަންމަ އަހަރެންނާއި ސުވާލުކުރިއެވެ. އެވަޤުތު އަހަރެން ތުރުތުރު އަޅައިގަތެވެ. އަތުގައިހުރި ފެންތަށިވެސް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އަހަރެންގެ މޫނުމައްޗަށް ވީގޮތް ޖުމާނާވެސް ފާހަގަ ކުރިއެވެ. ”ދޮންބޭ. ކިހިނެއްވީ؟ މަންމަގެ ރިޕޯޓުގަ އޮތީ ކީކޭތަ؟“ އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ޖުމާނާއާއި އެވާހަކަތައް ހިއްސާކުރަން ބޭނުންވިޔަސް މަންމަ ކުރިމަތީގައި އެކަހަލަ ޚަބަރެއް ދޭކަން އަހަރެން ބޭނުމެއް ނޫނެވެ. އެހެންކަމުން މާދަމާ އަދި އިތުރު ޓެސްޓުތަކެއް ހަދަން ހޮސްޕިޓަލަށް ދާންޖެހޭ ވާހަކަ ބުނެލީމެވެ. އަހަރެން ބުނި އެއްޗަކާއި ގުޅުވައިގެން ޖުމާނާ އިތުރު ސުވާލެއް ކުރުމުގެ ކުރިން އެތަނުން ބޭރަށް ނިކުތީއެވެ. ޖުމާނާވެސް އަހަރެންގެ ފަހަތުން ބޭރަށް ނިކުތެވެ.
ދެމީހުން ދިޔައީ ކޮއްކޮމެންގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެފައިވެސް ޖުމާނާ ތަކުރާރުކޮށް ކުރީ ހަމަ އެސުވާލެވެ. އެވަޤުތު ޖުވޭދާއެއް ނެތެވެ. އެހެންކަމުން އަހަރެންނަށް އެކަމާއި ބެހޭގޮތުން ޖުމާނާކައިރީގައި ވާހަކަ ދައްކަން ތަންކޮޅެއް ފަސޭހަވިއެވެ. އަހަރެން ވާހަކަ ފެށީ، އެކި ގޮތްގޮތުން ޖުމާނާއަށް ވިސްނައިދިނުމަށް ފަހުގައެވެ. ކެތްތެރިވުމަށް ނަސޭހަތްތެރި ވެފައެވެ. ”ދޮންބެ ތިބުނަން އުޅޭ އެއްޗެއް ދެން އަވަހަށް ބުނެބަލަ. އަހަރެން ހިތްބިރުގަންނަށް ފަށައިފި. އަނެއްކާ މާބޮޑުކަމެއް އުޅެނީތަ؟“ ޖުމާނާ އެހުރިހާ ވާހަކައެއް ދެއްކިއިރު ޚުދު އޭނާވެސް އިނީ ތުރުތުރު އަޅައަޅައެވެ. އަހަރެން ވަރަށް ހިތްވަރުކޮށްލާފައި ޖުމާނާއަށް ރިޕޯޓު ދައްކާލީމެވެ. ޖުމާނާ ވަޤުތުން ރޯންފެށިއެވެ. އެއީ ނުވެ ނުދާނެ ކަމެއްކަން އޭނާއަށްވެސް ޤަބޫލުކުރެވުނީތީއެވެ. ”ދެން ކިހިނެއް ހަދާނީ ދޮންބޭ؟ މަންމަ ސަލާމަތްވާނެ ގޮތެއް ދެން ހަމަ ނޯންނާނެތަ؟“ ޖުމާނާގެ އެސުވާލުތަކުން އަހަރެންނަށްވެސް ރޮވުނެވެ. އެހެންނަމަވެސް އޭނާއަށް އުންމީދެއް ދެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ”ޑޮކްޓަރު ބުނުއްވީ އަދި އިތުރު ޓެސްޓުތަކެއް ހަދަން ބޭނުންވެލައްވާކަމަށް. މި ޓެސްޓަކީ ފަހަރެއްގަ އޮޅުމަކަށްވެސް ވެދާނެޔޯ.“ ”އެކަމަކު މީ ހަމަ ވެދާނެކަމެއްނު.“ އޭރުވެސް ޖުމާނާ ގެންދިޔައީ ރޮމުންނެވެ. ”އަހަރެންވެސް ޤަބޫލުކުރަން ކޮއްކޯ. މީ އަހަރުމެންނަށް ހިތްދަތި އަދި އެހާމެ ލަދުވެތިވެސް ވަޤުތެއް. މަންމައަށް މިހެން ދިމާވީ ބައްޕަގެ ސަބަބުން ކަމަށްވިޔަސް މަންމަގެ އިހުމާލެއްވެސް ވަކި ކުޑައެއް ނޫން. އެކަމަކުވެސް މަންމަ ސަލާމަތްކުރަން އަހަރެންނަށް ކުރެވުނު ކޮންމެ ކަމެއް ކުރާނަން.“ އަހަރެމެން ދެބެންގެ ވާހަކަ ނިމުމަކާ ގާތަށް އައިތަނާ ޖުވޭދާ އައިސް ކޮޓަރިއަށް ވަނެވެ. ”ދޮންބެޔާ ދޮންތަ ތި ދައްކަނީ ކޮންވާހަކައެއްތަ؟“ އެވަޤުތު އަހަރުމެން ދެމީހުންނަށް އެއްފަހަރާ އެކަކު އަނެކަކާއި ދިމާއަށް ބަލައިލެވުނެވެ. އަދި ވަރަށް ނޭންގޭ ގޮތަށް ދެމީހުންވެސް ބޯ ހޫރާލީމެވެ. އެހެނީ މިފަދަ ވާހަކަތަކެއް ޖުވޭދާއާއި ހިއްސާކުރާ ވަރަށްވުރެ އޭނާ ކުޑަވީތީއެވެ. އެފަދަކަމެއް ތަހަންމަލު ކުރަންވެް އޭނާއަށް އުނދަގޫވާނެތީއެވެ. ޖުމާނާއަކީވެސް އަދި ކުޑަކުއްޖެކެވެ. އެހެނަސް ދިރިއުޅުމުގެ ޙާލަތުވަނީ އޭނާގެ އުމުރަށްވުރެ ބޮޑުވާން މަޖުބޫރު ކުރުވާފައެވެ. އެހެންކަމުން އޭނާއަށް މިކަންކަން ހިއްސާނުކޮށް ކުރިޔަށް ދިޔުމަކީ ޚުދު އަހަރެންނަށްވެސް އުނދަގޫ ކަމަކަށް ވާނެއެވެ. އަހަރެން މި ހުރިހާކަމެއް ޖުމާނާއާއި ހިއްސާކުރަން ގަސްތުކުރީ އެކަހަލަ އެތައް ސަބަބުތަކެއް ހުރީތީއެވެ.
އަހަރެމެން ތިންބެއިން ކޮޓަރިތެރޭގައި ތިއްބާ އިރުކޮޅަކުން ބައްޕަ ވަރަށްބާރަށް ހަޅޭއްލަވައިގެން އަޑު އިވުނެވެ. ތިންބެއިންނަށް އެއްފަހަރާ ކޮޓަރިން ބޭރަށް ދުއްވައިގަނެވުނެވެ. އަޑު އައީ މަންމަގެ ކޮޓަރިއާއި ދިމާއިންނެވެ. އަހަރެމެން ދުވެފައި ގޮސް ކޮޓަރިއަށް ވަނީމެވެ. މަންމަ އޮތީ ބިންމަތީގައި ވެއްޓިފައެވެ. ބައްޕަ ހުރީ މަންމަކައިރީގައެވެ. އަތުގައި ދަނޑިބުރިއެއް އޮތެވެ. އަހަރެން އިތުރު ސުވާލެއްވެސް ކުރާކަށް ނޫޅެމެވެ. ވީކީއްތޯ ބަލާކަށްވެސް މަޑެއް ނުކުރަމެވެ. އެދިޔަގޮތަށް ގޮސް ބައްޕަގެ އަތުން ދަނޑިބުރި އަތުލާފައި ބައްޕަގެ އަތު މުލައްދަނޑިޔާ ދިމާއަށް ދަނޑިބުރި ހޫރާލީމެވެ. ބައްޕައަށް ވީތަދުން ދުރަށް ވިއްސައިގެން ދިޔައެވެ. އެވަޤުތު، އަހަރެން ހުއްޓުވާކަށް އެތަނުން އެކަކުވެސް މަސައްކަތެއް ނުކުރެއެވެ. އެހެނެއްކަމަކު ކޮއްކޮމެން ދުއްވައިގަތީ މަންމަ ނަގާށެވެ. އެހެނީ އެދެކުދިންވެސް ތިބީ ނުހަނު ރުޅިގަދަވެފައެވެ. ”ޖުނޭދު.“ ބައްޕައަށް ވީތަދާއިއެކީ ރުޅިގަދަވެގެން އަހަރެންނާއި ދިމާއަށް އަޑުގެ ނެތްކޮޅަށް ހަޅޭއްލަވައިގަތެވެ. އެހެނަސް އެއަޑަކަށް އަހަރެންނެއް މިފަހަރަކު ނުސިހުނެވެ. އެއާއި ޚިލާފަށް އަހަރެން އަނެއްކާވެސް ދިޔައީ ހަމަ އެދަނޑިބުރި މަޅައިގެން ބައްޕައާއި ދިމާއަށެވެ. އެވަޤުތު މަންމަ އަހަރެންނަށް ގޮވާލި އަޑުއިވުނެވެ. އެހެންނަމަވެސް މަންމަގެ އަޑުވެސް އަހަރެން އަހަން ބޭނުންނުވެފައި ހުރިކަހަލައެވެ. އެހެނީ އަހަރެން ކުރިޔަށް އަޅާފައި ހުރި ފިޔަވަޅު ހުއްޓާކަށް ގަސްތެއް ނުކުރަމެވެ. އަހަރެން ހުރީ ތަންދޮރު ނޭންގޭ ވަރަށް ރުޅިގަދަވެފައެވެ. ”ޖުނޭދު ދަރިފުޅާ ހެޔޮނުވާނެ މަންމައަށްޓަކާވެސް ތިހެން ނޫޅެބަލަ.“ އަހަރެންގެ ފިޔަވަޅު ހުއްޓުނީ މަންމަގެ އާދޭހުގެ އަޑު އިވިފައެވެ. އެވަޤުތު އަހަރެންގެ ހަނދާނަށް އައީ އެންމެ ތުއްތުއިރު އަހަރެންނަށް ދަންވަރު ނިދިން ހޭލެވުނު ދުވަސްވަރެވެ. މަންމަ ބައްޕައަށް ކުރަމުން ގެންދިޔަ އާދޭހާއި ރުއިމުގެ އަޑެވެ. އެހެންނަމަވެސް މިއަދު އެ އާދޭހުގައިވަނީ ބިރުވެރިކަމެއް އެކުލެވިފައެވެ. އަހަރެންނަށް މަންމައާއި ދިމާއަށް ބަލައިލެވުނެވެ. އެއަށްފަހު އަނެއްކާވެސް ބައްޕައާއި ދިމާއަށް އެނބުރިލީމެވެ. ”އަހަރެންގެ އަތުން އިތުރު އަނިޔާއެއް ނުލިބެނީސް ހަމަ މިހާރު މިތަނުން ދޭ. އަހަރެން މި ބުނީނު މިތަނުން ދާށޭ މޫސާ.“ އަހަރެންގެ އަމުރުވެރި ބަސްތައް އިވިފައި ބައްޕަގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެކަމުގެ ތުހުމަތުވެސް އަޅުވަން ގަސްތުކުރީ މަންމަގެ ބޮލުގައެވެ. މަންމަގެ ތަރުބިއްޔަތާމެދު ސުވާލު އުފެއްދިއެވެ.
ބައްޕަގެ ވާހަކަތައް އަޑު އިވިފާ އަހަރެމެން ތިންބެއިންނަށްވެސް ފެނުނީ މީގެ ކުރިން ނުފެންނަ މަންޒަރެކެވެ. މަންމަގެ އަޖައިބު ކުރުވަނިވި ސިފައެކެވެ. ”މޫސާ.“ ވަރުގަދަ އަޑަކުން މަންމަ، ބައްޕައާއި ދިމާއަށް ހަޅޭއްލަވައިގަތެވެ. ”އަހަރެން ލައްކަ ދުވަސްވެއްޖެ ކަލެއަށް އަޅުވެތި ވެގެން އުޅެނީ. އަހަރެން ފަނާވެގެން މިދިޔައީ ކަލޭގެ ނުލަފާ ޢަމަލުތަކުން. މުޅި އުމުރުދުވަހު ކައިގެން ބޮއެގެން ތި އުޅުނީ އަހަރެން ވިއްކައިގެން.“ އެވަޤުތު އަހަރެމެން ތިންބެއިންނަށް އިސްދަށަށް ޖަހާލެވުނެވެ. އެހެންނަމަވެސް މަންމައަށް ލިބިފައިހުރީ ކޮންކަހަލަ ހިތްވަރެއްކަމެއް ނޭންގުނެވެ. ”ސަރީފާގެ ލޮލުގެ ނޫރުފަދަ މިތިބަ ތިން ދަރިންގެ ކުރިމަތީގަ ތިކަހަލަ ވާހަކަ ދައްކާކަށް ލަދެއް ނުގަނޭތަ؟ ތިމާގެ ފަސްބައިގަ ހުރި ހުރިހާ ކިސަޑެއް އެކުދިންނަށް ތި ދައްކަނީ އެއްވެސް ޖެހިލުމެއްނެތި.“ އެވަޤުތު ވަރަށް ލާނެއް ގޮތަކަށް މަންމަ ހީނލިއެވެ. ”މޫސަ ހީކުރީ އަހަރެންގެ މިތިބަ ތިންކުދިންނަށް މޫސަ ކަންތައްކުރާ ގޮތް ނޭންގޭ ކަމަށްތަ؟ އެމީހުންނަށް ނޭންގޭ އެކައްޗެއްވެސް މިހާރަކު ނޯންނާނެ. އެހެންތާވާނީ. އެކުދިންވެސް ބޮޑުވަމުން އެއައީ އެއްފުރާޅެއްގެ ދަށުގަ. މި ހުރިހާ ކަމެއް ލޮލުން ދެކެމުން. މިހާރަކު އެއީކީ ނުވިސްނޭ ވަރުގެ ކުޑަކުދިންނެއް ނޫން.“ އެވަޤުތު ކޮއްކޮމެންގެ އެހީގައި މަންމަ ކޮޅަށްނަގައިގެން ގެންގޮސް އެނދުމަތީގައި ބައިންދާލިއެވެ. އަދި ކައިރީގައި އިށީންދެލާފައި މަންމަގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. މަންމައަށް އިތުރު ހިތްވަރެއް ލިބުނުކަހަލައެވެ. ”މީގެ ކުރިން މޫސަ ޖެހިހާ ބެރަކަށް އަހަރެން ނެށިޔަސް ދެނެއް އެކަމެއް ނުވާނެ. އެހުރީހާ ކަމެއްވެސް އަހަރެން ލައްވާ ކުރުވީ ދަރިންގެ ބިރު ދައްކައިގެން. ނުވިތާކަށް އެތައް އަނިޔާތަކެއް ދީގެން.“ މަންމަގެ އެ ޖުމުލަ އަޑުއިވުމާއިއެކު ބައްޕައަށް ލިބުނީ ހައިރާން ކަމެކެވެ. އެހެންނަމަވެސް މަންމަ އަދި އެވަރުން ނިންމާލީއެއް ނޫނެވެ. އެތައް އަހަރުތަކެއް ވަންދެން މަންމަގެ ހިތުގައި އުފެދިފައިވާ ވޭނީ އާހުތައް މިއަދު ފިސާރި ރަނގަޅަށް ބޭރުކޮށްލާނަމޭ ބުނާކަހަލައެވެ. ”މޫސަ ކުރަމުން ތި އައި ކަންތައް ބޭޒާރު ކޮށްލާނީ ޚުދު އަހަރެން. އެކަމަށްޓަކާ އަހަރެންނަށް ލިބެންވާ ކޮންމެ ޢަދަބެއް ލިބިގަންނަންވެސް މިހުރީ ކެރިގެން ކުރިމަތިލާން ތައްޔާރަށް.“ މަންމަގެ އަމިއްލަ ބަލި ޙާލަތަށްވެސް ވިސްނާލުމެއް ނެތި، ލައްކަ ވާހަކަ ދައްކަމުން ގެންދިޔައެވެ. އަހަރެމެން ތިންބެއިންވެސް ތިބީ ހައިރާން ވެގެން ބުނާނެ އެއްޗެއް ނޭންގިފައވެ. އަހަރެންނަށް ބަލައިލެވުނީ ބައްޕައާއި ދިމާއަށެވެ. ފުރަތަމަ ފަހަރަށް ބައްޕަގެ މޫނުމަތިން ކަންބޮޑުވުން ފެނިފައި އަހަރެންނަށް ލިބުނީ ބުނެދޭން ނޭންގޭފަދަ ހިތްހަމަ ޖެހުމެކެވެ. އާނއެކެވެ. މިއަދު ބައްޕަ އެހުރީ ވަރަށް ބޮޑަށް ބިރުގަތްފައެވެ. ހަދާނެގޮތް ހުސްވެފައެވެ. މަންމަ އެގޮތަށް ޢަމަލުކޮށްފިނަމަ ބައްޕައަށް ވަރުގަދަ ޖަލު ހުކުމެއް އަންނާނެކަން ބައްޕައަށް އެނގެއެވެ. މިއޮއް ހުރިހާ ދުވަހު ބައްޕަ އެކަމެއް އެކުރީ ސާފު ހުދުފޮތިކޮޅެއްގެ ސިފަ އެހެންމީހުންނަށް ދައްކައިގެންނެވެ. އެހެން ދިމާއަކުން އަޑެއް އިވުނަސް އޭގެ ޒިންމާ މަންމައަށް ނަގަންޖެހޭ މޭރުމުން އެބަޔަކަށް ކަންކަން އަނގައިދެމުން ގެންދިޔައެވެ. އެގޮތުގެ މަތިން މަންމައާއި ހިތުން ރުހުމުން އަނގައިން ބުނެލާ އަވަށްޓެރިޔަކުވެސް މަދެވެ. އަހަރެމެން ތިންބެއިންގެ ރައްޓެހިންވެސް އަވަށްޓެރިންގެ ތެރޭގައި ނުތިބޭ ސަބަބަކީ އެއީއެވެ. މަންމައާއި ދޭތެރޭގައި ދެކޭގޮތަށް އަހަރެމެން ތިންބެއިންވެސް ތިބެނީ މުޖުތަމަޢުގާ ބާކީ ކޮށްލާފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވީއިރު ބައްޕަގެ ހަޤީޤަތް ބޭޒާރުކޮށްލުމުގެ ފުރިހަމަ އިޚްތިޔާރު މަންމައަށް ލިބިގެންވާނެތާއެވެ. މަންމަގެ އެފަދަ ހަރުކަށި ބަސްތަކެއް އަޑުއިވިފާ މިއަދަކު ބައްޕަގެ ދުލުން އެއްވެސް ކަހަލަ އިންޒާރުގެ ބަހެއް ނުނިކުތެވެ. ނުވަތަ އެފަދަ ބަސްތަކަކުން މަންމައަށް މިއަދު އެއްވެސް އަސަރެއް ނުކުރާނެކަން ބައްޕައަށް އިހުސާސް ކުރެވިއްޖެއެވެ. އެހެނީ އިތުރު އެއްވެސް އެއްޗެއް ނުބުނެ ބައްޕަ އެތަނުން ދުރަށް ޖެހިލިއެވެ. ދަމުން އެނބުރިލާފައި މަންމައާއި ދިމާއަށް ބަލައިވެސް ލިއެވެ. އެހެންނަމަވެސް އަހަރެންގެ ހިތް ބުނަމުން އައީ އެހާ ފަސޭހައިން ބައްޕަ އެކަން ދުކޮށްނުލާނެ ކަމަށެވެ. އޭގެ ބަދަލު ކޮންމެވެސް ގޮތަކަށް ބައްޕަ ހިފާނެކަމަށް އަހަރެންނަށް ޤަބޫލުކުރެވުނެވެ.
- ނުނިމޭ –






