އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް/ފޮޓޯ އެމްޑީޕީ

ސަރުކާރުން އުޅެނީ ވޯޓުން ކަންކަން ނިންމުމުގެ ބާރު ފޭރިގަންނަން: ފައްޔާޒު

މުހައްމަދު އަލީ
ޖެނުއަރީ 5, 2026

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންގެ އަތުގައި އޮތް ވޯޓުން ގައުމުގެ ކަންކަން ނިންމުމުގެ ބާރު ފޭރިގަތުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވެފައިވަނީ ދެ އިންތިޚާބު އެއްކޮށްލުމުން ލިބޭ ފައިދާ އާއި ގެއްލުންތަކެއް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ”ޚަރަދު ކުޑަކުރަން މި މަތިބަރު ސަރުކާރުން އުޅޭ ތަނެއް ފެނުނު އެކަކުވެސް ނެތް،“ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

”ވޯޓާ ގުޅުންހުރި ކަންކަމުގައި ”ޚަރަދު ކުޑަކުރަން“ ކުރަން މި އުޅޭ ކަންކަމާމެދު އެންމެހާ ދިވެހިން ވިސްނާލުން ބުއްދިވެރި. މަޖިލިސް އިންތިޚާބަކީ ސަރުކާރަށް ފާރަވެރިވެ ގާނޫނު ހަދާ އެންމެމަތީ ބާރަށް މަންދޫބުން ހޮވާ އިންތިޚާބު. ރައްޔިތުންގެ ބާރުވެރިކަން މަޖިލީހުގައި ބާއްވައި ކޮލިޓީ މެންބަރުން އިންތިޚާބުކުރަން އާބާދީ ބޮޑުކޮށް އަތޮޅުތަކަށް މެންބަރުން ހޮވަންވީ، 5،000 އާބާދީއަކަށް ދާއިރާއެއް އޮންނަ އުސޫލު އުވާލުން ރަނގަޅު،“ އޭނާ ވިދާޅުވެފައިވެއެވެ.

ފައްޔާޒު ވިދާޅުވެފައިވަނީ ޗެކްސް އެންޑް ބެލެންސް ނިޒާމު ވަރުގަދަކޮށް ރައްޔިތުންނަށް ވެރިކަމެއް ކޮށްދޭނެ ހެޔޮ ނިޔަތެއް އޮތްނަމަ މަޖިލިސް އިންތިޚާބު ސްޓެގަރކޮށް، ދެ ބަޔަކަށް ބަހާލައި، ރިޔާސީ އިންތިޚާބާއެކު ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައި އަދި ރިޔާސީ ދައުރުގެ މެދުން މަޖިލީހުގެ އަނެއް ބައި މެންބަރުން އިންތިޚާބު ބޭއްވުން ރަނގަޅު ކަމަށް ފެންނަ ކަމަށެވެ. ”އެއީ ސަރުކާރުގެ ޕާފޯމަންސަށް ބަލައި ގޮތް ނިންމުމަށް ރައްޔިތުންނަށް ދެވޭނެ ފުރުސަތެއް. ޚަރަދު ކުޑަކުރަން އިންތިޚާބުތައް އެއްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން ސާފު،“ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު ވިދާޅުވެފައިވަނީ ހެޔޮ ނިޔަތުގައި ޚަރަދު ކުޑަކުރާނަމަ ރިޔާސީ އިންތިޚާބާއި ކައުންސިލް އިންތިޚާބު އެއްކުރަން ޖެހޭ ކަމަށެވެ. އެ ދެ އިންތިޚާބަކީ ރައްޔިތުންނަށް ވެރިކަމެއް ކޮށްދިނުމަށް ގައުމާއި ރަށު ލެވެލްގައި ނެގޭ ވޯޓެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މަޖިލިސް ޗުއްޓީގައި އޮއްވައި ކުއްލިއަކަށް މެންބަރުން އެއްކޮށް، ދައުރުން ބޭރުން ގާނޫނުއަސާސީއަށް ބަދަލު ގެންނަން އުޅުމާ މެދު ފުންކޮށް ވިސްނައި ފިކުރުކުރަން ޖެހޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ ބާރުވެރިކަމަށް ސީދާ ގޮތުން އަސަރުކުރާނޭ މިފަދަ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދޭން ވާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ”އަދި ބަހުސްގައި މަތީގައި ލިޔެވިދިޔަފަދަ އިތުރު އޮޕްޝަންތައް ރައްޔިތުންނާ ހިސާބަށް ގެންދަން ރައީސް މުއިޒުއަށް ކެރިވަޑައިގަންނަވާނޭ ކަމަށް އުއްމީދުކުރަން،“ ފައްޔާޒު ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ