ތުރުކީ، ސައުދީ އަދި ޕާކިސްތާނުން ދިފާއީ އާ އެއްބަސްވުމަކާ ދިމާލަށް

އިބްރާހީމްް ސަމީރު
ޖެނުއަރީ 19, 2026

ތުރުކީވިލާތާއި، ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނުގެ މެދުގައި ދިފާއީ ގޮތުން އާ ގުޅުންތަކެއް ބަދަހިވަމުން އަންނަކަން ހާމަވެއްޖެއެވެ. މި ގައުމުތަކާ އެކު މިސްރައި ސޯމާލިއާ ވެސް ގުޅޭނެ ކަމަށް ޚަބަރުތައް ބުނެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި މުސްލިމް ދުނިޔޭގެ ޖިއޯޕޮލިޓިކްސްއަށް އަންނަ އެންމެ ބޮޑު އެއް ބަދަލު ކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ. ނުރަސްމީ ސިފައެއްގައި ޕާކިސްތާނާއި ސައޫދީއާ ދެމެދު ފެށިގެން އައި މި ގުޅުމަކީ މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އަދި މެދުތެރޭ އޭޝިއާގެ އިސްލާމީ ގައުމުތަކުގެ މެދުގައި އޮތް ސްޓްރެޓެޖިކް މަސްލަހަތުތައް އެއްގޮތްވަމުންދާ ކަމުގެ ހެއްކެކެވެ.

މި ތިން ގައުމުގެ މެދުގައި އޮތް ގުޅުން ބަދަހިވަމުންދަނީ ކޮންމެ ގައުމެއްގައި ހުރި ތަފާތު ވަރުގަދަ ސިފަތަކެއްގެ މައްޗަށް ބިނާވެގެންނެވެ. ތުރުކީވިލާތުން ކުރިއަރާފައިވާ ދިފާއީ ޓެކްނޮލޮޖީއާއި ސަރަހައްދީ ނުފޫޒު ފޯރުވާއިރު، ސައުދީ އަރަބިއްޔާއިން މާލީ ބާރާއި ހަރުދަނާ ޑިޕްލޮމެޓިކް ގުޅުންތައް ފޯރުކޮށްދެއެވެ. އަދި ޕާކިސްތާނުން ފޯރުކޮށްދެނީ އަސްކަރީ ތަޖުރިބާއާއި ނިއުކްލިއާ ބާރުގެ އިތުރުން މެދުއިރުމައްޗާއި ދެކުނު އޭޝިއާ ގުޅުވައިދޭ ފާލަމެއްގެ ދައުރެވެ.

ތުރުކީގެ ޑްރޯން ޓެކްނޮލޮޖީއާއި އިލެކްޓްރޯނިކް ހަނގުރާމައިގެ ނިޒާމުތައް އެކްސްޕޯޓް ކުރުން އިތުރުވެފައިވާއިރު، ސައުދީ އަރަބިއްޔާއިން ދަނީ ޕާކިސްތާނުގެ ހަކަތައާއި ދިފާއީ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. ވަކިން ހާއްސަކޮށް، 2025 ވަނަ އަހަރުގެ ސައުދީ-ޕާކިސްތާން ސްޓްރެޓީޖިކް މިއުޗުއަލް ޑިފެންސް އެގްރީމަންޓް އަކީ މި ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ.

މި ތިން ގައުމާއި އަދި އިތުރަށް ގުޅޭ ދެ ގައުމުގެ ގުޅުމަކީ މީގެ ކުރިން މުސްލިމް ދުނިޔޭގައި ފެނިފައިނުވާ ފަދަ ޓެކްނޮލޮޖީއާއި، މާލީ ތަނަވަސްކަމާއި އަސްކަރީ ގާބިލުކަން އެއްކޮށްލާފައިވާ ވަރުގަދަ މޮޑެލްއެކެވެ. މީގެ ސަބަބުން މުސްލިމް ގައުމުތަކުގެ މެދުގައި އޮންނަ ބޭރަށް ބަރޯސާވުން ކުޑަވެ، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

މި އިއްތިހާދުގެ ސަބަބުން މުސްލިމް ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަވެ، ބައިނަލްއަގުވާމީ މައިދާނުގައި މުސްލިމް ގައުމުތަކުގެ ބަސްވިކޭ މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ. މިއީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ދިފާއީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން އާ ފުރުސަތުތަކެއް ހުޅުވި، ދުނިޔޭގެ ސަލާމަތީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމެކެވެ.

މި ލިޔުމާ ގުޅޭ