ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖެއްގައި، ޤައުމަށްޓަކައި ޖިހާދުކޮށް ޝަހީދުވި ފަހުލަވާނުންގެ ޒިކުރާ އާކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހި ޤައުމުގެ ދިފާޢުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަަސްގެފާނު ޝަހީދުވިތާ މިއަދަށް މިވަނީ 482 އަހަރު ފުރިފައެވެ. ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1 ވަނަ ދުވަހު ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން، އެންމެ ފަހު ނޭވާއާ ހަމައަށް އެ މަނިކުފާނު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫޙަކީ ތާއަބަދު މި ޤައުމުގައި ދިރިދިރި ހުންނާނެ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ދިވެހި ޤައުމުގެ ދިފާޢުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަަސްގެފާނު ޝަހީދުވިތާ މިއަދަށް މި ފުރުނީ 482 އަހަރު. ހިޖުރައިން 965 ވަނަ އަހަރު ޝަޢުބާންމަހުގެ 1 ވަނަ ދުވަހު ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެ ވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމަޔަށް މި ހިތްވަރުގަދަ ޤައުމީ ބަޠަލު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫޙު ތާއަބަދު މި ޤައުމުގައި ދިރިދިރި ހުންނާނެ. ޤައުމަށްޓަކައި ޖިހާދު ކުރައްވައި ޝަހީދުވި ފަހުލަވާނުންނާއި، ޤައުމީ ޚިދުމަތުގައި ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ދަރީންގެ ފަނޑުވުމެއް ނެތް ޒިކުރާވެސް މިއަދު އަޅުގަނޑުމެން މިއާކުރަނީ ޝުކުރުވެރިކަމާއެކު. އިރާދަކުރެއްވިއްޔާ އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ. މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއެކު މިނިވަންކަން މަތީ ދިވެހި ޤައުމު ދެމިއޮންނާނެ.——- ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މީގެ އިތުރުން، ޤައުމަށްޓަކައި ޖިހާދު ކުރައްވައި ޝަހީދުވި ފަހުލަވާނުންނާއި، ޤައުމީ ޚިދުމަތުގައި ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ދަރީންގެ ފަނޑުވުމެއް ނެތް ޒިކުރާ މިއަދު އާކުރަނީ ނުހަނު ޝުކުރުވެރިކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، އިރާދަކުރެއްވިއްޔާ އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ ކަމަށެވެ. އަދި މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއެކު މިނިވަންކަން މަތީ ދިވެހި ޤައުމު ދެމިއޮންނާނެ ކަމުގެ އުންމީދު އެމަނިކުފާނު ފާޅުކުރެއްވިއެވެ.






