ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުވުން: އިގްތިސާދީ ކުރިއެރުމަކަށް

އިބްރާހީމްް ސަމީރު
ޖެނުއަރީ 22, 2026

ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިނާރަކީ ފަތުރުވެރިކަމެވެ. މި ދާއިރާއިން ލިބޭ ކުރިއެރުމަކީ ގައުމުގެ މާލީ ހާލަތަށް އަންނަ ހެޔޮ ބަދަލެކެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު އުއްމީދެކެވެ.

ޖެނުއަރީ މަހުގެ ފުރަތަމަ 19 ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 8.0 ދުވަހު މަޑުކޮށްފައިވެއެވެ. މިއީ ފާއިތުވި ތިން އަހަރާ އަޅާކިޔާއިރުވެސް ފާހަގަކޮށްލެވޭ ފަދަ އިތުރުވުމެކެވެ. މީގެ އިތުރުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޖުމްލަ އަދަދުވެސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެފައެވެ. މި ކުރިއެރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓިން ވަރުގަދަވެ، ރާއްޖެއަކީ ދިގު ޗުއްޓީއަކަށް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި ފަތުރުވެރިން ބަލައިގަންނަކަމުގެ ހެއްކެކެވެ.

ދުވަސްތައް އަދަދުން

  •  2024 ވަނަ އަހަރު: 7.9 ދުވަސް
  •  2025 ވަނަ އަހަރު: 7.8 ދުވަސް
  •  2026 ވަނަ އަހަރު 8.0 ދުވަސް

މުހިންމު މާކެޓްތަކުގެ ދައުރު

ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ މުއްދަތު އިތުރުވުމުގައި ޔޫރަޕްގެ މާކެޓްތަކުން އަދާކުރާ ދައުރު ބޮޑެވެ. ހާއްސަކޮށް ރަޝިޔާ، އިޓަލީ އަދި އިނގިރޭސިވިލާތުގެ ފަތުރުވެރިން ރާއްޖޭގައި ގިނަ ދުވަހު މަޑުކުރާކަން ފާހަގަކުރެވެއެވެ. ރަޝިޔާގެ ފަތުރުވެރިން އާންމުކޮށް 9.0 އާއި 10.5 ދުވަހާ ދެމެދުގެ މުއްދަތެއް ރާއްޖޭގައި ހޭދަކުރާއިރު، އެމީހުން ގިނައިން އިޚްތިޔާރުކުރަނީ ލަގްޒަރީ ރިސޯޓުތަކެވެ. އިޓަލީގެ ފަތުރުވެރިން އެވްރެޖްކޮށް 7.5 އާއި 8.5 ދުވަހު މަޑުކުރާއިރު، ޗައިނާގެ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދިޔަ ނަމަވެސް، އެމީހުން މަޑުކުރަނީ އެވްރެޖްކޮށް 5.5 އާއި 6.5 ދުވަހާ ދެމެދުގެ މުއްދަތަކަށެވެ.

ފަތުރުވެރިން އައުން

ރަޝިޔާގެ ޓޫރިސްޓުންނަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސް ހޭދަކުރާ އެއް ބައެކެވެ.

  • އެވްރެޖްކޮށް 9.0 އާއި 10.5 ދުވަހާ ދެމެދުގެ މުއްދަތެއް ރާއްޖޭގައި ހޭދަކުރާއިރު، މި މީހުން އާންމުކޮށް ޗުއްޓީ ހޭދަކުރަނީ ލަގްޒަރީ ރިސޯޓުތަކުގައެވެ.
  • އިޓަލީވިލާތުން އަންނަ ޓޫރިސްޓުން އެވްރެޖްކޮށް ރާއްޖޭގައި މަޑުކުރަނީ 7.5 އާއި 8.5 ދުވަހާ ދެމެދުގެ މުއްދަތަކަށެވެ. ގިނަ ފަހަރަށް އިޓަލީ މީހުން ރާއްޖެ އަންނަނީ 7 ރޭގެ ޕެކޭޖުތަކުގައެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ މިހާތަނަށް އެ ގައުމުން 17,994 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
  • ޗައިނާގެ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު ޔޫރަޕްގެ ގައުމުތަކާ އަޅާބަލާއިރު ކުރުކަން ފާހަގަކުރެވެއެވެ. އެވްރެޖްކޮށް 5.5 އާއި 6.5 ދުވަހާ ދެމެދު އެ މީހުން މަޑުކުރާއިރު، މި އަހަރު ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިހާތަނަށް 10,751 ޓޫރިސްޓުން ޗައިނާއިން ރާއްޖެއަށް އައިސްފައިވެއެވެ.
  •  2026 (ޖެނުއަރީ 1-19): 135,555 ފަތުރުވެރިން
  •  2025 (ޖެނުއަރީ 1-19): 119,875 ފަތުރުވެރިން

އިގްތިސާދީ ގޮތުން ލިބޭ ފައިދާ

ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ މުއްދަތު ނުވަތަ ’ޑިއުރޭޝަން އޮފް ސްޓޭ‘ އިތުރުވުމަކީ އިގްތިސާދަށް ސީދާ ގޮތުން ފައިދާކުރާ ކަމެކެވެ. ކޮންމެ އިތުރު ދުވަހަކީ ފަތުރުވެރިޔާ ކެއިންބުއިމަށާއި، ސްޕާ އަދި އެކި ކަހަލަ ކުޅިވަރުތަކަށް ކުރާ ހޭދަ އިތުރުވާނެ ދުވަހެކެވެ. މީގެ ސަބަބުން ދައުލަތަށް ލިބޭ ޖީއެސްޓީ އާއި ގްރީން ޓެކްސްގެ އާމްދަނީ އިތުރުވެގެންދެއެވެ. އަންދާޒާކުރެވޭ ގޮތުގައި މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާއިން 600 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުވުމަކީ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ މަތިކޮށްދޭ ކަމެކެވެ. ’ބެޑް ނައިޓްސް‘ އިތުރުވުމަކީ ވިޔަފާރިތަކަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. މި އަހަރުގެ މިހާތަނަށް ފެންނަ ތަފާސްހިސާބުތަކަކީ ރާއްޖޭގެ ފަތުރުވެރިކަން އާ އުސްމިންތަކަކަށް ދަތުރުކުރަމުންދާކަމުގެ އުފާވެރި ނިޝާނެކެވެ.

މި ލިޔުމާ ގުޅޭ