ފުލުހުންގެ މަރުކަޒުތަކާއި އުޅަނދުތަކުން 5,753 ހަތިޔާރާއި 651,609 ވަޒަން ފޭރިގެންފައިވޭ

އިބްރާހީމްް ސަމީރު
ޖެނުއަރީ 24, 2026

2024 ވަނަ އަހަރު ބަންގްލަދޭޝްގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ފޭރިގަތް ހަތިޔާރުގެ ތެރެއިން ގާތްގަނޑަކަށް 15 އިންސައްތަ ހަތިޔާރާއި، 30 އިންސައްތަ ވަޒަން އަދިވެސް ނުފެނި އޮތުމުން، ކުރިއަށް އޮތް އާންމު އިންތިޚާބުގައި ބަޑީގެ ހަމަލާތައް އިތުރުވެދާނެ ކަމުގެ ބިރު ސަލާމަތީ މާހިރުން ފާޅުކޮށްފިއެވެ.

ޝައިޚް ހަސީނާގެ ސަރުކާރު ވެއްޓުމަށް މެދުވެރިވި ޖުލައި-އޮގަސްޓް 2024 ގެ ހަމަނުޖެހުންތަކުގެ ތެރޭގައި،

ފުލުހުންގެ މަރުކަޒުތަކާއި އުޅަނދުތަކުން 5,753 ހަތިޔާރާއި 651,609 ވަޒަން ފޭރިގެންފައިވެއެވެ. މި ތަކެތި ހޯދުމަށް އަހަރެއްހާ ދުވަހު ހިންގި އޮޕަރޭޝަންތަކަށް ފަހުވެސް، 1,362 ހަތިޔާރާއި ގާތްގަނޑަކަށް 250,000 ވަޒަން އަދިވެސް ވަނީ ނުފެނިފައެވެ.

ގެއްލިފައިވާ ހަތިޔާރުތަކުގެ ތެރޭގައި ރައިފަލް، ސަބް-މަޝީން ގަން، ޝޮޓްގަން، ފިސްތޯލަ އަދި ކަރުނަގޭސް އުކާ ބަޑި ހިމެނެއެވެ. ސަލާމަތީ މާހިރުން ބުނާ ގޮތުގައި، ފެބްރުއަރީ 12 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބާ ދިމާކޮށް ސިޔާސީ ގޮތުން ހިންގާ ބަޑީގެ ހަމަލާތައް އިތުރުވަމުން ދިއުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ.

ބަންގްލަދޭޝް ފުލުހުންގެ ކުރީގެ އިންސްޕެކްޓަރ ޖެނެރަލް މުޙައްމަދު ނޫރުލް ހުދާ ވިދާޅުވީ،

”ގައުމު އިންތިޚާބާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، ނުފެނި ހުރި ހަތިޔާރުތަކަކީ ހަގީގީ ބޮޑު ކަންބޮޑުވުމެއް. ގައުމުގެ ސަލާމަތީ މަޝްރަހު އަދިވެސް މުޅިން ހަމައަކަށް ނޭޅޭއިރު، ފަހަކަށް އައިސް ސިޔާސީ މަގްސަދުތަކުގައި ބަޑި ބޭނުންކޮށްގެން މީހުން މެރުން ވަނީ އިތުރުވެފައި،“ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ބަންގްލަދޭޝް އިންސްޓިޓިއުޓް ފޯ ޕީސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ރައީސް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އޭއެންއެމް މުނީރުއްޒަމާން ވިދާޅުވީ، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގާބިލުކަން އަދިވެސް ހުރީ ވަރަށް ދަށުގައި ކަމަށެވެ. އަދި ފޭރިގަތް ހަތިޔާރުގެ ބޮޑު ބައެއް ނުފެނި އޮތުމަކީ އިންތިޚާބުގެ ދުވަސްވަރު އަމަންއަމާންކަން ބެލެހެއްޓުމަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުރީގެ އިންތިޚާބުތަކާ ޚިލާފަށް، މިފަހަރުގެ ހަމަނުޖެހުންތަކުގައި އާދައިގެ ހަތިޔާރުގެ ބަދަލުގައި އަސްކަރީ ފެންވަރުގެ ބަޑިތައް ފާޅުކަން ބޮޑު ގޮތެއްގައި ބޭނުންކުރަމުންދާކަން ރިޕޯޓްތަކުން ހާމަވެއެވެ. މިއީ ބަންގްލަދޭޝްގެ ސިޔާސީ ހަމަނުޖެހުންތަކުގެ ތާރީޚުގައި އައިސްފައިވާ ނުރައްކާތެރި ބަދަލެއްގެ ގޮތުގައި  ސިފަކުރެއެވެ.

މޮނޮކޮރޯމްމީޑިއާ ސިންޑިކޭޓެޑް ނިއުސް

މި ލިޔުމާ ގުޅޭ