ޗައިނާގެ 'މެގާ އެމްބަސީ' އެޅުމަށް ޔޫކޭއިން ހުއްދަދީފި

އިބްރާހީމްް ސަމީރު
ޖެނުއަރީ 24, 2026

ރޯޔަލް މިންޓް ކޯޓުގައި ޗައިނާގެ ’މެގާ އެމްބަސީ‘ އެޅުމަށް ޔޫކޭއިން ހުއްދަ ދިނުމާއެކު، ގެދޮރު ގެއްލިދާނެ ކަމުގެ ބިރު ރައްޔިތުންނަށް ކުރިމަތިވެއްޖެ ކަމަށް ބުނެ ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ލަންޑަނުގެ ތާރީޚީ ރޯޔަލް މިންޓް ކޯޓު ސަރަހައްދުގައި ޗައިނާގެ ބޮޑު އެމްބަސީއެއް ބިނާކުރުމަށް އިނގިރޭސި ސަރުކާރުން ހުއްދަ ދިނުމާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ކަންބޮޑުވުމަކާއި ބިރުވެރިކަމެއް އުފެދިއްޖެއެވެ. މި ނިންމުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ 200 އެއްހާ މީހުންގެ ގެދޮރު ގެއްލިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

އެ ސަރަހައްދުގައި 27 އަހަރު ވަންދެން ދިރިއުޅެމުން އަންނަ މާކް ނައިގޭޓް ބުނި ގޮތުގައި، އެންމެ ބޮޑު ބިރަކީ އެއްވެސް ބަދަލަކާ ނުލައި އެމީހުން އެތަނުން ބޭރުކޮށްލުމެވެ.

”އަހަރެންގެ އުމުރަކީ 65 އަހަރު. އެއްވެސް ފައިސާއެއް ނެތި ލަންޑަނުގައި ދިރިއުޅުމަކީ އަހަންނަށް ކުރެވޭނެ ކަމެއް ނޫން،“ އޭނާ ކަންބޮޑުވުމާއެކު ފާހަގަކުރިއެވެ. މި ސަރަހައްދަކީ 1980 ގެ އަހަރުތަކުގައި ބިނާކޮށްފައިވާ 100 ފްލެޓް ހިމެނޭ ތަނެކެވެ.

ޗައިނާއިން 2018 ވަނަ އަހަރު މި ބިން ގަނެފައިވާއިރު، މިއީ ޔޫރަޕްގައި ބިނާކުރާ އެންމެ ބޮޑު ބޭރު ގައުމެއްގެ އެމްބަސީއަށް ވެގެންދާނެއެވެ. ރައްޔިތުން ބުނާ ގޮތުގައި އެމްބަސީގެ މުވައްޒަފުން ދިރިއުޅޭ ބައި ހުންނަނީ އެމީހުންގެ ފްލެޓްތަކާ ވަރަށް ކައިރީގައެވެ. މީގެ ސަބަބުން ސީސީޓީވީ ކެމެރާތަކުން އެމީހުންގެ އަމިއްލަ ދިރިއުޅުމަށް ފާރަވެރިވާނެ ކަމުގެ ބިރު އޮތްއިރު، އެމްބަސީތަކުގެ ކުރިމަތީގައި ކުރާ މުޒާހަރާތަކުގެ ސަބަބުން އެމީހުންގެ ރައްކާތެރިކަމަށްވެސް ނުރައްކާވެދާނެ ކަމަށް ރައްޔިތުން ގަބޫލުކުރެއެވެ.

މި މަޝްރޫއަކީ 215,000 އަށްވުރެ ގިނަ އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ހިންގާ މަޝްރޫއަކަށް ވާއިރު، މިއީ ޗައިނާގެ ބާރު ދައްކާލުމަށް ކުރާ ”ޕްރެސްޓީޖް“ ކަމެއްގެ ގޮތުގައި ރައްޔިތުން ސިފަކުރެއެވެ.

އިނގިރޭސި ސަރުކާރުން މި މަޝްރޫއަށް ހުއްދަ ދީފައިވަނީ ގައުމީ ސަލާމަތަށް މީގެ ސަބަބުން ފައިދާވާނެ ކަމަށް ބުނެއެވެ. ސަރުކާރުން ހާމަކުރި ގޮތުގައި، ލަންޑަނުގެ އެކި ސަރަހައްދުތަކުގައި ހުރި ޗައިނާގެ ހަތް އޮފީހެއް އެއް ފުރާޅެއްގެ ދަށަށް ގެނައުމަކީ ސަލާމަތީ ގޮތުން ލިބޭނެ ކުރިއެރުމެކެވެ. ނަމަވެސް، ރައްޔިތުން ދެކޭ ގޮތުގައި މިއީ ޗައިނާގެ ނުފޫޒު ދެއްކުމަށް ކުރާ ކަމެކެވެ.

މި ނިންމުމާ ދެކޮޅަށް ގާނޫނީ ގޮތުން މަސައްކަތް ކުރުމަށް ރައްޔިތުން މިހާރު ވަނީ ތައްޔާރުވެފައެވެ. މާކް ނައިގޭޓް ބުނި ގޮތުގައި މި މައްސަލަ ކޯޓަށް ހުށަހެޅުމަށް އޭނާ ދަނީ ރާވަމުންނެވެ. މި މަސައްކަތުގައި އެ ދާއިރާގެ ކައުންސިލަރު ޕީޓާ ގޯލްޑްސްގެ އެހީތެރިކަންވެސް ރައްޔިތުންނަށް ލިބެމުންދެއެވެ. ޕީޓާ ވިދާޅުވީ މި ނިންމުން މުރާޖައާ ކުރުމަށް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މި މައްސަލައިގައި ކުރިއަށް އޮތް ދުވަސްތަކުގައި ގާނޫނީ ބޮޑު ހަނގުރާމައެއް ފެށިގެންދާނެ ކަމަށް ބެލެވެއެވެ.

މޮނޮކްރޯމްމީޑިއާ ސިންޑިކޭޓެޑް ނިއުސް

މި ލިޔުމާ ގުޅޭ