ހާސް ކަނޑާލާ: ބަނޑުގެ ސަރުބީއަކީ ސިއްހަތަށް ފައިދާހުރި އެއްޗަކަށް ވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފި

އިބްރާހީމްް ސަމީރު
ޖެނުއަރީ 24, 2026

އާންމު ގޮތެއްގައި ބަނޑާއި އެތެރެހަށީގެ ގުނަވަންތަކުގެ ވަށައިގެން ޖަހާ ސަރުބީ ހަކުރު ބައްޔާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކް ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިކުރުވާ އެއްޗެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، އާ ދިރާސާއަކުން މިކަމާ މެދު އާ ތަސައްވުރެއް ވަނީ ލިބިފައެވެ. ސްވިޑަންގެ ކެރޮލިންސްކާ އިންސްޓިޓިއުޓްގެ ދިރާސާވެރިން ހާމަކުރި ގޮތުގައި ބަނޑުގެ ސަރުބީއަކީ ހަމައެކަނި އެއް ބާވަތެއްގެ މަސްގަނޑެއް ނޫނެވެ.

މި ދިރާސާގެ އިސް މުސައްނިފު ޖިއާވީ ޗޮންގް ވިދާޅުވި ގޮތުގައި، ސަރުބީއަކީ ހަމައެކަނި ހަކަތަ ރައްކާކުރާ އެއްޗެއް ނޫނެވެ. އެއީ ހަށިގަނޑުގެ އެކި މަސައްކަތްތަކަށް ނުފޫޒު ފޯރުވާ ސިގްނަލްތައް ފޮނުވައިދޭ މުހިންމު ގުނަވަނެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ބަނޑުގެ ހުރިހާ ސަރުބީއަކީ އެއްގޮތް އެއްޗެއް ކަމަށް ގަބޫލުކުރުމަކީ އާންމުކޮށް ކުރެވޭ ކުށްހީއެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުބީގެ ބާވަތްތަކާއި އޭގެ މަސައްކަތް

ދިރާސާވެރިން ވަނީ އާދަޔާ ޚިލާފަށް މަސްޖަހާފައިވާ ފަލަ 8 މީހެއްގެ ހަށިގަނޑުން ބަނޑުގެ ފަސް ބާވަތެއްގެ ސަރުބީގެ ސާމްޕަލް ނަގައި ތަހުލީލުކޮށްފައެވެ. މީގެ ތެރޭގައި:

ހަމުގެ ދަށުގައި ހުންނަ ސަރުބީއާއި، މައިދާއާއި ގޮހޮރުގެ ވަށައިގެން ހުންނަ ސަރުބީ ހިމެނެއެވެ. މި ތަހުލީލުތަކުން ދެއްކި ގޮތުގައި ގޮހޮރުގެ ވަށައިގެން ހުންނަ ސަރުބީގައި ގިނަ އަދަދެއްގެ ދިފާއީ ސެލްތަކާއި އިންފްލެމޭޓަރީ ފެޓް ސެލްތައް އެކުލެވިގެންވެއެވެ.

ލެބޯޓްރީ ތަހުލީލުތަކުން ދެއްކި ގޮތުގައި، ބެކްޓީރިއާއިން ފޮނުވާ ސިގްނަލްތަކުގެ ސަބަބުން މި ސަރުބީ ސެލްތަކުން ޕްރޮޓީން އުފައްދައި، ހަށިގަނޑުގެ ދިފާއީ ނިޒާމު ހަރަކާތްތެރިކުރުވައެވެ. މިއީ ހަށިގަނޑަށް ޖެހޭ އެކި އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބޭ ބޮޑު އެހީއެކެވެ. ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި މިއީ ގޮހޮރުގައި ދިރިއުޅޭ މައިކްރޯބްތަކާ އެކު ހަށިގަނޑު ހޭނިފައިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ.

ކުރިއަށް ހުރި ދިރާސާތައް

މި ދިރާސާގައި ބައިވެރިވި ޖޫޓާ ޖަލްކަނެން ވިދާޅުވި ގޮތުގައި، ދެން އެންމެ އަވަހަށް ކުރިއަށް ގެންދާނީ ގޮހޮރުގެ ބަލިތަކާއި  މި ސަރުބީއާ ހުރި ގުޅުން ދެނެގަތުމުގެ މަސައްކަތެވެ. މި ސަރުބީގެ ސަބަބުން ބަލިތައް އިތުރަށް ގޯސްވަނީތޯ ނުވަތަ ދިފާއީ ނިޒާމާ ގުޅިގެން ބަލިތަކުން ރައްކާތެރިކޮށްދެނީތޯ ބެލުމަކީ މި ދިރާސާގެ މުހިންމު ބަޔަކަށް ވާނެއެވެ.

މި ދިރާސާ ހާއްސަކޮށްފައިވަނީ ބަރުދަން އިތުރު މީހުންނަށް ކަމުގައިވ ނަމަވެސް، އާދައިގެ ބަރުދަން ހުންނަ މީހުންގެ ހަށިގަނޑުގައި މި ސަރުބީ މަސައްކަތް ކުރާ ގޮތް ދެނެގަތުމަށް އިތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ.

މި ލިޔުމާ ގުޅޭ