ސެޓެލައިޓް ފަރުމާކޮށް، އުދުއްސާލައި އަދި އޮޕަރޭޓް ކުރުމަށް ހުޅުވާލައިފި

އިބްރާހީމްް ސަމީރު
ޖެނުއަރީ 26, 2026

އިންޑިއާގެ ބިމުގެ ސަރަހައްދުގެ ފޮޓޯ ނެގުމަށް ބޭނުންކުރާ 12 ސެޓެލައިޓް ފަރުމާކޮށް، އުދުއްސާލައި އަދި އޮޕަރޭޓް ކުރުމަށް އިންޑިއާ ސަރުކާރުގެ އެޖެންސީއެއް ކަމަށްވާ އިން-ސްޕޭސް އާއި އެ ގައުމުގެ އަމިއްލަ ހަތަރު ކުންފުންޏެއްގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ ތާރީޚުގައި ސަރުކާރުގެ ސްޕޭސް އެޖެންސީ އިސްރޯ  އިން ނޫން ބަޔަކު މިފަދަ ބޮޑު މަޝްރޫއެއް ހިންގާ ފުރަތަމަ ފަހަރެވެ.

މި ސެޓެލައިޓްތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ބިމުން ފެށިގެން 500 އާއި 2000 ކިލޯމީޓަރާ ދެމެދުގެ އޯބިޓެއްގައެވެ. މި ސެޓެލައިޓްތަކަކީ ތަފާތު އެކި ބޭނުންތަކަށް ބިމުގެ ފޮޓޯ ނެގުމުގެ ގާބިލުކަން ލިބިގެންވާ ސެޓެލައިޓްތަކެކެވެ. އޭގެ ތެރޭގައި ޗާޓު ކުރެހުމަށް ބޭނުންކުރާ ކަޅާއި ހުދު ފޮޓޯ އާއި، ފަސްގަނޑާއި ފެނުގެ ދިރާސާތަކަށް ބޭނުންކުރާ މަލްޓިސްޕެކްޓްރަލް އިމޭޖަރީ ހިމެނެއެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޕިކްސެލް، ދްރުވާ ސްޕޭސް، ޕިއަރސައިޓް  އަދި ސެޓްސުއަރ ގުޅިގެންނެވެ. މި ކުންފުނިތަކުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު (1,200 ކްރޯޑް ރުޕީސް) އިންވެސްޓް ކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން ސެޓެލައިޓްތަކުގެ ހާޑްވެއާ އާއި، ގްރައުންޑް އިންފްރާސްޓްރަކްޗާ އަދި ޑޭޓާ އެނަލިސިސްގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.

މީގެ އިތުރުން، ދަނޑުވެރިކަމުގެ ބާވަތްތައް ދެނެގަތުމަށާއި މައުދަންތައް ހޯދުމަށް ބޭނުންކުރާ ހައިޕަރސްޕެކްޓްރަލް އިމޭޖަރީ އާއި، ކޮންމެ މޫސުމެއްގައި އަދި ރޭގަނޑާއި ދުވާލުވެސް ފޮޓޯ ނެގޭނެ މައިކްރޯވޭވް އެސްއޭއާރު ޓެކްނޮލޮޖީ މި ސެޓެލައިޓްތަކުގައި ހިމެނޭނެއެވެ. މި މަޝްރޫއުގެ ސަބަބުން އިންޑިއާގެ ޖައްވީ ސިނާއަތުގައި އަމިއްލަ ކުންފުނިތަކުގެ ދައުރު ބޮޑުވެ، ސަރުކާރަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

މި ލިޔުމާ ގުޅޭ