ބްރިކްސް އިއްތިހާދުގެ ރިޔާސަތާ އިންޑިއާއިން ރަސްމީކޮށް ހަވާލުވެއްޖެ

އިބްރާހީމްް ސަމީރު
ޖެނުއަރީ 26, 2026

2026 ވަނަ އަހަރުގެ ބްރިކްސް އިއްތިހާދުގެ ރިޔާސަތާ އިންޑިއާއިން ރަސްމީކޮށް ހަވާލުވެއްޖެއެވެ. މި ދައުރުގެ ރަސްމީ ލޯގޯ އާއި ވެބްސައިޓް ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އިފްތިތާހުކޮށްދެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރެވެ. އިންޑިއާއިން މި މަގާމާ ހަވާލުވެފައިވަނީ ދުނިޔޭގެ ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.

ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ ބްރިކްސް އިއްތިހާދު މިހާރު ވަނީ ބްރިކްސް ޕްލަސް ގެ ނަމުގައި ފުޅާވެފައެވެ. 2024 ވަނަ އަހަރު ނިންމި ނިންމުމަކާ ގުޅިގެން، އިންޑޮނޭޝިއާ، މެލޭޝިއާ، ތުރުކީ، އަދި ވިއެޓްނާމް ހިމެނޭހެން އިތުރު 13 ގައުމަކަށް ވަނީ މި އިއްތިހާދުގެ ބައިވެރިންގެ ގޮތުގައި ދައުވަތު ދީފައެވެ. މީގެ ބޭނުމަކީ ދުނިޔޭގެ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމާއި، ހުޅަނގުގެ މާލީ ނިޒާމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.

އިންޑިއާގެ ރިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭނީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ނުވަތަ ’ގްލޯބަލް ސައުތު‘ ގެ މަސްލަހަތުތަކަށެވެ. މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކަށް ބޭނުންވާ ފައިސާ ހޯދުމާއި، ފަގީރުކަން ނައްތާލުމާއި، އިންފްރާސްޓްރަކްޗާ ތަރައްގީކުރުން ހިމެނެއެވެ. މީގެ އިތުރުން، އިންޑިއާގެ ’ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ‘ މޮޑެލް އެހެން ގައުމުތަކަށް ތައާރަފުކުރުމަކީ ވެސް އިންޑިއާގެ އަމާޒެކެވެ.

މި ދައުރުގައި އިންޑިއާއަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އެމެރިކާއާއެކު އޮންނަ ގުޅުން ބެލެހެއްޓުމެވެ. ހާއްސަކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބައިނަލްއަގުވާމީ އިއްތިހާދުތަކާ މެދު ގެންގުޅޭ ސިޔާސަތުތަކާއި، އީރާނާއެކު ވިޔަފާރީގެ ގުޅުން ބާއްވާ ގައުމުތަކަށް ދޭ އިންޒާރުތަކުގެ ސަބަބުން އިންޑިއާއިން ޖެހޭނީ ވަރަށް ބޮޑަށް ސަމާލުވާށެވެ. އިންޑިއާގެ މަގުސަދަކީ ހުޅަނގާ ދެކޮޅުވެރި ނުވެ، ބްރިކްސްގެ ތެރޭގައި އިންޑިއާގެ އިގްތިސާދީ މިނިވަންކަން ދެމެހެއްޓުމެވެ.

މި ލިޔުމާ ގުޅޭ