މާލެ ސިޓީގެ މާފަންނު ދެކުނު ދާއިރާގެ ކައުންސިލު ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓާއި، މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އެ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ލޯކަލް ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތަކުގެ އެއްބާރުލުން އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މާފަންނު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި ރެއާއި ދުވާލު މަސައްކަތްކުރައްވާ ވެރިއަކާއެކު، އެއްބާރުލުންދޭނެ ކައުންސިލަރުންނާއި މޭޔަރަކު ހޮވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ”މިފަދަ ވެރިއެއް ވަކި ސިޔާސަތުތަކަކާއެކު ވަޑައިގެން ރައްޔިތުންނަށްޓަކައި އެތައް މަސައްކަތްތަކެއް ކޮށްދެއްވުމަށް ރެއާއި ދުވާލު ނުނިދައި މިއަދުވެސް މަސައްކަތްކުރާ ވެރިއަކާއެކީގައި މަސައްކަތްކުރާނެ ކައުންސިލަރުންތަކެއް ޑަބްލިއުޑީސީއެއް މޭޔަރެއް ހޮވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް،“ ސާޖިދާ ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި މާލޭގެ ތަރައްގީއަށް ރައީސް ޑރ. މުޢިއްޒު ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރެއްވިއެވެ. ވަކިން ހާއްސަކޮށް، މާފަންނު ސަރަހައްދުގެ ރަސްފަންނާއި ފުޑް ކޯޓު ސަރަހައްދަށް ގެނެވުނު ބަދަލުތަކަކީ ރައީސްގެ ހައުސިން މިނިސްޓަރު ކަމުގައާއި މޭޔަރު ކަމުގައި ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ސަރުކާރާ ދެކޮޅު ވިސްނުމެއްގެ ބަޔަކު މަގާމުތަކަށް އަތުވެއްޖެނަމަ، ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އެޅި، ރައްޔިތުންނަށް ލިބެންޖެހޭ ފައިދާތައް ނުލިބިދާނެކަމުގެ ބިރު އޮތްކަންވެސް އެކަމަނާ ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާއީ އަދި އިގުތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ރައީސް ޑރ. މުޢިއްޒު އުނދަގޫ ނިންމެވުންތަކެއް ނިންމަވަމުންދާކަން ސާޖިދާ ފާހަގަކުރެއްވިއެވެ. މިފަދަ ހާލަތެއްގައި ސަރުކާރަށް އެހީތެރިވެދޭނެ ބަޔަކު ކައުންސިލުތަކުގައި ނެތްނަމަ، އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށް ކުރާނެ ކަމަށް އެކަމަނާ އިންޒާރު ދެއްވިއެވެ. ކައުންސިލަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާ ކަމަށްވީތީ، ރައްޔިތުންގެ އަޑު ސަރުކާރާ ހަމައަށް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ ދައުރު ބޮޑުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، ރައީސް މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ފެއްޓެވި ގިނަ މަސައްކަތްތަކެއް މިހާރު ހުއްޓިފައިވާ ކަމަށެވެ. އެ މަސައްކަތްތައް ނިންމުމަށްޓަކައި މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލު ހޮވަންޖެހޭ ކަމަށް ފަލާހު ބާރުއެޅުއްވިއެވެ.






