ޚާޝޮގްޖީ މަރާލުމުގެ ފަހަތުގައި ޔޫއޭއީގެ ބައިވެރިވުން އޮތްކަމަށް އެޕްސްޓީން ތުހުމަތުކުރި އީމެއިލްތަކެއް ފެންމަތިވެއްޖެ

އިބްރާހީމްް ސަމީރު
ފެބްރުއަރީ 1, 2026

ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ މަރާލުމުގެ ހާދިސާއަކީ ގަލްފުގެ އިސް ލީޑަރުންތަކެއް ގުޅިގެން ހިންގި ސިޔާސީ ރޭވުމެއް ކަމަށް، ނުފޫޒުގަދަ ދައްލާލު ޖެފްރީ އެޕްސްޓީން ތުހުމަތުކޮށްފައިވާ އީމެއިލްތަކެއް ފެންމަތިވެއްޖެއެވެ. 2018 ވަނަ އަހަރު ޚާޝޮގްޖީ މަރާލި ދުވަސްވަރު އެޕްސްޓީން ފޮނުވާފައިވާ މި އީމެއިލްތަކުން އެނގޭ ގޮތުގައި، އޭނާ ވަނީ މި މަރާލުމުގެ ފަހަތުގައި ޔޫއޭއީގެ ބައިވެރިވުން އޮތްކަމަށް ބުނެ ޝައްކު އުފައްދާފައެވެ.

އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި 2018 އޮކްޓޫބަރު 2 ވަނަ ދުވަހު ޚާޝޮގްޖީ މަރާލި ހާދިސާއާ ގުޅިގެން، އޮކްޓޫބަރު 12 ވަނަ ދުވަހު އެޕްސްޓީން އޭނާގެ ރަހުމަތްތެރިއަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މިއީ ފެންނަން އޮތް މިންވަރަށްވުރެ މާ ބޮޑު ކަމެއް ކަމަށް އަހަންނަށް ހީވޭ. މުހައްމަދު ބިން ޒާއިދު (ޔޫއޭއީގެ ރައީސް) މިކަން ރޭވިކަމަށް ވިޔަސް އަހަރެން ހައިރާނެއް ނުވާނަން“ ކަމަށެވެ.

ހަމަ އެ ދުވަހު އެހެން މީހަކަށް ފޮނުވި މެސެޖެއްގައި އެޕްސްޓީން ބުނެފައިވަނީ، ޚާޝޮގްޖީ މަރާލި މީހުންގެ ތެރެއިން އެކަކު އެ މަންޒަރު އޭނާގެ ފޯނުން ވީޑިއޯ ކުރި ކަމަށާއި، ނަމަވެސް އެ ފޯނު ހެކްކޮށްފައިވާ ކަމުގެ މައުލޫމާތު ދެވަނަ މަސްދަރަކުން އޭނާއަށް ލިބިފައިވާ ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު އޭނާ ވަނީ މިއީ ތުރުކީން ރޭވި ”ހަނީ ޓްރެޕް“ އެއްތޯ ނުވަތަ ފެއިލްވި ސިއްރު އޮޕަރޭޝަނެއްތޯ ސުވާލު އުފައްދާފައެވެ.

މި އީމެއިލްތަކުގެ ތެރޭގައި، ޔޫއޭއީގެ ލީޑަރު މުހައްމަދު ބިން ޒާއިދު (އެމްބީޒެޑް) އޭނާއާ ބައްދަލުކުރުމަށް އެދިވަޑައިގެންފައިވާ ކަމަށް ބުނާ މެސެޖެއް ވެސް ހިމެނެއެވެ.

މިއީ އެ ދުވަސްވަރު ދުނިޔޭގެ ނުފޫޒުގަދަ ފަރާތްތަކުގެ މެދުގައި މި މައްސަލައާ ގުޅިގެން ދެކެވުނު ވާހަކަތަކާއި އުފެދުނު ޝައްކުތައް ހާމަކޮށްދޭ ހެއްކެކެވެ.

ޚާޝޮގްޖީގެ މަރަކީ ސައުދީ އެޖެންޓުންތަކެއް ހިންގި އަމަލެއް ކަމަށް ސައުދީ އަރަބިއްޔާއިން އެއްބަސްވެފައިވީ ނަމަވެސް، އެއީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އަމުރަށް ކުރި ކަމެއް ނޫން ކަމަށް އެ ގައުމުން ބުނެއެވެ. އަދި ޔޫއޭއީން ވެސް ވަނީ މި ހާދިސާގައި އެ ގައުމުގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް ކުރެވޭ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށްފައެވެ.

މި ލިޔުމާ ގުޅޭ