ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި އުއިގޫރު މުސްލިމުންނާ މެދު ހިންގަމުންދާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ދުނިޔެއަށް ބޭޒާރުކޮށްލި ޗައިނާގެ ރައްޔިތެއް ކަމަށްވާ ގުއާން ހެންގްއަށް އެމެރިކާއިން ސިޔާސީ ހިމާޔަތް ދީ ރަސްވެހިކަން ދީފިއެވެ. މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ މައްސަލައެކެވެ. އެމެރިކާގެ އިމިގްރޭޝަން ފަނޑިޔާރަކު މި ނިންމުން ނިންމެވީ، ގުއާން އަނބުރާ ޗައިނާއަށް ފޮނުވާލައިފިނަމަ އޭނާގެ ފުރާނައަށް ނުރައްކާވެ، ބޮޑެތި އަނިޔާތަކަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ ބިރު އޮތްކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.
އުމުރުން 38 އަހަރުގެ ގުއާން ހެންގްއަކީ 2020 ވަނަ އަހަރު ޗައިނާގެ ހުޅަނގު އުތުރު ސަރަހައްދުގައި ގާއިމުކޮށްފައިވާ އުއިގޫރު މީހުން ބަންދުކުރާ މަރުކަޒުތަކެއް ސިއްރިއްޔާތުގައި ވީޑިއޯކޮށް، އެތަންތަނުގެ ހަގީގަތް ދުނިޔެއަށް ހާމަކޮށްދިން މީހެކެވެ. އޭނާ ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޝިންޖިއާންގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ފާރުތަކާއި ނަރުދާ ޖަހާފައިވާ މަރުކަޒުތަކެއް ހުރެއެވެ. ގުއާން މި ތަންތަން ސިފަކޮށްފައިވަނީ ”ކޮންސެންޓްރޭޝަން ކޭމްޕް“ ތަކެއްގެ ގޮތުގައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި އެ ސަރަހައްދުގައި އެއް މިލިއަނަށްވުރެ ގިނަ އުއީގޫރު މުސްލިމުން އެމީހުންގެ ނުރުހުމުގައި ބަންދުކޮށް، އަނިޔާވެރި އަމަލުތައް ދަނީ ހިންގަމުންނެވެ.
ގުއާން ހެންގްއަށް އެމެރިކާއިން ހިމާޔަތް ދިނުމަކީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެްއް ކަމަށް ވަކީލުން ބުނެއެވެ. މިއީ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލާ މީހުންނަށް ރައްކާތެރިކަން ބޭނުންވާކަން ހާމަކޮށްދޭ ކަމެކެވެ. ޝިންޖިއާންގައި ހިނގަމުންދާ ކަންކަމަކީ މުޅި ދުނިޔެއިން ކަންބޮޑުވާންޖެހޭ މައްސަލައަކަށް ވާއިރު، ގުއާން ފަދަ ފަރާތްތަކުގެ މަސައްކަތުން ނޫނީ މިފަދަ ސިއްރު މައުލޫމާތުތައް ދުނިޔެއަށް ތިލައެއް ނުވާނެއެވެ. އެމެރިކާގެ މި ނިންމުމަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ގުއާން ޗައިނާއިން ބޭރުވުމަށްފަހު ހޮންކޮންގް، އިކުއެޑޯ، ބަހާމަސް ފަދަ ގައުމުތަކުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު އެމެރިކާއަށް އެތެރެވީ 2021 ވަނަ އަހަރު ގަވާއިދާ ޚިލާފަށެވެ.
އޭނާ އެމެރިކާގައި ހިމާޔަތަށް އެދި ހުށަހަޅާފައިވަނިކޮށް، ގަވާއިދާ ހިލާފަށް އުޅޭ މީހުން ބޭރުކުރުމުގެ ކެމްޕޭނެއްގެ ދަށުން މިދިޔަ އޮގަސްޓް މަހު އޭނާ ހައްޔަރުކުރެވުނެވެ.
އެ ފުރުސަތުގައި އޭނާ ޔުގެންޑާއަށް ޑީޕޯޓްކޮށްލުމަށް ކުރިން ރޭވުނު ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި އާންމުންގެ ކަންބޮޑުވުންތައް އިތުރުވުމާ ގުޅިގެން އެ ނިންމުން ފަހުން ވަނީ ބަދަލުކޮށްފައެވެ.
ޝަރީއަތުގެ އަޑުއެހުމުގައި ގުއާން ބުނެފައިވަނީ އޭނާ އެ ވީޑިއޯތައް ނެގީ ހިމާޔަތް ހޯދުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އޭނާ ބަޔާންކުރި ގޮތުގައި އެއީ އަނިޔާ ލިބެމުންދާ އުއީގޫރު މުސްލިމުންނާ މެދު އޮތް ހަމްދަރުދީއެއްގެ ސަބަބުން ކުރި ކަމެކެވެ. އޭނާގެ މި އަމަލަކީ އަމިއްލަ ފުރާނައަށް އޮތް ނުރައްކަލަށް ބެލުމެއް ނެތި، ހަގީގަތް ހާމަކުރުމަށް ކުރި ހިތްވަރުގަދަ މަސައްކަތެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. އޭނާ ޔޫޓިއުބްގައި އާންމުކުރި ވީޑިއޯތަކަކީ ޝިންޖިއާންގެ މައްސަލައިގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ލޯ ހުޅުވައިދިނުމަށް ލިބުނު މުހިންމު ހެއްކެކެވެ.






