ޕާކިސްތާނުގެ ގައުމީ އަބުރަށް އުނިކަން ލިބޭ ގޮތަށް ބޭރަށް ދަތުރުކުރާ އެއްވެސް މީހަކަށް އެ ފުރުސަތު ސަރުކާރުން ނުދޭނެ ކަމަށް އެ ގައުމުގެ ދާޚިލީ ވަޒީރު މުހްސިން ނަގްވީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ޖިނާހް އިންޓަނޭޝަނަލް އެއާޕޯޓަށް ކުރެއްވި ޒިޔާރަތެއްގައި ކަމަށް ރޭޑިއޯ ޕާކިސްތާނުން ރިޕޯޓްކޮށްފައިވެއެވެ.
މިނިސްޓަރު ނަގްވީ ވިދާޅުވި ގޮތުގައި، ސައްހަ ނޫން އަދި ގާނޫނާ ޚިލާފު ލިޔެކިޔުންތައް ހިފައިގެން ގައުމުން ބޭރަށް ދަތުރުކުރަން އުޅޭ ފަސިންޖަރުންނަށް ފުރުސަތެއް ނުދެވޭނެއެވެ. އަދި ހާއްސަކޮށް، ފަސިންޖަރުންގެ ގޮތުގައި ބޭރު ގައުމުތަކަށް ސަލާންޖަހަންދާ މީހުން ފާހަގަކޮށް، އެމީހުން ފްލައިޓްތަކުން ބޭލުމުގެ އިތުރުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އޭނާ އިންޒާރު ދެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ސައްހަ ދަތުރުފަތުރުގެ ލިޔެކިޔުންތައް ހުރި އެއްވެސް މީހަކަށް މީގެ ކުރިންވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.
ސަރުކާރުގެ އެންމެ ބޮޑު އިސްކަމަކީ ފަސިންޖަރުންނަށް ލުއިފަސޭހަކޮށްދިނުން ކަމަށާއި، ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އިން ލިޔެކިޔުންތައް ޗެކްކުރުމުގައި ކުރަމުންދާ މަސައްކަތަށް އޭނާ ވަނީ ތައުރީފު ކުރައްވާފައެވެ.
މި މަހުގެ ކުރީކޮޅު އެފްއައިއޭގެ އިމިގްރޭޝަން ވިންގުގެ މަސައްކަތްތައް މުރާޖައާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައިވެސް، އެއާޕޯޓްތަކުގައި ލިޔެކިޔުންތައް ވަރަށް ހަރުކަށިކޮށް ސްކްރީން ކުރުމަށް ނަގްވީ ވަނީ އަމުރު ކުރައްވާފައެވެ. މި ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމާފައިވަނީ، ސައްހަ ލިޔެކިޔުންތަކާއެކު ދަތުރުކުރާ މީހުންނަށްވެސް ބައެއް ފަހަރު އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމުގެ ޝަކުވާތައް ލިބެމުންދާ ދަނޑިވަޅެއްގައެވެ.
ޕާކިސްތާނު މީހުން ގައުމުން ބޭރަށް ގޮސް ސަލާން ޖަހަން އުޅުމަކީ އާންމު ކަމެކެވެ. ސައުދީން ވަނީ އެފަދަ އެތައް ފަރާތެއް އެ ގައުމުން ބޭރުކޮށްފައެވެ. އދި އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްވެސް އެދިފައި ވެއެވެ.






