ބޮޑުކޮށް ރަން ކިޔުމުގެ ސަގާފަތް ހުއްޓާލުމަށް އަޒުހަރުގެ އިމާމް ގޮވާލައްވައިފި

އިބްރާހީމްް ސަމީރު
ފެބްރުއަރީ 2, 2026

ކައިވެނިކުރާއިރު ބޮޑު އަގުގައި ރަން ކިއުމާއި އިސްރާފުކުރުން ހުއްޓާލައި، ކައިވެނީގެ ކަންކަން ލުއިފަސޭހަކުރުމަށް މިޞްރުގެ އަޒުހަރު ގެ އިސް އިމާމް ޑރ. އަޙްމަދު އައްޠައްޔިބު ގޮވާލައްވައިފިއެވެ.

ޑރ. އަޙްމަދު އައްޠައްޔިބު މިކަމަށް ގޮވާލެއްވީ ”އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ދީނީ ތަޤުރީރުތަކުގެ ބޭނުންހިފުން“ މި މައުޟޫޢަށް ބޭއްވި ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިމާމް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު އިންތިހާއަށް އުފުލެމުންދާ މި ދަނޑިވަޅުގައި، ބޮޑުކޮށް ރަން ކިޔައިގެން ރަނުން ރަން ދިނުމަކީ ބުއްދި ގަބޫލުނުކުރެވޭ ފަދަ ބޮޑު ހުރަހަކަށް ވެފައިވާ ކަމަށެވެ.

އިމާމްގެ ވާހަކަފުޅުގައި، ރަން ބޮޑުކުރުމުގެ ނުރައްކާތެރި އާދަ ހުއްޓުވުމަށް ދީނީ ޢިލްމުވެރިންނާއި ދާޢީން އެދެވޭ މަސައްކަތްތަކެއް ނުކުރައްވައި ”ހަނު ތިއްބަވާތީ“ އެކަމަށް އިމާމުލްއަކުބަރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އިމާމުލްއަކުބަރު ފާހަގަކުރެއްވި ގޮތުގައި އިސްލާމްދީނުގައި ރަނުގެ މަޤްޞަދަކީ ދެމަފިރިންގެ ދެމެދުގައި އޮންނަ ލޯތްބާއި ކުލުނުގެ ރަމްޒަކަށް ވުމެވެ. އެއީ މީހުންނަށް ދެއްކުމަށް ކުރާ އިސްރާފެއް ނުވަތަ ފަޚުރުވެރިވުމުގެ ވަސީލަތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. އަޙްމަދު އައްޠައްޔިބު އިތުރަށް ވިދާޅުވީ، ކައިވެނީގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން އާދައިގެ އާއިލާތަކުން ދަރަނިވެރިވާން ޖެހި، ރޭދުވާ ހޭދަކުރަން ޖެހެނީ ނުތަނަވަސްކަމާއި ފިކުރުބޮޑުވުމުގެ ތެރޭގައި ކަމަށެވެ. އަދި ކައިވެނީގެ ކަންކަން ލުއިކުރުމަށް ބާރުއަޅުއްވައި، ކައު އިތުރު ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން މިސާލު ދައްކަވަމުން، އާދައިގެ އަނގޮއްޓިއަކުން ނުވަތަ ޤުރުއާނުގެ ސޫރަތެއް އުނގަންނައިދީގެންވެސް ރަން ކިޔިދާނެކަން ހަނދާންކޮށްދެއްވިއެވެ.

މިކަމުގެ ސަބަބުން މުޖުތަމަޢުގައި ކައިވެނި ނުކުރެވިފައި ތިބޭ ޒުވާނުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި، މިއީ ޒުވާނުންނަށް ނަފްސާނީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވާ ކަމެއް ކަމަށް އިމާމް އިންޒާރު ދެއްވިއެވެ.

”ދީނީ ތަޤުރީރުތައް އާލާކުރުމުގެ“ ފުރަތަމަ ފިޔަވަޅަކީ، އާއިލާތައް ބިނާކުރުމަށް މަގުފަހިކޮށްދިނުމާއި، ދަރަނިވެރިވުމާއި ދެއްކުންތެރިކަމުގެ ސަގާފަތުން މުޖުތަމަޢު ސަލާމަތްކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ތަޤުރީރު ނިންމަވާލައްވަމުން އިމާމުލްއަކުބަރު ވަނީ، ކައިވެނި ކުރުމާއި ވަރިކުރުމުގެ މައްސަލަތަކުގައި އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކާ މުސްލިމުން ދުރުވަމުންދާކަން ފާހަގަކުރައްވައި، އަންހެނުންގެ އިންސާނީ ކަރާމާތާއި ޖަޒުބާތުތަކަށް އިޙްތިރާމްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

މި ލިޔުމާ ގުޅޭ