އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކީރިތި ގުރުއާނުގެ އާޔަތްތައް ތަފްސީރު ކުރުމަކީ އިސްލާމީ ޝަރީއަތުގެ ހަމަތަކުން ހުއްދަ ކަމެއް ނޫން ކަމަށް މިސްރުގެ ފަތުވާ ނެރޭ އެންމެ މަތީ އިދާރާ، ދާރުލް އިފްތާއިން ކަނޑައަޅައިފިއެވެ. އެ އިދާރާއިން އިންޒާރު ދީފައިވާ ގޮތުގައި މިފަދަ ވަސީލަތްތަކަށް ބަރޯސާވުމަކީ ގުރުއާނުގެ މާނަ އޮޅި، ދޮގު މައުލޫމާތު ފެތުރުމަށް މަގުފަހިވާނެ ކަމެކެވެ.
މި ފަތުވާ ނެރެފައިވަނީ އޭއައި ވަސީލަތްތައް ބޭނުންކޮށްގެން ގުރުއާނުގެ އާޔަތްތައް މާނަކުރުމާ ގުޅޭގޮތުން އާންމުން އުފެއްދި ސުވާލުތަކަކަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. ދާރުލް އިފްތާއިން ބުނި ގޮތުގައި، އަމިއްލައަށް ނުވަތަ މުޅިން އޭއައިގެ މައްޗަށް ބަރޯސާވެގެން ގުރުއާން ތަފްސީރު ކުރުމަކީ ހަރާމް ކަމެކެވެ. ސަބަބަކީ އެކަމުގެ ސަބަބުން ކީރިތި ގުރުއާނުގެ މާނައަށް އުނި އިތުރު އައިސް، ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުގެ ބިރު އޮތުމެވެ.
ފަތުވާ ނެރޭ އިދާރާއިން ބާރުއަޅާފައިވަނީ ކީރިތި ގުރުއާން ރަނގަޅަށް ދެނެގަތުމަށްޓަކައި، ގަބޫލުކުރެވޭ ތަފްސީރު ފޮތްތަކާއި، އިތުބާރު ހުރި ދީނީ އިލްމުވެރިންނާއި، ގާއިމުކުރެވިފައިވާ ދީނީ މުއައްސަސާތަކުގެ އިރުޝާދު ހޯދުމަށެވެ. ސައްހަ މަސްދަރުތައް ދޫކޮށްލުމަކީ އިއުތިގާދީ ގޮތުން ކުށްތައް ކުރެވި، އޮޅުންބޮޅުން ބޮޑުވެ، އިތުބާރު ނުކުރެވޭ މައުލޫމާތުތައް ދައުރުވުމަށް މެދުވެރިވާނެ ސަބަބެއް ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
އޭއައި ޓެކްނޮލޮޖީ މަސައްކަތް ކުރަނީ އޮޓޮމޭޓެޑް ޑޭޓާ ޕްރޮސެސިންގް އަދި ސްޓެޓިސްޓިކަލް މޮޑެލްތަކެއްގެ މައްޗަށް ކަމަށްވާއިރު، އެ ވަސީލަތްތަކުގައި ގުރުއާނުގެ ނައްސުތައް ފުރިހަމައަށް ދެނެގަތުމުގެ ގާބިލުކަން ނުހުންނާނެ ކަމަށް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، އޭއައި އިން ނެރޭ ނަތީޖާތަކުގައި ހަގީގަތާ ހިލާފު ކަންތައްތަކާއި، ކަށަވަރު ނުކުރެވޭ މައުލޫމާތުތައް ހިމެނުމުގެ ފުރުސަތު ބޮޑެވެ.
ދާރުލް އިފްތާއިން ފާހަގަކުރި ގޮތުގައި އޭއައި މެދުވެރިކޮށް ތަފްސީރު ހޯދުމުގައި ހުރި މައިގަނޑު ނުރައްކާތަކުގެ ތެރޭގައި، މައުލޫމާތުގެ އަސްލު ނޭނގުމާއި، ސައްހަކަން ކަށަވަރު ނުކުރެވުމާއި، އަދި އިލްމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ތަފްސީރު ކުރުމުގެ ގާބިލުކަން ނެތުން ހިމެނެއެވެ. މިފަދަ އުނިކަންތައްތަކުގެ ސަބަބުން ކީރިތި ގުރުއާނަށް ނިސްބަތްކޮށް ނުބައި މާނަތައް ފެތުރިގެން ހިނގައިދާނެއެވެ.
ކީރިތި ގުރުއާން ދެނެގަންނަން ބޭނުންވާ މުސްލިމުން، ސައްހަ ތަފްސީރު ފޮތްތަކާއި، ކަމާބެހޭ އިލްމުވެރިންގެ އެހީތެރިކަން ހޯދުމަށް ދާރުލް އިފްތާއިން ވަނީ އިލްތިމާސްކޮށްފައެވެ.






