އިންސާނާގެ އެންމެ ބާރުގަދަ ހަތިޔާރަކީ އޭނާގެ ބަހެވެ. ބަހުގެ އެންމެ ބާރުގަދަ ބާވަތަކީ ޅެމެވެ. ޅެމަށް މި މަގާމު ލިބެނީ އެންމެ މުނާސަބު ލަފުޒުތަކާއި އެންމެ ރީތި ލަފުޒުތައް އެންމެ މުނާސަބު ތަރުތީބުން ޅެމުގައި އެތުރޭތީއެވެ. ފުން ޝުޢޫރެއްގައި މިގޮތަށް ބަސްއެތުރޭތީއެވެ. މި ޝުޢޫރުގައި ފުން ވިސްނުމާއި، ފަލްސަފާއާއި ދިރިއުޅުމުގެ ހަގީގަތްތަކާއި ހަޔާތުގެ އުންމީދުތައް ޝާމިލްވާތީއެވެ. މީރާއި ނުމީރު، ފޮންޏާއި ހިތި، އުންމީދާއި މާޔޫސްކަން، ހަގީގަތާއި ފިކުރު ޅެމަށް ޖަމާކުރެވޭތީއެވެ. އެހެންކަމުން ޅެމަކީ، ކޮންމެ ހިތަކަށް، ކޮންމެ ބިތަކަށް ވާސިލްވެވޭ އެއްޗެކެވެ. ކޮންމެ ގެއެއްގެ، ކޮންމެ ބަދިގެއެއްގެ ބައިވެރިއެކެވެ. ކޮންމެ މަސްރަހެއްގައި ކޮންމެ މައުރަޒެއްގައި ނަގާކިޔާއެއްޗެކެވެ. މި ސަބަބަށްޓަކައި ގައުމީ މުޖުތަމައުގައި ޅެމަށް ޚާއްސަ ޖާގައެއް ލިބިފައިވެއެވެ.
އަދަބިއްޔާތާއި ޅެންވެރިކަމަކީ، މުޖުތަމައުގެ ބައިވެރިން އެކަތިގަނޑެއްގެ ގޮތުގައި ބަނދެވޭ ވާފަށެވެ. އެއީ ތަފާތު ފިކުރާއި ޚިޔާލުތައް އެކުގައި ޖަމާވާގޮތުން މުޖުތަމައުގެ މުނިފޫހިފިލުވާ ވަސީލަތެވެ. މުޖުތަމައު އެއްބައެއްގެ ގޮތުގައި ހިފެހެއްޓުމަށް ޅެން އަދާކުރާ ދައުރުން އެންމެ މަތީ މަންފާ ގައުމަށް ލިބިގަތުމަކީ ޅެންވެރިކަން ކުރިއަރުވަން ގައުމުތަކުން އިސްކަންދޭ އެންމެ ބޮޑު ސަބަބެވެ.
މުޅި ރާއްޖޭގައި ހިންގި އަސާސީތައުލީމުގެ މަޝްރޫއުގައްޔާއި، ހޭލުންތެރިކަމަށް ކުރެވުނު ކެމްޕޭންތަކުގައްޔާއި ގައުމީ ފެންވަރުގެ މިނޫން އެތައް މަޝްރޫއުތަކެއްގައި ދިވެހި ޅެންވެރިކަން ވަނީ މި ދެންނެވި ދައުރު އަދާކޮށްދީ މި ހަގީގަތް ހާމަކޮށްދީފައެވެ.
ދިވެހި ޅެންވެރިން ވަނީ ކުރާން ނޭނގޭ ފިކުރުތަކާއި ވިސްނަން ނޭނގޭ ކަންކަމަށް ސިކުނޑި ސަމާލުކުރުވާފައެވެ. ހުޅުވެމުން ގުޅުވެމުންދާ ދުނިޔޭގައި ތިމާގެ ގައުމާއި އަގީދާއަށް ސަމާލުވެ ހުޝިޔާރުވުމަށް ގޮވައިލައިފައެވެ. ”ފެނިދާ ހާލު ކުލަތައް ނޭދޭ، ދީނާ ގައުމަށް ހިތްހުސްވާނީ“ކަން ދަސްކޮށްދީފައެވެ.
ޅެންވެރިކަމަކީ ފުޅާދާއިރާއެކެވެ. އެހެންކަމުން މި ދާއިރާގައި ތަފާތު ގިންތިތަކާއި ފަންތިތައް ހިމެނެއެވެ. މިއިން ކޮންމެ ފަންތިއަކާއި ގިންތިއެއްގެ އެތައް އުސްލޫބެއް ހިމެނެއެވެ. އަދަދުވުމެއް ނެތް މިންވަރުގައެވެ.
ޅެމުގެ ވައްތަރުތަކާއި ގިންތިތަކާއި އުސްލޫބުތައް ގިނަވުމަކީ މޮޅުކަމެކެވެ. އެފަހަރަކު ޖެހޭ ބޭނުމަކާ ގުޅިގެން ޅެމެއް ހަދަން މިތަނުން އެންމެ ގުޅޭ ވައްތަރެއް ނެގުމަށް އޮތް އިޚުތިޔާރެކެވެ.
އެހެންކަމުން ޅެންވެރިކަމޭ ބުނާ މާނައިގައި މި ހުރިހައި ކަމަކާއި ބަހެއް ހިމެނޭން ޖެހޭނެއެވެ.
ދުނިޔޭގެ އަދަބީ ތާރީޚުން އެނގޭގޮތުގައި ޅެންވެރިކަމުގައި އަދަބީ މަދަރުސާ (ސްކޫލް އޮފް ލިޓްރޭޗަރ)ތަކެއް އުފެދިފައިވެއެވެ. ޠަބީޢީ ސަބަބުތަކަށްޓަކައެވެ. ފަހުން އުފެދުނު އަދަބީ މަދަރުސާތަކުގެ ސަބަބުން ކުރީގެ މަދަރުސާތައް އުވައިލީއެއް ނޫނެވެ. އަދުގެ ހާލަތުގައި އެއީ އިޚުތިޔާރުތަކެކެވެ. އެ މީހަކު އެފަހަރަކު ހަދަން ބޭނުންވާ ޅެމުގެ މަގުސަދާ ގުޅޭ އަދަބީ ވިސްނުމެއް މީގެ ތެރެއިން ނެގުމުގެ އިޚުތިޔާރުތަކެވެ.
އަދަބީ އެއް މަދަރުސާއަށްވުރެ އަނެއް މަދަރުސާއެއްގެ މޮޅު ދެރަކަމުގެ ބަހުސަކީ މާނައެއް އޮތް ބަހުސެއް ނޫނެވެ. މިފަދަ ބަހުސެއް ކުރާންވާނީ އެކި މަދަރުސާތަކުގެ ތަފާތު ދެނެގަތުމަށްޓަކައެވެ. އާ އަދަބީ މަދަރުސާތައް އުފެދުނު ސަބަބާއި އޭގެ ފަހުން ނުކުތް ނަތީޖާ ދެނެގަތުމަށްޓަކައެވެ.
ރާއްޖޭގެ އަދުގެ ހާލަތުގައި ޅެންވެރިންގެ މޭގައި ކުޑަކުޑަ ރިހުމެއް ހުންނަކަން ފާހަގަކުރެވެއެވެ. ތިމާމެންގެ މަސައްކަތަށް އެހެން މީހުން ސަމާލުކަން ދޭގޮތާމެދުގައެވެ. ނުވަތަ އެހެން މީހުންގެ ސަމާލުކަން ލިބޭ ގޮތާމެދުގައެވެ. ތަޖުރިބާ ކުރެވޭ ރުންކުރު ގޮތްތަކެއްގެ ސަބަބުންނެވެ.
ތެދެކެވެ. ޅެން ހުންނަނީ ނުވަތަ ހުންނާން ޖެހޭނީ އެއްގޮތަކަކަށް އެއް ތައްގަނޑަކަށެއް ނޫނެވެ. ޅެންވެރިޔާގެ ފިކުރާއި އެތެރެހަށީގެ ހާލަތާއި ހިއްސުތަކުގެ ތަޖުރިބާތަކަކީ ތަފާތު އެއްޗެކެވެ. އެކި މީހުންގެ ނަޒަރުން ދުނިޔެ ފެންނަގޮތާއި ކުރެވޭ ތަޖުރިބާތަކަކީ ތަފާތު އެއްޗެކެވެ. އެހެންކަމުން އެކި މީހުންގެ ޅެންތަކުން މި ތަފާތު ފެންނާނެވެ. ފެންނާން ޖެހޭނެއެވެ. އޭގެ މައްޗަށް މަލާމާތެއް ފުރައްސާރައެއް ނެތެވެ. މި ހަގީގަތް ގަބޫލުކުރަންޖެހެއެވެ. ކޮންމެ ޅެމެއް ބަލައިގަންނަން ޖެހޭނީ އޭގެ ގޮތުގައެވެ. އެ ޅެމެއް އުފަންވެފައިވާ އަދަބީ މަދަރުސާއެއްގެ ހަމަތަކުގައެވެ.
އެކަކު އަނެކަކާ ތަފާތުވީ ފަދައިން އެކެއްގެ ޅެމާއި އަނެކެއްގެ ޅެމުގައި ތަފާތު ހުންނާނެކަން ގަބޫލުކުރަންޖެހެއެވެ. އެކެއްގެ ހުރިހައި ޅެމެއް ވެސް އެއްގޮތް ނުވާ ފަދައިންނެވެ.
ޖުމްލަކޮށް ބުނާ ނަމަ ބަލައިނުގަންނަ ކަމުގެ ވޭނީ ތަދެއް ބައެއް ޅެންވެރިން އެބަ އިހުސާސްކުރެއެވެ. މިއީ ދެފަރާތުން ވެސް ހަގީގަތް ގަބޫލުރާންޖެހޭ މައްސަލައެކެވެ. ޅެން ޅެމަކަށް ވެސް ވާންޖެހޭނެއެވެ. ޅެން އޭގެ ގޮތުގައި ބަލައިގަންނާންވެސް ޖެހޭނެއެވެ.
ޅެންވެރި ޝުޢޫރެއް އަދަބީގޮތުން އަގުކުރުމުގައި ނާގިދުން ބަލައިއުޅޭ މައިގަނޑު ހަ ކަމެއް ފާހަގަކުރެވެއެވެ. އެއީ ފިކުރު މަތިވެރިވުމާއި، ފިކުރުގައި އާކަން ހުރުމާއި، އިހުސާސް ގަދަ ޚިޔާލަކަށްވުމާއި، ފުން ޝުޢޫރަކަށްވުމާއި، އުސްލޫބުގައި ވަރުންއެޅުމާއި، ބަސްމަގު ފުރިމަވުމެވެ.
މި މާނައިގައި ފިކުރުގެ މަތިވެރިކަން ބަލަނީ އެ ފިކުރުން އުފަންވާ ޅެމުގެ ބޭނުންތެރިކަމުގެ މައްޗަށެވެ. އެ ޅެމަކުން މުޚާޠަބުކުރެވޭ ފަރާތަށް އެއިން ހިފޭނޭ ބޭނުމެއްގެ މައްޗަށެވެ.
ފިކުރުގެ އާކަމުގެ ގޮތުގައި ބަލަނީ އާގޮތަކަށް ހުށަހެޅުމާއި، އާންމު ވިސްނުން ހިނގައިފައި ނުވާ ކަންމިނަކުން ބަލައިފައިވުމާއި، ކުރިން ވިސްނަން ނޭނގިފައި ހުންނަ ކަންކަމަށް ވިސްނައިފައި ހުރުމާއި ބާ ވާހަކައެއް ނަމަ، އާގޮތަކަށް ބުނެފައިވުން ފަދަ ކަންކަމަށެވެ.
އިހުސާސް ގަދަ ޚިޔާލުކަމަށް ބަލަނީ، އިންސާނީ ޖަޒުބާތާ ގުޅުންހުރި، ޚިޔާލަކަށްވުމާއި، އަމާޒުވާ ފަރާތުގެ ތަޖުރިބާ ހިއްސާކުރާ ޚިޔާލަކަށްވުމާއި، ކުރިން އެނގިފައިވާ އެއްޗަކާ ގުޅިގެން ޖަޒުބާތު އިތުރުކޮށްދިނުން ފަދަ ކަންކަމަށެވެ.
ޝުޢޫރެއް ފުންކަމުގައި ބަލަނީ އެ ޝުޢޫރަކާ ގުޅިފައިވާ ޚިޔާލަކީ އިންސާނާގެ ހަޔާތުގެ ހަގީގަތްތަކުން އުފަންވާ ޝުޢޫރަކަށްވުމާއި، ވުޖޫދުގައިވާ އެއްޗެއްގެ ނުވަތަ ކަމެއްގެ މައްޗަށް ބިނާވާ ޚިޔާލަކުން އުފެދުނު ޝުޢޫރަކަށް ވުމާއި، ހިއްސުތަކުން ދެނެގަނެވޭ އިހުސާސެއް ހުރުން ފަދަ ކަންކަމަށެވެ. އިންސާނުންގެ ޚިޔާލާއި ސަގާފަތްތަކުން ގަބޫލުކޮށްފައިވާ ކަންކަމަކީ މި މާނައިގައި ވުޖޫދުގައިވާ އެއްޗެހި ކަމުގައި ނާގިދުން ގަބޫލުކުރެއެވެ.
ވަރުންއެޅޭ އުސްލޫބެއް ކަމުގައި ބަލަނީ ޅެން ހަދާ ވަޒަނާއި، ފިކުރު ބައްޓަންކުރާ ގޮތާއި، ލަފުޒުތަކާއި އިބާރާތްތަކާއި މިސާލުތަކާއި، އަދަބީ އުކުޅުތަކުން އިހުސާސްތަކަށް ބަދަލުގެނުވާ އުސްލޫބެއް ކަމުގައިވުމުންނެވެ. ޚިޔާލާއި ޝުޢޫރު އެއް ހިތުން އަނެއް ހިތަށް ގެންގޮސްދިނުމުގައި އެކަށޭނަ އުސްލޫބަކަށް ވުމުންނެވެ. ޅެމުގެ ވަޒަނާއި ކާފިޔާއާއި މިސާލުތަކާއި ހުށަހެޅުމުގެ ވައްޓަފާޅި ހިމެނެނީ މިބައިގައެވެ.
ބަސްމަގު ފުރިހަމަ ވުމަކީ މައުޒޫއާ ވަރުންއެޅޭ ބަސްމަގަކަށްވުމާއި، ލަފުޒުތަކުން މައުޒޫ ހުށަހެޅިފައިވުމާއި، އިބާރާތްތަކާއި ޖުމުލަތަކުގައިވާ ފޯރުކޮށްދިނުމުގެ ގާބިލްކަށާއި ލަފުތައް މުނާސަބުވުމާއި، އަދަބީ އުންސުރުތައް ފަދަ ބަހުގެ އުކުޅުތައް ބޭނުންކޮށްފައިވާ ގޮތް ފުރިހަމަވުމެވެ. ޅެމުގެ މައުޒޫއާއި އިހުސާސާ އެކަށޭނަ ގޮތުން މިކަންކަން ކާމިޔާވެފައި ވުމަށެވެ.
ޅެމެއް އެކުލަވައިލެވޭއިރު އޭގެ ބައިތަކުގެ މެދުގައި ވަރުގަދަ އިއްތިހާދީ ގުޅުމެއް އޮންނަންޖެހެއެވެ. މިއީ އިންސާނާގެ ހަށިގަނޑުގެ ގުނަވަންތަކުގެ މެދުގައި ހުންނަ ފަދަ، އެކަތި އަނެކައްޗާ ވަކި ނުކުރެވޭނޭ ގުޅުމެކެވެ. މި ގުޅުމަށް ”އޯރގަނިކް ޔުނިޓީ“އޭ ކިޔައެވެ. އޯރގަނިކް ޔުނިޓީއަކީ އަދަބީ އުފެއްދުންތައް ލާމެހުމުގައި ބޭނުންކުރާ މަންޠިޤީ ހަމަތަކަކުން އުފެދޭ ގުޅުމެކެވެ. އޯރގަނިކް ޔުނިޓީގައި ހިމެނެނީ އެކުލެވިފައިވާ ބައިތަކާއި، އެ ބައިތައް އެކުލެވިފައިވާ ގޮތާއި، އެ ބައިތައް ވަކިގޮތަކަށް އެކުލަވައިލެވިފައިވާ ސަބަބެވެ.
ބައެއް ނާގިދުން ދެކޭގޮތުގައި ޅެމުގެ ބައިތުތަކުގެ ތަރުތީބަށް ބަދަލެއް ގެނެސްފިނަމަ މާނައިގައި އަރައިރުން އުފެދެންޖެހޭ މިންވަރަށް ބައިތުތަކުގެ ތަރުތީބު ފުރިހަމަވާން ޖެހޭނެއެވެ. މިގޮތަށް ގަބޫލުކުރާ އަދަބީ މަދަރުސާގެ ވިސްނުމުގައި، އެއްބައިތު އަނެއް ބައިތާ ގުޅުމެއް ނެތި، ކޮންމެ ބައިތެއް މިނިވަން ވެއްޖެ ނަމަ، ޅެމުގައި ހުންނަންޖެހޭ ”ޑްރަމެޓިކް“ ގޮތްގަނޑު ފަނޑުވެގެންދާނެއެވެ. ނަމަވެސް މިއާ ޚިލާފު ވިސްނުންތަކާއި ހަމަތައް ވެސް އަދަބުގައި ބޭނުންކުރެއެވެ.
ގައުމީ ފެންވަރުގައި އަދަބިއްޔާތާއި ޅެންވެރިކަން ކުރިއަރުވަނީ، އެއީ ގައުމުގެ އާންމު ސަގާފަތް ފަތުރާ ވަސީލަތްކަމުގައިވާތީއެވެ. ސަގާފަތުގެ ސަބަބުން މީސްތަކުންގެ ޖަމާއަތް ގައުމެއްގެ ގޮތުގައި ހިފަހައްޓައިދޭތީއެވެ. އަދަބިއްޔާތާއި ޅެންވެރިކަމުން މި މީހުންގެ މެދުގައި ޖޯޝް އުފެއްދައި ރޫހު ތާޒާކޮށްދޭތީއެވެ. އަދަބު ތަހުލީކުކޮށް އެއިން މީހަށް ވިސްނަން ދަސްކޮށްދޭތީއެވެ. ވިސްނަން ދަސްވެގެން މީހާ ތަހުޒީބުކޮށްދޭތީއެވެ.
ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު ޅެންވެރިކަމަކީ އިލްމާއި ބުއްދިއާއި ފަންނާއި ހަގީގަތުގެމައްޗަށް ބިނާވެގެން އުފޭ އަދަބީ ފަންނެކެވެ. މި ފަންނު ތަރައްގީކޮށް ނަގަހައްޓައިދޭ ވަސީލަތަކީ ބަހެވެ. ބަހަކީ ގައުމިއްޔަތުގައި އިސްވެ ބަސްކިޔާ ހިއްސާދާރެވެ.
ދިވެހި ބަހާއި ޅެންވެރިކަމުން ރަމްޒުކޮށްދެނީ ދިވެހިންނާއި ދިވެހި ގައުމިއްޔަތެވެ. ގައުމިއްޔަތުގެ ތަންމައްޗަކީ އިންސާނާގެ ހިތެވެ. ގައުމިއްޔަތު އިއުލާންކުރަނީ ބަހުންނެވެ. އެހެންކަމުން ޅެންވެރިކަމާއި ބަހާއި ގައުމިއްޔަތު ވަނީ ލައިމެހިފައިކަން ކަށަވަރެވެ.
ސިކުނޑީގެ ކާނާ އަކީ ބަހެވެ. ޝުއޫރުގެ މޭވާއަކީ ބަހެވެ. ޖަޒުބާތުގެ ފޮނިކަމާއި ދިލަކަމަކީ ބަހެވެ. ޅެންވެރިކަން ކުރިއެރުވުމަށްޓަކައި ޅެންވެރިންގެ ސިކުނޑިއަށް ކާންދޭން ޖެހޭނީ ދިވެހިބަހެވެ.






