ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާން އަވަހާރަވެއްޖެ ކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދާ ޚަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު މަޢުލޫމާތުތަކެއް ކަން ހާމަވެއްޖެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 16 އާއި 17 އާ ދެމެދު މީސްމީޑިއާގެ އެކި މަންސަތަކުގައި، ޚާއްޞަކޮށް ’އެކްސް‘ ގައާއި ބައެއް ތުރުކީގެ މީޑިއާގައި ވަނީ ރައީސް މުޙައްމަދު ބިން ޒާއިދަށް ސިއްޙީ ބޮޑު މައްސަލައެއް ދިމާވެވަޑައިގެން، ސިކުނޑިގައި ލޭ ގަނޑުވުން ފަދަ ކަމެއް މެދުވެރިވެގެން އަވަހާރަވެފައިވާ ކަމަށެވެ.
މި އަޑުތައް ފެތުރެން މެދުވެރިވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ އޮފީހުން ކުރި ޕޯސްޓެއްގެ ސަބަބުންނެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ ރައީސް މުޙައްމަދު ބިން ޒާއިދަށް ދިމާވި ”ސިއްޙީ މައްސަލައަކާ“ ގުޅިގެން، ރައީސް އުރުދުޣާން ޔޫއޭއީއަށް ކުރައްވަން އޮތް ދަތުރުފުޅު ފަސްކުރެވިފައިވާ ކަމަށެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ އެ ޕޯސްޓު ވަނީ ފޮހެލާފައެވެ.
މިކަމާ ގުޅިގެން ޔޫއޭއީގެ ރަސްމީ މަޞްދަރުތަކުން ބުނެފައިވަނީ ރައީސްގެ ހާލުކޮޅު ރަނގަޅު ކަމަށާއި، އެމަނިކުފާނު ރަސްމީ މަސައްކަތްޕުޅުތަކުގައި ދެމިހުންނެވި ކަމަށެވެ. މިގޮތުން، ފެބްރުއަރީ 16 އަދި 17 ވަނަ ދުވަހު ރައީސް މުޙައްމަދު ބިން ޒާއިދު ވަނީ ތުރުކީގެ ރައީސް އުރުދުޣާން އަދި ގްރީސްގެ ބޮޑުވަޒީރު ކިރިއާކޯސް މިޓްސޮޓާކިސްއާ ފޯނުން ގުޅުއްވައި، ދެ ގައުމުގެ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެމިރޭޓްސް ނިއުސް އެޖެންސީ އިން ވެސް ވަނީ މި ބައްދަލުވުންތަކުގެ މަޢުލޫމާތު ހާމަކޮށްފައެވެ.
މީގެ އިތުރުން، ފެބްރުއަރީ 17 ވަނަ ދުވަހު ރައީސްގެ ރަސްމީ ’އެކްސް‘ އެކައުންޓުން ވަނީ ޗައިނާ ރައީސަށް ”ލޫނާ ނިއު އިޔާ“ ގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައި ޕޯސްޓެއް ކުރައްވާފައެވެ.
ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ގަސްތުގައި ފަތުރަމުންދާ ދޮގު މަޢުލޫމާތުތަކެކެވެ. އުމުރުފުޅުން 66 އަހަރުގެ ރައީސް މުޙައްމަދު ބިން ޒާއިދުގެ ސިއްޙީ ހާލުކޮޅު ގޯސްވި ކަމުގެ އެއްވެސް ސައްހަ ހެއްކެއް މިހާތަނަށް ފެންނާކަށް ނެތެވެ.






