ކީރިތި ޤުރްއާނަކީ ﷲ ގެ ޙައްޤު ބަސަފުޅުކަމާއި ރަސޫލުﷲ ﷺ އަކީ އެކަލާނގެ ރަސޫލާކަން އަންގައިދޭ ހެއްކަކީ ކޮބައިތޯއެވެ؟ ކީރިތި ޤުރްއާނަކީ ﷲ ގެ ޙައްޤު ބަސްފުޅުކަން އަންގައިދޭ އެންމެބޮޑު ހެއްކަކީ ޚުދު ރަސޫލުﷲ ﷺ އެވެ. ޤަލަމް ސޫރަތުގެ ހަތަރުވަނަ އާޔަތުން މިކަން އެނގެއެވެ. މިއާޔަތުގައި ﷲ ބަޔާންކުރައްވަނީ އެކަލޭގެފާނުގެ ޚުލްޤުފުޅުގެ މަތިވެރިކަމެވެ. ޔަޢުނީ އެކަލޭގެފާނަކީ ދޮގު ވާހަކަ ނުދައްކަވާނެ ބޭކަލެއްކަމެވެ. އެކަލޭގެފާނުގެ ޒާތީ ހަޔާތްޕުޅާއި އާންމު ހަޔާތްޕުޅުން ކަށަވަރުވި އެންމެބޮޑު ކަމަކީ އެކަލޭގެފާނުގެ އަމާނާތްތެރިކަމާއި ތެދުވެރިކަމެވެ. ސާޅީސް އަހަރު ވަންދެން ދޮގެއް މަކަރެއް ހީލަތެއް ޚިޔާނާތެއް ނުވެއެވެ. މީހަކަށް މަލާމާތެއް ފުރައްސާރައެއްނުކުރައްވައެވެ. މީހެއްގެ ޙައްޤަކަށް ކުޑަމިންވަރަކަށްވެސް އަރުއްވައިނުގަނެއެވެ. މުޅި މުޖުތަމަޢުގެ ލޯތްބާއި އިޙުތިރާމް އެކަލޭގެފާނަށް އޮތެވެ. ނަތީޖާއަކީ އެކަލޭގެފާނު އިތުރުފުޅުނުހައްދަވާނެކަމުގެ ޔަގީންކަން މައްކާގެ މީސްތަކުންނަށްވެސް އޮތުމެވެ.
ރަސޫލުﷲ ﷺ ގެ އަމާނާތްތެރިކަމާއި ތެދުވެރިކަމަށް ބާރު އަޅުއްވައި މުޝްރިކުންނަށް ﷲ ގޮންޖެއްސެވިއެވެ. އެކަލޭގެފާނު އިތުރުފުޅު ނުހައްދަވާނެކަމަށް އިޝާރަތްކުރައްވައި މުޝްރިކުންނަށް ﷲ ގޮންޖައްސަވަނީ ޙާއްޤާ ސޫރަތުގައެވެ. ޤުރްއާނަކީ ﷲ ބާވައިލެއްވި ޙައްޤު ފޮތްކަމުގައި އެންގެވިއެވެ. ﷲ އަށް ނިސްބަތްކޮށް އެކަލޭގެފާނު ވާހަކަފުޅެއް ދެއްކެވިނަމަ އެކަމުގެ ޖަޒާ އެކަލޭގެފާނަށް ލިބިވަޑައިގަތީސްކަމަށް ﷲ އެންގެވިއެވެ. މިކަމުން އެނގިކަށަވަރުވަނީ އެކަލޭގެފާނުގެ ދަރަޖައިގެ މަތިވެރިކަމާއި ޤުރްއާނަކީ އެކަލާނގެ ކަލާމްފުޅުކަމެވެ.
ކީރިތި ޤުރްއާނަކީ ރަސޫލުﷲ ﷺ ގެ އުފެއްދެވުމެއްނޫންކަމަށް އެޤުރްއާން ހެކިވެއެވެ. ނަޖުމް ސޫރަތުގެ 3 ވަނަ އާޔަތުން 5 ވަނަ އާޔަތަށް މިކަން ކަށަވަރުވެއެވެ. ﷲ މިއަންގަވަނީ ޤުރްއާންކަމަށް ވިދާޅުވެ ނަބިއްޔާ ﷺ އިއްވާ ބަސްފުޅަކީ އެކަލޭގެފާނުގެ އަމިއްލަ ބަސްފުޅެއްނޫންކަމަށެވެ. އެކަމަކު އެކަލޭގެފާނު ވިދާޅުވާފަދައިން އެއީ ﷲ ގެ ޙަޟުރަތުން ވަހީގެ މަލާއިކަތާ ޖިބުރީލް އެކަލޭގެފާނަށް ގެނެސްދެއްވާ ވަޙީއެވެ. އެހެންކަމުން އަމީނާއި ޞިއްދީޤުގެ ނަމުން މަޝްހޫރުކަން ލިބިވަޑައިގެންފައިވާ ނަބިއްޔާ އުނގަންނައިދެއްވާ ޤުރްއާން ބަލައިގަންނަންޖެހޭކަން މިއާޔަތްތަކުން ކަށަވަރުވެއެވެ.
ކީރިތި ޤުރްއާނަކީ ﷲ ގެ ކަލާމްފުޅުކަން އަންގައިދޭ އެންމެބޮޑު ދަލީލަކީ ރަސޫލުﷲ ﷺ އެވެ. ހަމައެގޮތަށް އެކަލޭގެފާނަކީ ﷲ ގެ ރަސޫލާކަން އަންގައިދެނީ ކީރިތި ޤުރްއާންއެވެ. ޔާސީން ސޫރަތުގެ ދެވަނަ އާޔަތާއި ތިންވަނަ އާޔަތަކީވެސް މިދެންނެވިފަދަ މިސާލެކެވެ. ކީރިތި ޤުރްއާން ގަންދެއްވާފައި ﷲ އަންގަވަނީ އެކަލޭގެފާނަކީ ރަސޫލު ބޭކަލެއްކަމުގައެވެ. އެހެންކަމުން ރަސޫލުﷲ ﷺ އަކީ ﷲ ގެ ރަސޫލާކަމުގެ އެންމެ ބޮޑު ހެއްކަކީ ކީރިތި ޤުރްއާންއެވެ. މިއިން އަޅުގަނޑުމެން ލިބިގަންނަންޖެހޭ މެސެޖަކީ ރަސޫލުﷲ ﷺ ގެ މާތްކަމާއި މަތިވެރިކަމެވެ.
ރަސޫލުﷲ ﷺ އާއި ކީރިތި ޤުރްއާންވަނީ ގުޅިލާމެހިފައިވަނީ ވަކިނުކުރެވޭވަރަށެވެ. އެހެންވެ ކީރިތި ޤުރްއާނުން ރަސޫލުﷲ ﷺ ވަތްކެއްނުކުރެވޭނެއެވެ. ހަމައެގޮތަށް ރަސޫލުﷲ ﷺ ގެކިބައިން ކީރިތި ޤުރްއާން ވަތްކެއްނުކުރެވޭނެއެވެ. މިކަމުގެ އެއް ހެއްކަކީ ބައްޔިނާ ސޫރަތެވެ. ފާޅުވެގެންވާ ދަލީލު ނުވަތަ ބައްޔިނާ މީސްތަކުންނަށް ﷲ ފޮނުއްވިއެވެ. އެއީ އެދަލީލަކީ ނުވަތަ ބައްޔިނާއަކީ ރަސޫލުﷲ ﷺ އާއި ކީރިތި ޤުރްއާންއެވެ. މިކަން ބައްޔިނާ ސޫރަތުގެ ފުރަތަމަ ދެއާޔަތުން އެނގެއެވެ. މިއިން އަނެއްކާވެސް އެނގިކަށަވަރުވަނީ ﷲ އެކަލާނގެ ރަސޫލުﷲ ﷺ މާތްކުރައްވާފައިވާވަރެވެ.
-ނުނިމޭ






