ހުރުމޫޒު ކަނޑުއޮޅި ބަންދުކުރުމުން އެންމެ ބޮޑަށް އަސަރުކުރާނެ ޤައުމުތައް

ޢަބްދުﷲ ސަޢީދު
މާރޗް 13, 2026
އެމެރިކާއާއި އިޒުރޭލުން އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އީރާނުން ހުރުމޫޒު ކަނޑުއޮޅި ވަނީ ބަންދުކޮށްފައެވެ. (ނޯޓު: ސްޓްރެއިޓް އޮފް ހޮރްމޫޒަށް ކުރީ ޒަމާނުގައި ދިވެހީން ކިޔަމުން އައީ ހުރުމޫޒު ކަނޑު ނުވަތަ ހުރުމޫޒު ކަނޑުއޮޅި އެވެ.)
ހުރުމޫޒު ކަނޑުއޮޅި އަކީ ފާރިސީ ކަނޑު (ޕާޝިއަން ގަލްފް) އާއި އަރަބި ކަނޑަށް ހުޅުވިފައި އޮންނަ އޮމާން ކަނޑު (ގަލްފް އޮފް އޮމާން) އާ ދެމެދުގައި އޮންނަ ކަނޑުއޮޅިއެކެވެ. ދުނިޔޭގައި އިސްތިރާޖީ ގޮތުން އެންމެ މުހިންމު އެއް ޗޯކް ޕޮއިންޓްކަމުގައިވާ މި ކަނޑު އޮޅީގައި އީރާނާއި އޮމާން އަދި ޔޫއޭއީއާ ދެމެދުގައި ހުންނަނީ 33 ކިލޯމީޓަރެވެ. މިއީ ދުނިޔޭގެ ތެލުގެ %20 ދަތުރުކުރާ މަގެވެ. އެއީ ދުވާލަކު ގާތްގަނޑަކަށް 17 މިލިއަން ފީފާގެ ތެލެވެ. މިއީ އީރާން، އިރާގު، ސައުދީޢަރަބިއްޔާ، ގަތަރު، ޔޫއޭއީ، ބަހުރެއިން އަދި ކުވޭތުން ވެސް ތެޔޮ ބޭރުކުރާ ކަނޑުއޮޅިއެކެވެ. ސައުދީއާއި ގަތަރާއި ކުވޭތުގެ ތެލުގެ %90 ބޭރުކުރަނީ މި ކަނޑުއޮޅިންނެވެ.
ހުރުމޫޒު ކަނޑުއޮޅި ބަންދުކުރުމަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ. މިހާރު ވެސް ދުނިޔޭގެ ތެލުގެ އަގު ވަނީ މިއިން ދުވަހަކު ނާރާވަރަށް މައްޗަށް އަރާފައެވެ. ތިރީގައި މި ބަލާލަނީ ހުރުމޫޒު ކަނޑުއޮޅި ބަންދުކުރުމުން އެ ކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ޤައުމުތަކަށެވެ.
ޗައިނާ:
ޗައިނާއަކީ ހުރުމޫޒު ކަނޑުއޮޅީގެ ތެރެއިން ދަތުރުކުރާ ތެޔޮ އެންމެ ގިނައިން އެތެރެކުރާ ޤައުމެވެ. އެއީ ޖުމުލަ ފްލޯގެ %37.7 އެވެ. ކުއްލިއަކަށް ތެޔޮ ލިބުމަށް ހުރަހެއް އެޅިއްނަމަ އެ ކާރިސާއަކުން ސަލާމަތްވުމަށް ޗައިނާއަކީ ތެލުގެ އިސްތިރާޖީ ރިޒާވް އެންމެ އެއް ބޮޑު ޤައުމެވެ.
އިންޑިއާ:
އިންޑިއާއަކީ މި ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ދެވަނައަށް އެންމެ ގިނައިން އެތެރެކުރާ ޤައުމެވެ. އިންޑިއާއަށް އެތެރެކުރާ ތެލުގެ %80 އަކީ ގަލުފުން ހުރުމޫޒު ކަނޑުއޮޅިން އެތެރެކުރާ ތެލެވެ. ހުރުމޫޒު ކަނޑުއޮޅި ބަންދުކޮށްގެން ގިނަ ދުވަސް ވާނަމަ އިންޑިއާ ވަރަށް އަވަހަށް ހުއްޓުމަކަށް އަންނާނެއެވެ.
ޖަޕާނާއި ދެކުނު ކޮރެއާ:
މި ދެ ޤައުމަކީ ވެސް ހުރުމޫޒު ކަނޑުއޮޅި ތެރެއިން ފޮސިލް ފިއުލް އިމްޕޯޓް ކުރުމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދެ ޤައުމެވެ.
ބަންގްލަދޭޝް އާއި ޕާކިސްތާން:
މި ދެ ޤައުމު ފާހަގަ ކުރެވެނީ އެންމެ އަވަހަށް ތެލަށް ޖެހޭނެ ދެ ޤައުމުގެ ގޮތުގައެވެ. މި ދެ ޤައުމަކީ ތެލުގެ ރިޒާވް ވަރަށްކުޑަ ދެ ޤައުމެވެ. ގާތްގަނޑަކަށް ހުރިހާ އެލްއެންޖީ އިމްޕޯޓްތަކެއްގައި ގަތަރާއި ޔޫއޭއީއަށް ބަރޯސާވާ ދެ ޤައުމެވެ. އީރާނުން ސީދާ ޕާކިސްތާނަށް އެއްގަމު މަގުން ތެޔޮ އެތެރެކުރެވޭ ނިސްބަތް ވަރަށް ކުޑައެވެ. ނަމަވެސް ނުރަސްމީ ރިޕޯޓްތައް ބުނާގޮތުގައި ޕާކިސްތާނަށް އެތެރެކުރާ ޑީސަލްގެ %35 އެތެރެވަނީ މި ދެ ޤައުމުގެ އެއްގަމު ބޯޑަރުންނެވެ.
ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ:
ހުރުމޫޒު ކަނޑުއޮޅި ބަންދުވުން ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް އަބަދުވެސް ސައުދީން ވިސްނައެވެ. އެހެންވެ މި ކަނޑުއޮޅި ބައިޕާސް ކުރުމަށް ސައުދީއާއި ޔޫއޭއީން ވަނީ ތެޔޮ ހޮޅި އަޅާފައެވެ. ރަތްކަނޑު ތެރެއިން ޔޫރަޕަށް ވެސް ތެޔޮ ފޯރުކޮށްދެވޭނެ ހޮޅިމަގެއް ސައުދީން ވަނީ ހަދާފައެވެ. އެކަމަކު މި މަގުތަކުން އެކަނި އަދި ހިފަހައްޓައެއް ނުލެވޭނެއެވެ. ހުރުމޫޒު ކަނޑުއޮޅި ބަންދުކުރުމުން ސައުދީގެ އިގުތިސާދު %80 ވެއްޓޭނެކަމަށް ލަފާކުރެވެއެވެ.
ހުރުމޫޒު ކަނޑުއޮޅި ބަންދުކުރުމަކީ މުޅި ދުނިޔެއަށް ވެސް އެކަމުގެ އަސަރު ނުކޮށް ނުދާނެ ކަމެކެވެ. ގަލްފުގެ ތެޔޮ އުފައްދާ 8 ޤައުމެއްގެ ތެޔޮ އެ ކަނޑުއޮޅިން ބޭރުކުރާއިރު އެ މަގު ބަންދުވުމަކީ އެ ޤައުމުތަކުގެ އިގުތިސާދަށް ނޭދެވޭ އަސަރު ކުރާނެކަމެކެވެ. އަދި މިއީ އެ ކަނޑުއޮޅިން ބޭރުކުރާ ތެލަށް ބަރޯސާވެފައިވާ ޤައުމުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ. ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކުރާނީ ޖަރުމަނުވިލާތަށާއި އިޓަލީވިލާތަށާއި ފަރަންސޭސިވިލާތަށެވެ. މި ޤައުމުތަކަށް އެތެރެކުރާ ތެލުގެ %10 އެތެރެކުރަނީ ހުރުމޫޒު ކަނޑުއޮޅި މެދުވެރިކޮށެވެ.

މި ލިޔުމާ ގުޅޭ