އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން އަދި ދެމުންދާ ހަމަލާތަކުގެ ސަބަބުން އެގައުގެ ސަގާފީ އަދި ތާރީޚީ ހަތަރު ސަރަހައްދަކަށް ވަނީ ގެއްލުން ލިބިފައެވެ. އާސާރުތަކަށް ގެއްލުން ވަމުންދާ ކަމަށްވާނަމަ ހިމާޔަތްކޮށްފައިވާ ތަންތަނަށް ވެސް އެކަމުގެ ނޭދެވޭ އަސަރުކުރާނޭ ކަަމަށް ބެލެވެއެވެ.
ޔުނެސްކޯ އިން ބުނީ އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ގައުސްތާން ގަނޑުވަރާއި 17 ވަނަ ގަރުނުގައި ބިނާކޮށްފައިވާ ޗެހެލް ސޮތޫން ގަނޑުވަރާއި އިސްފަހާންގައި ހުންނަ އެންމެ ދުވަސްވީ ހުކުރު މިސްކިތް ކަމަށްވާ ”މަސްޖިދު ޖާމީ“ އަށް ވަނީ މިހަނގުރާމައިގައި ގެއްލުންވެފައެވެ.

މީގެ އިތުރުން 63،000 ބީސީގައި އިންސާނުން ވަޒަންވެރިވެފައިވާ ކަމުގެ ހެކި ދޭ ފަސް ޕްރީ ހިސްޓޯރިކް ހޮހަޅަ އާއި ”ހިލަހިޔާ“ ހިމެނޭ ގޮތަށް ހުރި އިމާރާތްތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ޔުނެސްކޯއިން ބުނެފައިވެއެވެ.
މިތަންތަނަށް ގެއްލުންވާތީ އިރާނުން ހިމާޔަތް ކޮށްފައިވާ ތަންތަނުގެ ލިސްޓަށް އިތުރުތަންތަން ލުމަށް އެދި އީރާނުން ވަނީ ޔުނެސްކޯގައި އެދިފައެވެ. އީރާނުގެ އިތުރުން ލުބްނާނުން ވެސް ވަނީ މިފަދަ އެތައް ތަނެއް ހަލާކުވެގެން ހިނގައިދާނޭތީ ހިމާޔަތް ކޮށްފައިވާ ލިސްޓަށް ބައެއްތަންތަން އިތުރުކޮށްދިނުމަށް ޔުނެސްކޯގައި އެދިފައެވެ.
އެސޯސިއޭޓެޑް ޕްރެސް އިން މި މަހުގެ ތިން ވަނަ ދުވަހު ނެގި ވީޑިއޯ އިން ދައްކާ ގޮތުގައި ގޮލެސްޓަން ޕެލަސްގެ ބިއްލޫރި ސީލިންގް ވަނީ ކުދިކުދިވެފައެވެ. މިނޫން ވެސް އެތައް ގެއްލުމެއް އެގަނޑުވަރަށް ވަނީ ލިބިފައެވެ.
ޔުނެސްކޯ އިން ބުނީ ހަނގުރާމައިގައި އާސާރުތަކަށް ގެއްލުން ނުދިނުމަށް އަންގާފައިވާނޭ ކަމަށެވެ. އަދި ހެރިޓޭޖް ސައިޓްތަކުގެ ޖިއޮގްރަފިކަލް ކޯޑިނޭޓްތައް ވެސް ވަނީ އެފަރާތްތަކަށް ފޯރުކޮށްދީފައި ކަމަށް ވެސް ބުނެފައިވެއެވެ. މިއީ އާސަރުތަކަށް ގެއްލުން ލިބިދާނެތީ އެޅިފިޔަވަޅެކެވެ.
މި ހަނގުރާމައިގައި ގެއްލުންވަނީ އީރާނުގެ އާސާރުތަކަށް އެކަންޏެއް ނޫނެވެ. އިޒްރޭލުގެ ވައިޓް ސިޓީއަށާއި ލުބްނާންގެ ޓަޔަރަށް ވެސްވަނީ ގެއްލުންވެފައެވެ. ޔުނެސްކޯއިން އަންނަނީ އެތަންތަނަށް ލިބުނު ގެއްލުންވެސް ބަލަމުންނެވެ.
ރަޝިއާ އާއި ޔޫކްރެއިން ކުރަމުންދާ ހަނގުރާމައިގައިވެސް ވަނީ އާސާރުތަކަށް ގެއްލުންވެފައެވެ. އަދި އިޒްރޭލާއި ހަމާސްއާ ދެމެދު ހިނގި ހަމަނުޖެހުންތަކާއި ހިނގަމުންދާ ހަމަނުޖެހުންތަކުގައިވެސް ވަނީ މިފަދަ އެތައް ތަނަކަށް ގެއްލުންވެފައެވެ.
އދ. ގެ ތަރުޖަމާން ސްޓީވަން ޑުޖާރިކް ވިދާޅުވީ، ދުނިޔޭގައި ހިނގަމުންދާ މިފަދަ ހަމަނުޖެހުންތަކުގެ އަގު އަދާ ކުރަނީ އާންމުންނާއި މަދަނީ އިންފްރާސްޓްރަކްޗަރ އިން ކަމަށެވެ.






