ދިގުރަށު ކުނިގޮނޑުން ފެނުނު ކުއްޖާގެ މަރުގެ ޝަރީއަތް ފަށަނީ

މުހައްމަދު އަލީ
ސެޕްޓެމްބަރ 30, 2024

އދ. ދިގުރަށުގައި މަރާލައި ކޮތަޅަކަށްލާފައި ކުނިގޮނޑަށް އެއްލާލާފައި އޮއްވައި ފެނުނު ކުޑަކުއްޖާގެ މަރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ބުނެފިއެވެ.

ވިހެއުމަށްފަހު ކުއްޖާ ކުނިގޮނޑަށް އެއްލާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑިއަލްވިސްގެ މައްޗަށެވެ.

އާދިއްތަ ދުވަހު ކުރިމިނަލް ކޯޓުގައި ވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބާއްވައިފައެވެ.

މަދަނީ މިންގަނޑުން މިދައުވާ ކުރިއަށް ގެންދެވޭތޯ ބެލުމަށް ބޭއްވި މި އަޑުއެހުމުގައި ހެކީގެ ގޮތުގައި އެ ކުއްޖާ އާއި އަންހެން މީހާގެ ޑީއެންއޭ ރިޕޯޓް ދައުލަތުން ކޯޓަށް ހުށަހެޅިއެވެ.

އެ ހެކިތަކަށް ބެއްލެވުމަށްފަހު ގާޒީން ނިންމެވީ އެ މައްސަލަ ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެ ދައުވާ ރައްދުވާ ފަރާތުގެ ދިފާއީ ވަކީލް ވަނީ ހުށަހެޅުންތަކެއް ހުށަހަޅަން އިތުރު މުއްދަތެއް ބޭނުންވާ ކަމަށް ކޯޓުގައި އެދިފައެވެ. ގާޒީ އިބްރާހިމް އިހުސާން ވަނީ އަންނަ އޯގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ހުށަހަޅަންތައް ހުށަހަޅަން ވަގުތު ދެއްވައިފައެވެ.

މިއަޑުއެހުމުގައި އެ މައްސަލަ ރައްދުވާ އަންހެންމީހާ ބުނީ، ބަންދުގައި 10 މަސްދުވަސްވެފައިވާކަމަށާއި ރާއްޖޭގައި އެހީތެރިކަން ފޯރުކޮށްދޭނެ މީހަކުނެތްކަމަށެވެ. އެހެންކަމުން މައްސަލަ ވީހާވެސް އަވަހަށް ނިންމައިދިނުމަށް އޭނާ އެދުނެވެ.

އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް އަންނަ ނޮވެމްބަރު މަހު ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މައްސަލަ ވީހާވެސް އަވަހަށް ނިންމުމަށްޓަކައި މެދުކެނޑުމެއްނެތި އަޑުއެހުންތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މި މައްސަލައިގައި އެކުއްޖާގެ މަންމައަށް ތިން ދައުވާއެއް ދައުލަތުން ކުރިއެވެ.

އެ ދައުވާތަކަކީ:

އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ – މި ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ

ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުން – މި ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ ތިން އަހަރުގެ ޖަލު ހުކުމެއް

އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާ – މި ދައުވާ ސާބިތުވެއްޖެ ނަމަ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ

ޕީޖީ އޮފީހުން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އޭނާ ވިހެއީ ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނައިގެ ތަށި ތެރެއަށް ކަމަށެވެ. އަދި ވިހެއުމަށް ފަހު ފާހާނާތަށިން އެ ކުއްޖާ ނަގައި، ކޮތަޅަކަށް ލައިގެން ދިޔައީ އެރަށު ކުނިގޮނޑަށް ކަމަށެވެ.

”ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި, ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، 3  ޑިސެންބަރު 2023 ދުވަހުގެ 05:31 އެހާކަށްހާ އިރު، އދ. ދިގުރަށް ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު އެއްލާލައި، ކުއްޖާގެ ފުރާނައަށް ގެއްލުންވާނެހެން ކުއްޖާއާމެދު އަމަލުކޮށް ކުއްޖާ މަރާލާފައިވާތީ،“ ބަޔާނުގައި ވެއެވެ.

އެރަށު ކުނިގޮނޑުން އެ ކުއްޖާ ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ހެނދުނުއެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް، ހަމަ އެ ދުވަހު ފުލުހުން އެ އަންހެން މީހާ ހައްޔަރު ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ފުރަން ގޮސް ހުއްޓައެވެ.

މި ލިޔުމާ ގުޅޭ