ޑިއޭގޯގާސީއަށް މިސައިލް ފޮނުވައި އީރާނުން ފެންވަރު ދައްކާލައިފި

ޟަމްރަތު އަހްމަދު
މާރޗް 21, 2026

އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް މިހާރު ފަށާފައިވާ ހަނގުރާމައިގައި ޑިއޭގޯގާސީއާގައި ގާއިމްކޮށްފައި އިނގިރޭސީންގެ އަސްކަރީ މަރުކަޒަށް ހަމަލާދީފިއެވެ.

މިހަމަލާ ދީފައިވަނީ މިސައިލް ބޭނުން ކޮށްގެންނެވެ. އެމެރީކާއިން ބުނެފައިވަނީ މީގެ ތެރެއިން އެއް މިސައިލް ވަނީ އަމާޒަށް ނުފޯރަނީސް ފޭލިވެފައި ކަމަށެވެ. އަނެއް މިސައިލް ހުއްޓުވުމުގެ މަސައްކަތް ކުރިކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އަމާޒަށް ވާސިލްވުމުގެ ކުރިން އެ ވައްޓާލެވުނުތޯ ނޫންތޯ އެމެރިކާއިން ވެސް ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ބައެއް މަސްދަރުތައް ބުނާގޮތުގައި އެ މިސައިލް ވަނީ އަސްކަރީ މަރުކަޒަށް އަރައިފައެވެ. އޭގެ ވެސް ތަފްސީލެއް އެނގިފައެއް ނުވެއެވެ.

އީރާނުން އެ މަރުކަޒަށް އިތުރު ހަމަލާދޭނޭ ކަމަށް ބެލެވެއެވެ. އެގައުމުން އަބަދުވެސް ބުނަމުން ގެންދަނީ އީރާނަށް ހަމަލާދޭން އެހީތެރިވާ ގައުމުތަކަށް ރައްދުގައި ހަމަލޭދޭނޭ ކަމަށެވެ.

މިއީ އީރާނުގެ އަސްކަރީ ގާބިލްކަން ދުނިޔެއަށް ދައްކާލުމަށް ދީފައިވާ ހަމަލާއެއް ކަމަށް ވެސް ބެލެވެއެވެ. މީގެކުރިން އީރާނުން ރަސްމީކޮށް ބުނެފައިވަނީ އެގައުމުގައިހުރި އެންމެދުރަށް ދަތުރުކުރާ މިސައިލުގެ ރާސްތާއަކީ 2000 ކިލޯމީޓަރު ކަމަށެވެ. އެހެންނަމަވެސް މިހަމަލާއަށްފަހު އީރާނުންވަނީ އެގައުމުގައި 4000 ކިލޯމީޓަރަށް ދަތުރުކުރާ މިސައިލްހުރިކަން ކަށަވަރުކޮށްދީ ފެންވަރު ދައްކާލައިފިއެވެ.

އެގައުމުން މީގެ ކުރިން ބުނެފައިވަނީ  ސީދާ އެމެރިކާއަށް ހަމަލާދޭންޖެހުނަސް ދިނުމުގެ ގާބިލްކަން އެގައުމުގައި އެބަހުރި ކަމަށެވެ. މިހަމަލާއަށްފަހު މި ހަނގުރާމައިގެ އޮއިވަރު ވަރަށްބޮޑަށް ބަދަލު ވެގެންދާނޭ ކަމަށް މުހައްލިލުން ދެކެއެވެ.

ޑިއޭގޯގާސިއާއަކީ އެމެރިކާއާއި އިނގިރޭސީން މީގެ ކުރީން ފަޚުރެއްގެ ގޮތުގައި ބަލަމުންއައި ތަނެކެވެ. އެހެންނަމަވެސް އީރާނުން މިވަނީ އެކަންވެސް ނިމުމަކަށް ގެނެސް އެތަނަށްވެސް ނުރައްކާއޮތްކަން ކަށަވަރުކޮށްދީފައެވެ.

މި ލިޔުމާ ގުޅޭ