ސައުދީ އަރަބިއްޔާ އާއި ޔޫއޭއީގެ ވެރީން

ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އިން އެމެރިކާއަށް ވާގިވެރިވާން ނިންމައިފި

ޟަމްރަތު އަހްމަދު
މާރޗް 21, 2026

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންގެންދާ ހަނގުރާމައަށް ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އިން ތާއީދުކޮށްފި ކަމަށް މިޑްލް އީސްޓް އައި (އެމްއީއީ)  އިން ރިޕޯޓް ކޮށްފިއެވެ.

މި ހަނގުރާމައިގައި ބައިވެރި ނުވާނޭ ކަމަށް ގަލްފުގެ ގައުމުތަކުން ކުރިން ބުނެފައި ވިޔަސް އީރާނަށް ހަމަލާ ދިނުމަށް އެގައުމުތަކުން ދިޔައީ އެމެރިކާއާއި އިސްރާއީލަށް އެހީވަމުންނެވެ. އެގޮތުން އެގައުމުތަކުގައި ހުރި މިލިޓަރީބޭސްތައް ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއަށްދީ ފުރުސަތު ފަހިކޮށްދީފައިވެއެވެ. އީރާނުން ތަކުރާރުކޮށް ބުނަމުން ގެންދަނީ އެގައުމަށް ހަމަލާދިނުމަށް ބޭނުންކުރުމަށް އަވަށްޓެރި ގައުމުތަކުގައިހުރި އަސްކަރީ މަރުކަޒުތައް އެމެރިކާއަށް ހުޅުވާނުލުމަށެވެ. އެކަން އެގޮތަށް ކުރާނަމަ އެކުރާ ގައުމަކަށް ހަމަލާދޭނޭ ކަމަށާއި އެއީ ދުޝްމަން ވެގެން ކުރާކަމެއް ނޫންކަމަށް އީރާނުންދަނީ ބުނަމުންނެވެ. އެއީ އަމިއްލަ ނަފުސުގެ ދިފާއުގައި ކުރާކަމެއް ކަމަށް ވެސް އެގައުމުން ދަނީ ބުނަމުންނެވެ. އީރާނުން ވަނީ ބެލިސްޓިކް މިސައިލްތަކާއި ޑްރޯން ބޭނުންކޮށްގެން ގަލްފުގައިހުރި އެމެރިކާގެ އެކުވެރި ގައުމުތަކަށް ހަމަލާ ދީފައެވެ.

މި ހަނގުރާމައިގެ ސަބަބުން ތެލާއި ގޭހުގެ އެކްސްޕޯޓް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެހެން ކަމުން ގަލްފުގެ ގައުމުތަކަށް ލިބެމުންއައި އާމްދަނީ ވަނީ ހުއްޓިފައެވެ. ޔޫއޭއީގެ ފަތުރުވެރިކަމުގެ ސިނާއަތް ވެސް ވަނީ ހަނގުރާމައިގެ ސަބަބުން ހީނަރުވެފައެވެ. އެގައުމަށް އައިސް ތިބި ފަތުރުވެރީން ވަނީ އެގައުމު ދޫކޮށް ފިލައިގެންދާ ފަށައިފައެވެ.

ސައުދީއާއި ޔޫއޭއިން ވިސްނުން ބަދަލުކޮށް އެމެރިކާއަށް ވާގިވެރިވާން ނިންމީ އެގައުމުތަކަށް ލިބެމުންދާ ގެއްލުމުގެ ބަދަލުގައި އީރާނަށް އަދަބު ދިނުމުގެ ގޮތުން ހުޅަނގުގެ މަސްއޫލުވެރިއަކު ބުނެފައިވާ ކަމަށް އެމްއީއީ ބުނެފައިވެއެވެ.

އެމެރިކާއިން މިހާރު ގެންދަނީ ހުޅަނގު އޭޝިއާ ސަރަހައްދަށް އެމެރިކާ އިން އެތައް ހާސް ސިފައިން ޖަމާކުރަމުންނެވެ. ހަމައެއާއެކު ސައުދީން ވަނީ އެގައުމުގެ ކިންގް ފަހުދު އެއާ ބޭސް ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއަށް ދީފައި ކަމަށް ހުޅަނގުގެ މަސްއޫލުވެރިޔާއާ ހަވާލާދީ އެމްއީއީ ވަނީ ބުނެފައެވެ.

އެމްއީއީ އިން ބުނީ އީރާނުގެ ހަމަލާތަކުން ދިފާއުވުމުގައި އެމެރިކާ ނުކުޅެދިފައިވާ ކަމަށެވެ. އަދި އެކުވެރި ގައުމުތަކަށް ވެސް ހިމާޔަތެއް ނުދެވޭ ކަމަށެވެ. އެކަމާ ގަލްފުގެ ގައުމުތަކުން ވަނީ ވަރަށްބޮޑަށް ހިތްކުޑާކޮށްފައި ކަމަށް ވެސް ބުނެފައިވެއެވެ.

މިހާރު ޔޫއޭއީ އާއި ސައޫދީ އަރަބިއްޔާ މަސައްކަތް ކުރަމުންދަނީ ޔަމަނުގެ ދެކުނުގެ ކޮންޓްރޯލް ހޯދުމަށް އެ ދެ ގައުމުގެ ”ޕްރޮކްސީ ފައުޖުތައް“ މެދުވެރިކޮށް މަސައްކަތް ފަށައިފައެވެ. އަނެއް ކޮޅުން އީރާނާ އެއްކޮޅަށް ހޫތީން ވަނީ ނުކުމެފައެވެ. މިއީ ސައުދީން ބިރުގަންނާނޭ ކަމެކެވެ.

ސައޫދީގެ ސަލާމަތީ މާހިރެއް ކަމަށްވާ އަބްދުލްއަޒީޒް އަލްޣާޝިއަން އެމްއީއީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އެހެން ގައުމުތަކަށް މިހާރުވަނީ ”ނުތަނަވަސްކަމެއް“ މެދުވެރިވެފައި ކަމަށެވެ. އެހެން ކަމުން ބޭނުންވަނީ ހަނގުރާމަ އަވަހަށް ނިމުމަކަށް ގެނަން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެމްއީއީގެ މިހެން ބުނެފައި މިވަނީ އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ފަސް ޓްރީލިއަން ޑޮލަރު ދިނުމަށް ގަލްފުގެ ގައުމުތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.

 

މި ލިޔުމާ ގުޅޭ