”ޕާކިސްތާނު ޑޭ“ ގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއަށާއި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށާއި، އެޤައުމުގެ އުޚުއްވަތްތެރި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ވިދާޅުވެފައިވަނީ ”ޕާކިސްތާނުގެ ރައީސް ޢަލީ ޒަރްދާރީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދެޤައުމާއި ސަރަޙައްދުގެ ތަރައްޤީއަށް އިސްކަންދެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް، ދެ ޤައުމުގެ ދެމެދުގައްޔާއި، ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.“
މީގެ އިތުރުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ފޮނުއްވި ސިޓީފުޅުގައި، ރައިސް ވިދާޅުވެފައިވަނީ 1966 ވަނަ އަހަރު ދެޤައުމުގެ ދެމެދުގައި ސިޔާސީގުޅުން ޤާއިމުކުރެވުނީއްސުރެ، ދެޤައުމުގެ ދެމެދުގައި ވަރަށް ގާތްގުޅުމެއް އުފެދިފައިވާ ކަމަށެވެ. ދެޤައުމަށްވެސް ފައިދާކުރަނިވި ކަންކަމުގައި ބިނާކުރަނިވި ގޮތެއްގައި ބައިވެރިވެ، ދެމެހެއްޓެނިވި ގޮތެއްގައި މުހިއްމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި ވެސް ރައީސް ވިދާޅުވެފައިވެއެވެ. އަދި މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމުގައި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ގުޅުމާއި، އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން މުހިއްމު ހިއްސާއެއް އަދާކުރާކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ދެޤައުމުގެ މެދުގައި އުފެދިފައިވާ ޒަމާންވީ ގާތްގުޅުން ބިނާވެގެންވަނީ، އިސްލާމީ ޢަޤީދާއާއި، އަދި ދެޤައުމުންވެސް، ތަރައްޤީއާ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތަށް ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް ކަމުގައި ވެސް ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. އަދި ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްޙަތަކާއި އުފާވެރިކަމަށާ، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުން މިންވަރުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
ކޮންމެ އަހަރަކުވެސް މާރިޗު މަހުގެ 23ވަނަ ދުވަސް، ”ޕާކިސްތާނު ޑޭ“ގެ ގޮތުގައި ފާހަގަ ކުރަނީ 1940 ވަނަ އަހަރުގެ ލާހޯރު ރިޒޮލިއުޝަނާ ގުޅުވައިގެންނެވެ.






