މުސްލިމުންގެމައްޗަށް ޔަހޫދީން ހަސަދަވެރިވުން – ބޮޑުވާހަކައެއްގެ ކުޑަތަންކޮޅެއް: 1

މުޙައްމަދު ނަސީރު ޢަލީ
މާރޗް 24, 2026

މުސްލިމުންގެމައްޗަށް ޔަހޫދީން ހަސަދަވެރިވި ގޮތުގެ ވާހަކަ ކިޔައިދެންޏާ އެ ވާހަކަ ފަށަންޖެހެނީ، މި ޒަމާނުގެ ތާރީޚަކުން ނޫނެވެ. އެ ވާހަކައިގެ ފެށެނީ، ސަލާމްލެއްވި އިބްރާހީމްގެފާނުގެ ދޮށީ އަނބިކަނބަލުން، ސަރާއާއި، ހަނގު އަނބިކަނބަލުން ހާޖަރާ ހިސާބުންނެވެ. ސާރާއަކީ އިބްރާހީމްގެފާނާއި ތިމާގެފުޅުބޭފުޅެކެވެ. ހާޖަރަކީ، ސާރާ ގެންގުޅުއްވި ޚާދިމާއެކެވެ. މިޞްރުގެ އަންހެނެކެވެ.

އިބްރާހީމްގެފާނާއި ސާރާއާ ދެކަނބަލުންގެ ކައިވެނިފުޅަށް އެތައް އަހަރެއް ވީއިރުވެސް ބޭފުޅަކު ލިބިވަޑައެއް ނުގަނެއެވެ. އެކަލޭގެފާނުގެ އުމުރުފުޅުން 75 އަހަރުފުޅުގައި އޫރު ނަމަކަށްކިޔާ ރަށުން ނިކުމެވަޑައިގެން ކަންޢާނުގެ ރަށްތަކުގެތެރެއިން ޝެޚަމަށް ވަޑައިގެން އެ ދެކަނބަލުން އެތާނގައި އުޅުއްވާތާ 10 އަހަރު ވީއިރު ވެސް، ބޭފުޅަކު ލިބިވަޑައިނުގަތުމުގެ ހިތާމަފުޅުގައި އިބްރާހީމްގެފާނު ހުންނަވާތީ، ސާރާ އެކަލޭގެފާނަށް ހުށަހެޅުއްވީ، ބޭފުޅަކު ލިބިވަޑައިގަނޭތޯ ބެއްލެވުމަށްޓަކައި ހާޖަރާ ކައިވެނިފުޅު ބައްލަވައިގަތުމަށެވެ.

ހާޖަރާއި އިބްރާހީމްގެފާނު ކައިވެނިފުޅުބައްލަވައިގަތްތަނާ، އެކަލޭގެފާނުގެ އުމުރުފުޅުން 86 އަހަރުފުޅުގައި އެ ދެކަނބަލުންނަށް އިސްމާޢީލުގެފާނު ލިބިވަޑައިގެންފި އެވެ. މުސްލިމުންގެ ނަބިއްޔާ މުޙައްމަދުގެފާނަކީ، މި ލިބިވަޑައިގަތް އިސްމާޢީލުގެފާނުގެ ޢާއިލާއިން ވަޑައިގަތް ބޭކަލެކެވެ.

އިސްމާޢީލުގެފާނާއިގެން ހާޖަރު ރައްކާވެވަޑައިގަތުމަށްފަހު، ސާރާއަކީ ސާހިބުކަމަނާ ކަމުގައި ނުބައްލަވާ ކަމަށާއި، ކުރިން އެކަމަނާ، ސާރާއަށް ކުރައްވަމުން ގެންދެވި ޚިދްމަތް ނުކުރައްވާތީ ހާޖަރުގެ ޝަކުވާ އިބްރާހީމްގެފާނަށް ސާރާ ހުށަހެޅުއްވި އެވެ.

ދެން ދިމާވީ ވަރަށް އާދައާޚިލާފު ޙާދިޘާއެކެވެ. މުސްލިމުން ޤަބޫލުކުރާ ގޮތުގައި އެއީ، އިބްރާހީމްގެފާނަށް ލިބިވަޑައިގަތް އިލާހީ އަމުރުފުޅެކެވެ. އެ އަމުރުފުޅާ އެއްގޮތަށް، އިބްރާހީމްގެފާނު، ހާޖަރާއި ތުއްޕުޅު އިސްމާޢީލުގެފާނު ގޮވައިގެން ވަޑައިގެން، ބޯފެނެއް، ކާބޯތަކެއްޗެއް، ބޯހިޔާވަހިކަމެއް ނެތް ފަރުބަދަތަކެއްގެ ތެރެއަށް (މައްކާއަށް) ގިނިކަންޏާ ދޫކުރައްވައިފައި އެނބުރި ވަޑައިގަތީ އެވެ.

ޔަހޫދީންގެ ފޮތްތަކުގައި އެ ޙާދިޘާ ސިފަކޮށްފައިވަނީ، އެއީ، ހާޖަރު ސާރާއަށް ކުޑައިމީސްކޮށް ހިއްތެވުމާ ގުޅިގެން، އެކަމުގެ ޝަކުވާ އިބްރާހީމްގެފާނަށް ސާރާ ހުށަހެޅުއްވުމުން، އިބްރާހީމްގެފާނު، ހާޖަރުގެ ދެމައިކަނބަލުން ދުރުހިސާބަކަށް އަރުވައިލެއްވެވީ ކަމަށެވެ.

ކޮންމެއަކަސް، އިބްރާހީމްގެފާނު ދޭތެރޭދޭތެރެއިން މައްކާއަށްވަޑައިގެން ހާޖަރުގެ ދެމައިކަނބަލުންނާއެކުވެސް ދުވަސްތައް ހޭދަކުރައްވަމުން ގެންދެވި އެވެ. އޭގެތެރެއިން އެއްފަހަރަކު، އިސްމާޢީލުގެފާނު ﷲ އަށް ޤުރުބާން ކުރައްވަންޖެހިވަޑައިގެން، މައްކާގެ ރަށްބޭރުގައި އެ ޢަމަލުފުޅު އެކަލޭގެފާނު ފުރިހަމަކުރެއްވި އެވެ. ނަމަވެސް އެ ދެމެދަށް މުޢުޖިޒާތެއް ކުރިމަތިވެ، އިސްމާޢީލުގެފާނު އަވަހާރަވުމަކާ ނުލައި އެ ޤުރުބާނީ ފުރިހަމަވެގެން ދިޔައީ އެވެ.

ކަޢުބަތު ﷲ ގެފުޅުގެ އިހުގެ ބިންގާތައް ހޯއްދަވައި، އެ ބިންގަލުގެމަތީގައި އަލުން ގެފުޅު ބިނާކުރެއްވީ ވެސް އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނާ ދެބަފައިކަލުންނެވެ. އެއަށްފަހު، ﷲ އެ ގެފުޅުށް ޙައްޖަށް އައުމަށް މީސްތަކުންނަށް އިބްރާހީމްގެފާނު ގޮވައިލެއްވި އެވެ. އެ ގޮވައިލެއްވި ގޮވައިލެއްވުމަކީ ވެސް ﷲ އެންގެވި އެންގެވުމަކަށް ކުރެއްވި ކަމެކެވެ.

އޭގެ 13 އަހަރު ފަހުން އެއްރެއަކު، ތިން މީހުންގެ ސިފައިގައި ތިން މަލާއިކަތުން ވަޑައިގެން އިބްރާހީމްގެފާނާ ބައްދަލުކުރެއްވިއެވެ. އެ މަލާއިކަތުން އިބްރާހީމްގެފާނާއި ސާރާއަށް އިސްޙާޤުގެފާނު ލިބިވަޑައިގަންނަވާނޭކަމާއި، އިސްޙާޤްގެފާނަށް ޔަޢުޤޫބުގެފާނު ލިބިވަޑައިގަންނަވާނޭ ކަމުގެ އުފާވެރި ޚަބަރު އެ ދެކަނބަލުންނަށް ދެއްވި އެވެ. އެކަމާމެދު ސާރާ ވަރަށްބޮޑަށް އުފާފުޅު ވިއެވެ.

އިބްރާހީމްގެފާނަށް އިސްޙާޤްގެފާނު ލިބިވަޑައިގަތީ އުމުރުފުޅުން 99 އަހަރުގައެވެ. ޔަހޫދީން ގަބޫލުކުރަނީ އެ މީހުންނަކީ، މި އިސްޙާޤްގެފާނުގެ ޔަޢުޤޫބު (އިސްރާއީލު) ގެފާނުގެ ޢާއިލާގެ މީހުން ކަމުގަ އެވެ. އަދި އެ މީހުން ގަބޫލުކުރަނީ، އިސްޙާޤްގެފާނަކީ އިބްރާހީމްގެފާނަށާއި ސާރާއަށް ﷲ ވަޢުދުކުރެއްވި ދަރިކަލެއް ކަމަށެވެ. އެއާ ޚިލާފަށް އިސްމާޢީލުގެފާނަކީ، އާދައިގެ ގޮތެއްގައި، އަޅު އަންހެނެއްގެ ބަނޑުން ލިބިވަޑައިގަތް ދަރިކަލެއް ކަމަށެވެ. އަދި ސާރާއަކީ، އިބްރާހީމްގެފާނުގެ ޢާއިލާއިން ވަޑައިގެން އިންނެވި މާތްބޭކަނބަލަކަށް ވުމާއެކު، އިސްމާޢީލުގެފާނަށްވުރެ އިސްޙާޤްގެފާނު މާބޮޑަށްވެސް މަތިވެރި ވާކަމުގައި ޔަހޫދީން ދަޢުވާކުރެއެވެ.

 

މި ލިޔުމާ ގުޅޭ