މުސްލިމުންގެމައްޗަށް ޔަހޫދީން ހަސަދަވެރިވުން – ބޮޑުވާހަކައެއްގެ ކުޑަތަންކޮޅެއް:2

މުޙައްމަދު ނަސީރު ޢަލީ
މާރޗް 24, 2026

ހިޖްރައިން 5 ވަނަ އަހަރުގެ ޛިލްޤައިދާމަހު (މީލާދީން 627 ވަނަ އަހަރުގެ ޖަނަވަރީމަހު) ޙިޖާޒުކަރައިގެ މަދީނާގައި ވަރުގަދަ ޝަރީޢަތެއް ކުރެވުނެވެ. ދަޢުވާ ހުށަހެޅުއްވީ، މުސްލިމުންގެ ނަބިއްޔާ މުޙައްމަދުގެފާނެވެ. ދަޢުވާ ރައްދުވީ، ޔަހޫދީންގެ ގަބީލާއެއް ކަމުގައިވާ ބަނޫ ޤުރައިޟާ އަށެވެ. ދަޢުވާގެ ބާވަތަކީ، ވަޢުދު އުވައި ޣަދަރުވެރި ވުމެވެ.

ފަނޑިޔާރަކަށް އިންނެވީ، ޖިހާދުގެ މައިދާނުގައި ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެންފައި ހުންނެވި، އަންޞާރިއްޔަ ބޭކަލެއް ކަމުގައިވާ ސަޢުދު އިބްނު މުޢާޛުގެފާނެވެ. އެއީ ދަޢުވާކުރާ ފަރާތުން ކަނޑައެޅި ފަނޑިޔާރެއް ނޫނެވެ. ދަޢުވާ ލިބޭފަރާތުން ހުށަހަޅައި، ދަޢުވާކުރާ ފަރާތުން އެޕްރޫވްކުރި ފަނޑިޔާރެކެވެ.

އެ ޝަރީޢަތް އަޑުއަހާން އެއްވެތިބީ އެ ވަގުތު އެތަނަށް ދެވެން ތިބިހައި އެންމެންނެވެ. ބަނޫ ޤުރައިޟާގެ އަންހެން، ފިރިހެން، ކުދިބޮޑު އެންމެންނެވެ. މުސްލިމުންގެ ތެރެއިން ވެސް އެތައް ބައެކެވެ. އެއީ އެ ޝަރީޢަތް ކުރެވޭ މައްސަލައިގެ ބާވަތުންނާއި، ކަނޑައެޅޭ ޙުކުމެއްގެ ޙައްސާސްކަމުންނެވެ. އެތަކެއް ބައެއްގެ ދިރިތިބުމާއި ނެތިދިއުން އެ ޙުކުމަކާ ގުޅިފައިވާތީ އެވެ.

ފަނޑިޔާރަކަށް އިންނެވި، ސަޢުދުބިން މުޢާޛުގެފާނު، ދެޚަޞްމުންނާ ވަކިވަކިން ސުއާލު ކުރެއްވި އެވެ. މި މައްސަލައިގައި އަހުރެން އިއްވާ ނިޔާ، ފަހެ ތިޔަ ފަރާތުން ޤަބޫލު ކުރާނޫ ހެއްޔެވެ؟ ދެފަރާތުން އާނބަސް ލިބިވަޑައިގަތުމުން، ދަޢުވާކުރާ ފަރާތުން މައްސަލަ ހުށަހެޅުމުގެ ފުރުޞަތު، ފަނޑިޔާރު ދެއްވި އެވެ.

ދަޢުވާކުރާ ފަރާތުން، ބަނޫ ޤުރައިޟާގެ މީހުން، ކޮށްފައިވާ ކުށް ޝަރީޢަތުގެ މަޖިލީހަށް، ވަރަށް ތަފްޞީލުކޮށް އިއްވި އެވެ. މަދީނާގައި އިސްލާމުންގެ ރައްކާތެރިކަމުގެ ދަށުގައި، އިސްލާމުންނަށް ވަފާތެރިކަންމަތީގައި ތިބުމަށް ޢަހުދުވެ، ޢަހްދުނާމާ އެކަށައެޅުމަށްފަހު، އިސްލާމުން ނައްތައިލުމަށް މައްކާގެ ޤުރައިޝުންނަށް ހިތްވަރުދީ، ޚަންދަޤު ހަނގުރާމައަށް އެމީހުން ގެނެސް، އެ ވަގުތު މަދީނާ ރައްކާތެރިކޮށްގެން ތިބި އިސްލާމުންގެ ކުރިމަތިން ކާފަރުން ޙަމަލަދޭއިރު، މުސްލިމުންގެ ފުރަގަހުން ޙަމަލާދިނުމަށް ބަނޫ ޤުރައިޟާއިން އެއްބަސްވެ އެ ކަމަށް ތައްޔާރުވެގެން ތިބިކަން، ޝަރީޢަތުގެ މަޖިލިހަށް ސާބިތު ކޮށްދެވުނެވެ.

އެއަށްފަހު ދަޢުވާ ލިބޭމީހުން، ދިފާޢުގައި ވާހަކަދެއްކުމުގެ ފުރުޞަތު ފަނޑިޔާރު ދެއްވި އެވެ. ކަން ހިނގައިފައިވަނީ، ދަޢުވާ ހުށަހެޅިފަރާތުން، ކިޔައިދިންގޮތަށް ކަން އެއްވެސް ޝައްކެއްނެތި އެނގެން އޮތުމާއެކު، ދަޢުވާ ލިބޭފަރާތުން ދިފާޢުގައި ދައްކާނޭ މާގިނަ ވާހަކައެއް ނެތެވެ.

ދިފާޢުގައި ވާހަކަދެއްކުމުގެ ބަދަލުގައި އެ މީހުން ދެއްކީ، މަޢާފު ހޯދުމުގެ ވާހަކައާއި، ދެން އޭގެ ފަހުން އެފަދަ ކަމެއް ނުކުރާނޭ ކަމުގެ ވާހަކަ އެވެ.

އެއީ ފަނޑިޔާރާ ބެހޭ ކަމެއް ކަމުގައި ނުވާތީ، ފަނޑިޔާރު ސަޢުދުބިން މުޢާޛު ޙުކުމް ކުރެއްވީ، ބަނޫ ޤުރައިޟާ ޤަބީލާއިން އެކަމުގައި ބައިވެރިވި ހުރިހައި ހަނގުރާމަވެރި ފިރިހެނުން ޣަދަރުވެރިވުމުގެ ކުށުން ކުށްވެރި ވެއްޖެކަމަށް ކަނޑައަޅުއްވައި، އެ ކުށުގެ ޢުޤޫބާތުގެ ގޮތުން، އެ މީހުން ޤަތުލުކޮށް، އެ މީހުންގެ މުދާ މުސްލިމުންގެ ޣަނީމާގެ ގޮތުގައި ހިފައި، އެ މީހުންގެ އަނބިދަރީން އަޅުވެތި ކުރުމަށެވެ. އެ ޙުކުމް ކުރެއްވުމާއެކު، އެ ޙުކުމް ތަންފީޒުކޮށް އެ މައްސަލަ އެގޮތަށް ނިންމުނެވެ.

 

މި ލިޔުމާ ގުޅޭ