”އިޒުރޭލުގެ ވައިގެ ބަނދަރުތައް މިވަގުތު އޮތީ ތޮއްޖެހިފައެވެ. އިޒުރޭލުން ބޭރަށް ފުރާ ފްލައިޓްތައް ވަނީ ފުރިފައެވެ. ސަހުޔޫނީންތައް ފުރަފުރައިގެން ނިއުޔޯކާއި، ނިއު ޖާޒީއާއި، މިއާމީއާއި، ލޮސް އެންޖަލިސްއާއި، ލަންޑަނާއި، އަދި ޕެރިސް ފަދަ ސަހަރުތަކަށް ދުވެ ފިލައި ރައްކާވަނީއެވެ. ސަހުޔޫނީންގެ ގިނަ ޢަދަދެއްގެ މީހުން ފަލަސްޠީނުގެ ބިންތައް ދޫކޮށް ފިލައިގެންދާއިރު، ގިނަ ބަޔަކު ބުނަނީ ދެން ދުވަހަކުވެސް އެނބުރި ނާންނާނެ ކަމަށެވެ.
އިޒުރޭލުގެ ކެންސެޓް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި، މަދުވެގެން ސަހުޔޫނީންގެ 550،000 އަށް ވުރެ ގިނަ މީހުން ފަލަސްޠީނު ދޫކޮށް ފިލައިގެން ގޮސްފައިވެއެވެ. 2026 ވަނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ޚާއްސަކޮށް ޕްރޮފެޝަނަލް ގިންތީގެ މީހުންނާއި، ދުއި ރައްޔިތުކަން ހޯދާފައިވާ މީހުންގެ ތެރެއިން ކޮންމެ މަހަކު އެތައް ހާސް ރައްޔިތުންނެއް، ފަލަސްޠީނު ދޫކޮށް ގޮސްފައިވެއެވެ.
ޠެލް އަވީވު ޔުނިވާސިޓީއިން 2026 ވަނަ އަހަރުގެ މާރިޗް މަހު ނެރުނު ރިޕޯޓެއްގައި ސަހުޔޫނީންގެ ތެރެއިން ފުރައިގެންދާ މީހުންގެ ގިންތިއާ ގުޅޭ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން އެންމެ ގިނައީ މެޑިކަލް ޕްރޮފެޝަނަލުންނާއި، ފަންނީ ދާއިރާގެ މަސައްކަތްތެރިންނެވެ. އެމީހުންނަކީ އިޤުތިޞާދީ ގޮތުން ފުދުންތެރި ބައެއް ކަމަށްވުމުން، ޔޫރަޕް ނުވަތަ އެމެރިކާގައި ހަމަޖެހޭ ދިރިއުޅުމެއް އެމީހުންނަށް ހޯދިދާނެއެވެ. އޭގެ ކުޑަކުޑަ މިސާލަކީ 2025 ވަނަ އަހަރު ފިލައިގެން ދިޔަ މީހުންގެ ތެރެއިން ފަލަސްޠީނަށް އެނބުރި އައިސްފައިވަނީ އެންމެ 19،000 މީހުންނެވެ. އެ އަހަރު ފިލައިގެން ދިޔަ މީހުންގެ ތެރެއިން ގާތްގަނޑަކަށް 70،000 މީހުން އެނބުރި އައިސްފައި ނުވެއެވެ. 2026 ވަނަ އަހަރަށް ބަލާއިރު، އެއަށްވުރެ ގިނަ މީހުން އެނބުރި ނާންނާނެ ކަމަށް ލަފާކުރެވެއެވެ. 2026 ވަނަ އަހަރުގެ ކުރީކޮޅު ސަލާމަތީ ކަންތައްތައް އިންތިހާއަށް ގޯސްވެ، ދިރިއުޅުމުގެ އަގުތައް ބޮޑުވުމުން، ސަހުޔޫނީންގެ މެދުގައި ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.
ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާ މަޝްވަރާތަކުގައި އިޒުރޭލުގެ ބައިވެރިވުމެއް ނެތި، އެމެރިކާއާއި، އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިންމާލަފާނެތީ ސަހުޔޫނީންގެ ހާސްކަން ވަނީ ވަރަށް ބޮޑުވެފައެވެ.
އިޒުރޭލާ ނުލައި، އަދި އެމެރިކާގެ ޔަހޫދީ މަންދޫބުންނާ ނުލައި ޕާކިސްތާނުގައި، އީރާނާ އެކު އެމެރިކާއިން މަޝްވަރާ ކުރަމުންދާ ކަމަށް ބުނާ އަޑުތައް ތެދުކަމުގައި ވަނީ ނަމަ، އޭގެ މާނައަކީ އިޒުރޭލު މުޅިން އެކަހެރިވެ، ބަލިކަށިވުމުގެ ނުރައްކާ އޮތުމެވެ. ނަމަވެސް ގަލްފުގައި ތިބި ޢަރަބި ރަސްރަސްކަލުން އަދިވެސް ބިރުން ރަޖާލައިގެން ތިބެ، އިޒުރޭލާއި، އެމެރިކާއަށް އަޅުދާސްވާތީއާއި، އެ ޙާލަތު އަދިވެސް ދެމިއޮތުމުން އިޒުރޭލަށް ފައިދާ ކުރާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.






