އީންގެ ފަހުބަސް: ޚިދުމަތް ކޮށްދޭނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް!

މުހައްމަދު އަލީ
މާރޗް 30, 2026

އައްޑޫސިޓީ ޑަބްލިޔުޑީސީއަށް ޕީއެންސީގެ ފަރާތުން ކުރިމަތިލައިފައިވާ ކެންޑިޑޭޓު، ފޭދޫ ފަރިމާގޭ، އާމީނަތު އީނާ ނަސީރު (އީން) އިންތިޚާބުގެ ކުރިން އިއްވާ އޭނާގެ ފަހުބަސް އިއްވައިފިއެވެ.

”ރައްޔިތުންނާއި، ސިޓީއަށް، ޚިދުމަތް ކޮށްދޭނީ ރައްޔިތުން އެދޭގޮތަށް. ރައްޔިތުންގެ ވިންދާ އެއްގޮތަށް. ކެންޕޭން ތެރޭގައި ދެއްކި ވާހަކަތަކާ އެއްގޮތަށް އެންމެން އެކައްޗެއް ކިޔައިގެން ގުޅިގެން. ގުޅިގެން ކުރާ މަސައްކަތަކުން ނެރެވޭ ނަތީޖާ ފޮނިވާނެ. އެހެންވީމާ މުޅިސީޓީ އެއްކޮށް ނުކުމެ އީންއަށް ވޯޓުދެއްވާ،“ ހުރިހާ ވާހަކައެއް ކުރުކޮށް ފޮނިކޮށް މިއޮތީ ބުނެފައެވެ.

ދިގު ކެންޕޭނަކަށްފަހު ދެންއޮތީ ވޯޓުލުމެވެ. އެޕްރީލް 4 ގައި ވޯޓުލުން އޮންނާނެއެވެ. އީނާގެ ކެންޑިޑޭޓު ނަންބަރަކީ 2 އެވެ. ދެ ނަންބަރު ގޮޅީގައި ހެޔޮ ފާހަގަ ޖަހާލީމާ އެ ނިމުނީއެވެ.

ކެންޕޭނު ތެރޭގައީ އީން ނުވަންނަ ގެއެއް އައްޑޫސިޓީގައި މަދުވާނެއެވެ. ބައްދަލުނުކުރާ އާއިލާއެއް ނެތޭވެސް ބުނެވިދާނެއެވެ. އެތައް ބަޔަކާ ގާތްކަން އުފެއްދިއެވެ. އެއީ އުޚުއްވަތްތެރި ކަމުގެ ގުޅުމެކެވެ. ރަށުވަންތަ ގުޅުމެކެވެ. ތަރައްގީގެވިސްނުނާއި ހަކަތައިގެ ގުޅުމެކެވެ. މުސްތަގުބަލުގެ ޗާޓު ކުރަހައިދިން ގުޅުމެކެވެ. އެއީ ރައްޔިތުން އީންއަށް ކުރަހައިދިން ޗާޓެކެވެ. އީން ހޮވައިދީފިނަމަ އެޗާޓުގައި އޮތް މިސްރާބަށް އޭނާ ދަތުރުކުރާނެއެވެ.

”ޑޯޓުޑޯގައި އަޅުގަނޑަށް އެންމެ ބޮޑަށް އިހުސާސް ކުރެވުނު ކަމަކީ އެންމެވެސް އަޅުގަނޑު ބަލައިގެންފިކަން. ވަރަށް ގާތްކޮށް މިތުރުވެރިގޮތަކަށް އެންމެހާ ބޭފުޅުން އަޅުގަނޑާމެދު އަމަލުކުރީ. އޭގެ ތެރޭގައި ކުރިން ނުދަންނަ މީހުންވެސް ހިމެނޭ. މި އުފެދުނު އައު އަދި އުންމީދީ ގުޅުމުގެ ތެރެއިން އަޅުގަނޑަށް އެނގި ކަށަވަރުވީ ރައްޔިތުން (ޚާއްސަކޮށް އަންހެނުން) ތިބީ ތަރައްގީއަށް ފެންބޮވައިގެންފައިކަން. އިރާދަކުރެއްވިއްޔާ މިފަހަރު އެކަންކޮށްދިނުމުގެ އިޚްލާސްތެރި ނިޔަތާއި އަޒުމުގައި އަޅުގަނޑު މިހުރީ،“ އީން ބުންޏެވެ.

ރައްޔިތުންގެ ކަންކަން ވަރަށްގާތުން އީން ބެލިއެވެ. އިހްސާސްތައް އޭނާގެ ހިތަށް ރެކޯޑު ކުރިއެވެ. މުހުތާދުތަކުގެވާހަކަ އަޑުއަހާހިތުން އަޑުއެހިއެވެ. ދަތިއުނދަގޫތަކުގެ ވާހަކަ އަޑުއެހީ ދަތިކަން ފިލުވައިދިނުމުގެ އަޒުމް ހިތުގެ އެންމެ އަޑީގައި ރައްކާކުރަމުންނެވެ. އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ އަޑުއެހީ ކެންޑިޑޭޓަކަށްވުރެ ބޮޑަށް އަންހެނެއްގެ އިހުސާސުގައެވެ.

ކޮންމެ ސަރުކާރަކުންވެސް އެތައް ވައުދެއް ވެފައި އަންހެނުންނާ މެދުވެފައިވާ އިހުމާލުތަކުގެ ވާހަކަ އަޑުއެހީ އެކަން ތަކުރާރުވިޔަނުދޭނޭ ކަމުގެ އިތުބާރާއެކުގައެވެ. ތަފާތު އެކި ރޮނގުން ކުރިއަށްދާން ބޭނުންވާ އަންހެނުން ފުރުސަތު ނުލިބިފައި ތިބިކަން މިއަދު އޭނާއަށް އެނގެއެވެ. އެހެންވާޖެހޭ ސަބަބުތައް ނައްތާ ލުމުގެ ރޫހު އީންގެ އެބަހުއްޓެވެ. މިހުރިހާ ކަމެއްގެ ތެރެއިން އީން އެހުރީ ޑަބްލިޔުޑީސީގެ ރައީސާކަމަށް ފައްކާވެފައެވެ.

އެޕްރީލް 4 ވަނަ ދުވަހު އޮންނަ އިންތިޚާބަށް އީން އެހުރީ ތައްޔާރުވެފައެވެ. މުޖުތަމައުގެ އިހުސާސްހުރިގޮތް އޭނާ ކަށަވަރުކޮށްފިއެވެ. އަންހެނުންގެ ވިސްނުމާއި ފިކުރާއި އެމީހުން ބޭނުންވާ ކަންކަން ދަސްކޮށްފިއެވެ. އޭނާ އެހުރީ ޚިދުމަތަށް ފައްކާވެފައެވެ.

ރައްޔިތުންގެ ކަންކަން އެނގުނު ވަރަކަށް ޚިދުމަތްކޮށްދިނުމުގެ ރޫހުދަނީ އާލާވަމުން ދިރެމުންކަން އީންގެ ވާހަކަތަކުން އެނގުނެވެ. އީން މީހާރުވެފައިމިވަނީ އައްޑޫ ރައްޔިތުންނާ އެންމެގާތް އެންމެ އެކުވެރި އެންމެގާތުން މަސައްކަތް ކުރެވޭނޭފަދަ ކެންޑިޑޭޓަށެވެ.

އީންއަކީ އެއްއިރެއްގައިވެސް ދެ އަތް އުރާލައިގެން ހުންނަ ހިތްވާ ޒުވާނެއް ނޫނެވެ. ޒުވާން ރޫހާއެކު އޭނާ އަބަދުވެސް ބޭނުންވަނީ ރައްޔިތުންނަށް ޚިދުމަތް ކޮށްދޭށެވެ. ޚާއްސަކޮށް ރައްޔިތުންނާ ގުޅިގެން އިޖުތިމާއީ މަސައްކަތްކޮށްދިނުމަކީ އޭނާ އެންމެ ކުރާހިތްވާ މަސައްކަތެވެ. އެހެންވީމާ މަސައްކަތް ކުރާހިތްވާ ހަކަތަހުރި ކެރޭ ޒުވާނަކަށް ފުރުސަތު ނުދޭންވީ ކީއްވެހެއްޔެވެ؟ ޑަބްލިޔުޑީސީގެ ރާއީސާއަކަށް ނުހޮވަންވީ ކީއްވެހެއްޔެވެ؟

އީން އަކީ ޕީއެންސީ ކެންޑިޑޭޓެވެ. މިވަގުތު ރާއްޖޭގައި އޮތީ އެޕާޓީގެ ވެރިކަމެކެވެ. އެއީ އީންއަށް އޮތް އެޑުވާންޓޭޖެކެވެ. އެއީ ފަހި ފުރުސަތެކެވެ. އީންއަކީ ސަރުކާރުގެ އެންމެމަތީން ފެށިގެން ހުރިހާ ގިންތިއެއްގެ ބޭފުޅުންނާ ގާތްގުޅުމެއް ބާއްވަމުން އަން ސިޔާސީއެކެވެ. އެހެންކަމުން އީން ވެގެންދާނީ ރައްޔިތުންނާ ސަރުކާރާ ގުޅުވާލަދޭނޭ ވަރުގަދަ ފާލަމަކަށެވެ.

އީން މައިދާނަށް ނުކުތީ ހުސްއަތާއެއް ނޫނެވެ. އޭނާ މިނުކުތީ ހަގީގީ މާނައިގައި އަންހެނުންގެ ތަރައްގީއަށް ބޭނުންވާ މަގުތައް ފަހިކޮށްދޭށެވެ. ވިޔާފާރިއާއި އިގްތިސާދީ ރޮނގުންނެވެ. ތައުލީމާއި ތަހުޒީބީ ދާއިރާއިންނެވެ. ސިއްހީ ދާއިރާއިންނެވެ. ކުޅިވަރާއި ކަސްރަތުގެ ދާއިރާއިންނެވެ. މުނިފޫހިފިލުވުމުގެ ދާއިރާއިންނެވެ. މިކަންކަން ކުރާނޭ ފުރިހަމަ މެނިފެސްޓޯއެއް އޭނާގެ އަތުގައި އެއޮތީ ތަންމިނަށް ހުޅުވާލެވިފައެވެ. ސުވާލެއް އުފައްދަންޖެހޭނޭ ތަނެއްނެތެވެ.

ދެންއޮތީ އީން އަށް ފުރުސަތު ދިނުމެވެ. އެކަން އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. އީންއަށް އިތުބާރުކުރަން ނުޖެހޭ އެއްވެސް ސަބަބެއްނެތެވެ. ނުވިކޭނެއެވެ. ނުސިހޭނެއެވެ. އަޒުމާއި ހިތްވަރު އެބަހުއްޓެވެ. އިލްމާއި ހިލްމު އެބަހުއްޓެވެ. ސިޔާސީ ތަޖުރިބާ އެބަހުއްޓެވެ. އެއްލައިލާ ސިޔާސީ ގައުބުރިއަކަށް ނުގުޑާނެއެވެ.

އީން އެދެނީ ފުރުސަތަކަށެވެ. އައްޑޫ ސިޓީގެ ޑަބްލިޔުޑީސީގެ ރައީސާއަކަށް ވުމުގެ ފުރުސަތެވެ. ފުރުސަތު ދިނުމަށްފަހު ނަތީޖާއަށް އިންތިޒާރު ކުރާށެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *