ސިޔާސީންގެ އަމިއްލަ އެދުމާއި، ދިމިޤުރާޠިއްޔަތު

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
މާރޗް 30, 2026

ހުޅަނގުގެ ދިމިޤުރާޠީ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ސިޔާސީން ވެރިކަމުގައި، ތާއަބަދަށް ބަގުޑި ބައްދައިގެން ތިބުމަށްޓަކާ ކުރާ ހަނގުރާމައަކަށް، އެ ނިޒާމު ހަދާފައިވުމެވެ. ގިނަ ސިޔާސީންނަކީ ވެރިކަން ދެމެހެއްޓުމަށްޓަކާ ކޮންމެފަދަ ކަމެއްވެސް ކުރަން ތައްޔާރަށް ތިބޭ ބައެކެވެ. ދޮގުހެދުމާއި، ދޮގު ވަޢުދުތައްވުމާއި، ހަނގުރާމަ ފަދަ ގެއްލުން ބޮޑު ނިންމުންތައް ނިންމުންވެސް މިކަމުގައި ހިމެނެއެވެ. އެފަދަ ނިންމުންތަކުގެ ސަބަބުން ވަގުތީ މަޤުބޫލުކަމެއް އެމީހުންނަށް ލިބުނު ކަމުގައިވިޔަސް، އޭގެސަބަބުން ބޮޑު އަގެއް، އެ ޤައުމަކުން ދައްކަން ޖެހެއެވެ.

ދެވަނަ މައްސަލައަކީ، އެ ނިޒާމުގައި ކާމިޔާބީގެ މައިގަނޑު ޝަރުޠަކަށް، ވެފައިވަނީ މަޤުބޫލުކަމެވެ. އެ ނިޒާމުގައި، ކުރިއަރައިގެން ދަނީ އަންތަރީސްވާ ފަދަ ބުހުތާނު ދޮގު ވާހަކަތައް ދައްކާ މީހުންނާއި، ނުވަތަ ރައްޔިތުން އަޑުއަހަން ބޭނުންވާ ފޮނި ބައިސާ ކަނޑާ މީހުންނެވެ. އެއާއި ޚިލާފަށް، ސީރިއަސްކޮށް، ތެދުވެރިކަމާއެކު ވާހަކަ ދައްކާ މީހުން ބާކީކޮށްލެވެއެވެ. އޭގެ ނަތީޖާއަކީ ތެދާއި، އަމާނާތްތެރިކަން ބަލިކަށިވެގެން ދިއުމެވެ. ބުރަކޮށް މަސައްކަތްކުރާ، ޒިންމާދާރު މީހުންނަށް، ދޮގުވެރިންނާއި، އަދި މުނާފިޤުންނާއި ހެދި ކުރިއަށް ދިއުމުގެ ފުރުޞަތު ގެއްލިގެންދެއެވެ. އެއާއެކު ގަދައަޑާއި، މަޤުބޫލުކަން އެއީ ސިޔާސީ ކަންކަމުގެ ޙަޤީޤީ މީޢާރުކަމުގައި މީސްތަކުން ބަލައިގަނެވެ. މިއީ މިއަދު ޙަޤީޤީ ދިމިޤުރާޠީގެ އަގުތައް ޤަބޫލުކުރާ މީހުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައެވެ.

މިކަމުގެ ވަރަށް ސާފު މިސާލެއް، މިހާރު އިޒުރޭލުން އެދަނީ ތަމްސީލުވަމުންނެވެ. ޝައިޠާންޔާހޫއަށް ސިޔާސީ ގޮތުން އިޒުރޭލުގައި ބޮޑެތި ޕްރެޝަރާއި، ކޮރަޕްޝަންގެ އެތައް މައްސަލައެއް ވަނީ ކުރިމަތިވެފައެވެ. އެކަމަކު، ފަލަސްޠީނުގައި ތަކުރާރުކޮށް ކުރިއަށް ގެންދާ ޢުދުވާނީ ޙަމަލާތަކާއި، އަދި އެއާއެކު އީރާނާއި ދެކޮޅަށް ފަށައިގެން އުޅޭ ހަނގުރާމައިގެ ސަބަބުން އޭނާގެ ސިޔާސީ މަޤާމު އިހުނަށްވުރެ ވަރުގަދަވެ، އޭނާއާ ދެކޮޅު ސިޔާސީ ޕްރެޝަރާއި، އަދި ކޮރަޕްޝަންގެ މައްސަލަތައް ވަނީ ފަނޑުވެގެން ގޮސްފައެވެ. މިހާރު އީރާނާއެކު ކުރެވޭ ހަނގުރާމައަކީވެސް، އެ ސިލްސިލާގެ ޗޭނަށް އިތުރުކުރެވުނު ބޮޅެކެވެ. އެކަމުގެ ސަބަބުން ޝައިޠާންޔާހޫގެ ބާރު ވަނީ އިތުރަށް ވަރުގަދަ ވެފައެވެ. އެކަމަކު، އެެއީ އިންސާނިއްޔަތަށް އަދި ދިމިޤުރާޠިއްޔަތަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކެންސަރެއް ފަދަ ޙާލަތެކެވެ. ދިމިޤުރާޠީ ނިޒާމަކީ އިންސާނިއްޔަތަށް ލިބިފައިވާ ކިތަންމެ ރަނގަޅު ނިޒާމެއް ކަމުގައި ވިޔަސް، އެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު މިހާރުވަނީ ގެއްލިފައެވެ. މި ޙާލަތުގައި، ރައްޔިތުން ކަންތައް ކުރަންވީ ކިހިނެއް ހެއްޔެވެ؟ ޑިމޮކްރަސީ ދޫކޮށްލާފައި، އެއަށް ވުރެ ރަނގަޅު އެހެން ނިޒާމެއް ހޯދަން މަސައްކަތް ކުރަންވީ ހެއްޔެވެ؟ ނޫނީ ޑިމޮކްރެސީގެ ނިޒާމު ހައިޖެކްކޮށްގެން އުޅޭ ދޮގުވެރިންނާއި، މުނާފިޤުންގެ ކިބައިން އެ ނިޒާމު ސަލާމަތްކޮށް، ސާފުކުރުމުގެ މަސައްކަތް ކުރަންވީ ހެއްޔެވެ؟ އަދި، އެކަމަށްޓަކާ އަޑު އުފުލަންވީ ހެއްޔެވެ؟

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *