މި ލިޔުންކޮޅުގައި އަލިއަޅުވާލާނީ، އެމެރިކާގެ އިޤުތިޞާދުގެ ބޭރުފުށުން ފެންނަ ވިދުމުގެ ފަހަތުގައި ފޮރުވިފައިވާ ’ސްޓެގްފުލޭޝަން‘ ގެ ދަންތުރައިގެ ވާހަކައެވެ! ސްޓެގްފުލޭޝަން އަކީ އިޤުތިޞާދީ ޚާއްޞަ ޙާލަތަކާއި ގުޅިގެން ބޭނުންކުރެވޭ ލަފުޒެކެވެ. އެއީ އެއްވަގުތެއްގައި އިޤުތިޞާދަށް ކުރިމަތިވާ ތިން މައްސަލައެއް ބަޔާންކޮށް ދިނުމަށް ބޭނުންކުރެވޭ ލަފުޒެކެވެ. އެގޮތުން ވިޔަފާރި ދަށްވުމާއި، ވަޒީފާ ނެތުމާއި، އަދި ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުވުން ނުވަތަ އިންފްލޭޝަން މަތިވުން ހިމެނެއެވެ.
’ޔޫއެސް އިކޮނޮމިކް ސަޕްރައިޒް އިންޑެކްސް‘ 0.338 އަށް މަތިވުމާއި ގުޅިގެން އެމެރިކާގެ ޙިއްޞާގެ ބާޒާރު ކަމަށްވާ ވޯލް ސްޓްރީޓާއި، ވޮޝިންޓަންގެ މުޙައްލިލުން ދަނީ އުފާފާޅުކުރަމުންނެވެ. ސަބަބަކީ، އޮކްޓޯބަރު 2023 ގެ ފަހުން، އެ އިންޑެކްސް އެންމެ މައްޗަށް އަރާފައިވަނީ މި ހަފްތާގައި ކަމަށްވާތީއެވެ. އެކަމަކު، އެމީހުން ވަނީ ގަސްތުގައި، އެ ރިޕޯޓުގެ ދެވަނަ ޞަފުޙާ ފޮރުވާފައެވެ.

ނޫސްތަކުގެ ސުރުޚީތަކުގައި ބުނެފައިވަނީ، ތަހުލީލުކުރާ ފަރާތްތަކަށް އީރާން ހަނގުރާމައިގެ އަސަރުތައް ވަރަށް ބޮޑަށް އޮޅިފައިވާ ކަމަށެވެ. ޑިމާންޑަކަށް ނިމުމެއް އައިސްފައި ނުވެއެވެ. ރީޓެއިލް ވިޔަފާރި 0.6 އިންސައްތަ ވަނީ އިތުރުވެފައެވެ. އެކަމަކު، ޙަޤީޤަތް، އެއާއި މުޅިން އިދިކޮޅެވެ. އެ ’މާޖިން ޓްރެޕް‘ އާއި އީރާނު ހަނގުރާމައިގެ ސަބަބުން ފެޑެރަލް ރިޒާވަށް ކުރިމަތިވި އިޤުތިޞާދީ ކާރިސާގެ ފުންމިން ތަޙުލީލުކޮށް ބަލަމާ ހިނގާށެވެ.
އެ ރިޕޯޓުގެ ދެވަނަ ޞަފުޙާއަށް ބަލައިލާއިރު، ފާއިތުވި 13 އަހަރު ތެރޭގައި ތަކެއްޗާއި، ޚިދުމަތުގެ އަގުތައް އެންމެ މައްޗަށް ގޮސްފައިވަނީ މިވޭތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭގައެވެ.
ސަޕްރައިޒް އިންޑެކްސް މައްޗަށް ދިޔަ ކަމަށް ބުނާ ހަފުތާގައި، އިންސްޓިޓިއުޓް ފޮރ ސަޕްލައި މެނޭޖްމަންޓުގެ ރިޕޯޓުން ސިއްސައިގެންދާ ފަދަ ޙަޤީޤަތްތަކެއް ހާމަވެގެން ގޮސްފައިވެއެވެ.

ޚިދުމަތުގެ ދާއިރާގެ އަގުތައް ފާއިތުވި 13 އަހަރު ތެރޭގައި އެންމެ މައްޗަށް ގޮސްފައިވަނީވެސް ވޭތުވެދިޔަ އެއް މަސްދުވަހުގެ ތެރޭގައެވެ. އެގޮތުން 63.0 ން 70.7 އަށް މައްޗަށް ގޮސްފައިވެއެވެ. ޚިދުމަތުގެ 18 ސިނާޢަތުގެ ތެރެއިން 17 ސިނާޢަތެއްގައި އަގުތައް ބޮޑުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެންމެ މުދަލެއްގެ އަގުވެސް ދަށްވެފައި ނުވެއެވެ. އޭގެ މާނައަކީ، އެމެރިކާގެ އިޤުތިޞާދުގެ ”އަގުގެ އޮނިގަނޑު“ ނުވަތަ ”ކޮސްޓް ސްޓްރަކްޗަރ“ ގެ 70 އިންސައްތަ ވަނީ އެއްކޮށް ހަލާކުވެފައެވެ.
ވަޒީފާގެ ކާރިސާއާއި، ’މާޖިން ޓްރެޕް‘ އަށް ބަލައިލާއިރު، އަގުތައް އިންތިހާއަށް ބޮޑުވެ، ޚިދުމަތުގެ ދާއިރާގެ ވަޒީފާގެ ބާޒާރު ވަނީ 51.8 އިން 45.2 އަށް ދަށަށް ވެއްޓިފައެވެ. އެއީ، ކޮވިޑް-19 އަށް ފަހު، އެއް މަސް ދުވަހުގެ ތެރޭގައި ވަޒީފާގެ ބާޒާރު އެންމެ ބޮޑަށް ދަށަށް ދިޔަ ދިއުމެވެ.
އާ އޯޑަރުތައް ލިބެމުންދާއިރު، އުފުލިފައިވާ އަގުތަކާއެކު ފައިދާ ހޯދޭނޭ ރައުސުލްމާލެއްވެސް އަދި އެކަންކަން ފުރިހަމަ ކޮށްދެވޭނެ ވަޒީފާގެ ބާރެއްވެސް ގިނަ ކުންފުނިތަކުގައި ނެތެވެ. ވީމާ މިއަކަށް އިޤުތިޞާދީ ދުޅަހެޔޮ ކަމެކޭ ނުކިޔާނެއެވެ. ނަމަވެސް ’މާޖިން ޓްރެޕް‘ އެކޭ ކީދާނެއެވެ. ގިނަ ކުންފުނިތަކުން އޯޑަރުތައް ނެގިއެއް ކަމަކު، އެ އޯޑަރުތަކުން ލިބޭނީ ހުސް ގެއްލުމެވެ.

މުޅި ދުނިޔޭގެ އިޤުތިޞާދަށް ނަޒަރުކުރާ އިރު، އީރާނުގެ ’އިސްތިރާޖީ ކާމިޔާބީ‘ ގެ ސަބަބުން އިންފްލޭޝަން ދިގު މުއްދަތަކަށް ދެމިއޮންނާނެއެވެ. އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު، ޙަޤީޤަތުގައި ވެސް ބާޒާރުތަކަށް އޮޅުވާލުމަށް، ހަނގުރާމަ ހުއްޓާލުމުގެ ޚިޔާލީ އެއްބަސްވުމެއް ޤާއިމުކޮށް، ތެޔޮ ފީފާއެއްގެ އަގު 109 ޑޮލަރުން 93 ޑޮލަރަށް ދަށަށް ވައްޓައިލިއެވެ. ނަމަވެސް 70.7 ޑޮލަރުގައި ހުރި ޚިދުމަތުގެ އަގުތައް، ހަނގުރާމަ ހުއްޓާލުމަކުންވެސް ދަށްވެފައި ނުވެއެވެ.
ހަނގުރާމައިގެ އަސަރު ހަކަތައަށް ކުރާނެ ކަމަށް ފެޑެރަލް ރިޒާވުން ލަފާކުރި ނަމަވެސް، އީރާނުން ސަޕްލައި ޗެއިންއަށް ފޯރުވި ނުފޫޒު، ޚާއްޞަކޮށް ހުރުމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ޚިދުމަތުގެ ދާއިރާގައި އުފެދުނު ’ސްޓިކީ އިންފްލޭޝަން‘ ދެނެގަތުމުގައި، ފެޑެރަލް ރިޒާވް ވަނީ ނާކާމިޔާބު ވެފައެވެ.
’ބްރެއިން ކެޕިޓަލްގެ‘ ޗީފް އިކޮނޮމިކް އެޑްވައިޒަރ ވިދާޅުވާ ގޮތުގައި، މި ޢަދަދުތަކުން ދައްކާ ގޮތުގައި އިންފްލޭޝަން 4 އިންސައްތަ މައްޗަށް ދާނެއެވެ. އެކަމަކު، ފެޑެރަލް ރިޒާވުގެ ޓާގެޓަކީ 2.7 އިންސައްތަ އެވެ.

އިކޮނޮމިކް ސަޕްރައިޒް އިންޑެކްސް އަކުން، އެމެރިކާގެ އިޤުތިޞާދުގެ ބާރުގަދަ ކަމުގެ ވާހަކައެއް ބުނެއެއް ނުދެއެވެ. އޭގެ ބަދަލުގައި، އެ ރިޕޯޓުން ބުނެދެނީ އީރާނުގެ ކެތްތެރިކަމާއި، ދުނިޔޭގެ ސަޕްލައި ޗެއިންއަށް އީރާނުން އޮތް ނުފޫޒު އަންދާޒާ ކުރުމުގައި މުޙައްލިލުން އަހައްމިއްޔަތުކަން ކުޑަކޮށްފައިވާ މިންވަރެވެ.
މިއަދު ގެދޮރުގެ އަގާއި، ރަހުނު ރޭޓް 6.46 އިންސައްތަ އެކުގައި އުފުލިފައިވާއިރު، މިއީ 2022 ވަނަ އަހަރަށްފަހު މިވަރަށް އުފުލުނު ފުރަތަމަ ފަހަރެވެ. މާދަމާގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް ނުވަތަ ސީޕީއައި ރިޕޯޓުން މި ’ރެޒިލިއެންސް‘ ގެ ރިވާޔަތް މުޅިން ކަފުންކޮށް ވަޅުލާނެއެވެ.

މާދަމާގެ އިންފްލޭޝަންގެ ޢަދަދުތަކުން، ’ސްޓޭގްފްލޭޝަނަރީ މާޖިން ސްކުއީޒް‘ ނުވަތަ ވިޔަފާރި ދަށްވުމާއި، ތަކެއްޗާއި ޚިދުމަތުގެ އަގު މަތިވުމާއި، ވަޒީފާގެ ބާޒާރު ދަށަށް ދިއުން ކަށަވަރު ކޮށްދޭނެ ހެއްޔެވެ؟ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރި، މި ބޭކާރު ހަނގުރާމައިގެ އަގު، މިހާރު ’އިންފްލޭޝަން‘ ގެ ސިފައިގައި އެމެރިކާގެ ރައްޔިތުންގެ ޖީބުތައް ހުސްކުރަމުން ދާކަން، އެމެރިކާގެ ރައްޔިތުންނަށް ވިސްނޭނެ ބާވައެވެ؟






