ޔަހޫދީ ދައުލަތުން ޣައްޒާއަށްދިން ހަމަލާތައް ”ހުއްޓާލި“ ފަހުން ހައެއްކަ މަސްވެގެންދިޔައިރު ވެސް އެތައް ހާސް އާއިލާއަކަށް ވަނީ އެއާއިލާތަކުން ޝަހީދުވި މީހުން ވަޅުލެވޭ ގޮތެއް ނުވެފައި ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިޒްރޭލުން ޣައްޒާއާ ދެކޮޅަށްކުރި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 10،000 މީހުން ގެއްލިފައިވާ ކަމަށް ބެލެވެވެއެވެ. އާއިލާތަކުން ލަފާކުރަނީ އެމީހުންވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައި ކަމަށެވެ.
ހަނގުރާ ހުއްޓާލުމުގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އިޒްރޭލާއި ހަމާސްއާ ދެމެދު ސޮއިކުރިއެވެ. އެހެންނަމަވެސް އެއަށް އަމަލު ކުރެވޭތަނެއް ފެނިފައެއް ނުވެއެވެ. އިޒްރޭލުން އެފަހުން ވެސް ދަނީ ޣައްޒާއަށް ހަމަލާ ދެމުން މީހުން ޝަހީދު ކުރަމުންނެވެ.
ފަލަސްތީނުގެ ހިތްވަރު ގަދަ ބައްޕައެއް ކަމަށްވާ އަބޫ މުޙައްމަދު އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާގެ އާއިލާއިން ޝަހީދުވި ބައެއް މީހުން މިހަރު އޭނާވަނީ ވަޅުލާފައި ކަމަށެވެ. އެއީ މިހާތަނަށް ފެނިފައިވާ މީހުންނެވެ. އެއީ އޭނާގެ މަންމައާއި، އަންހެނުންނާއި ދަރިއަކު ކަމަށް ވެސް އޭނާ ބުންޏެވެ. އާއިލާގެ އިތުރު މީހުންގެ ހަށިގަނޑު ހޯދަން އޭނާދަނީ އަދިވެސް މަސައްކަތް ކުރަމުންނެވެ.
”އަހަރެން ތިން އަހަރު ވަންދެން އަހަރެންގެ ދަރިން ހޯދަން މަސައްކަތް ކުރިން. އެކަމަކު އެއީ ބޮޑު ކޮންކްރީޓް ސްލެބްތަކެއް. އެކްސްކަވޭޓަރެއް ބޭނުންކޮށްގެން ވެސް މިކަން ކުރެވޭނެ ގޮތެއް ނެތް. އެކަމަށް ހެވީ އިކުއިޕްމަންޓްސް ބޭނުންވެ. އަހަރެން އަމިއްލައަށް މިކަން ކުރާނީ ކިހިނެއް؟“ އޭނާ ސުވާކު ކުރިއެވެ.
އޭނާ ބުނީ އޭނާ ތަކުރާރުކޮށް ސިވިލް ޑިފެންސް ޓީމުގެ އެހީތެރިކަމަށް އެދުނު ކަމަށެވެ. އެހެންނަމަވެސް އޭނާއަށް އެހީވާން އެއްވެސް މީހަކު ނައި ކަމަށް ބުންޏެވެ. އޭނާގެ ދަރިންގެ ތެރެއިން ޒަޚަމްވި ދެ ދަރިއަކު ދަނީ އަވަށްޓެރި މިސްރުގެ ގާހިރާގައި ފަރުވާ ހޯދަމުން ކަމަށް އޭނާ ބުންޏެވެ.






