އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ކިތަންމެ ވަރަކަށް ޕްރެޝަރު ކުރެއްވިޔަސް އިސްތިއުފާ ނުދެއްވާނޭ ކަމަށް ކިއުބާގެ ރައީސް މިގުއެލް ޑިއާޒް-ކެނެލް ވިދާޅުވެއްޖެއެވެ.
”މަގާމުން އިސްތިއުފާ ދިނުމަކީ އަޅުގަނޑުމެންގެ ލަފުޒުތަކުގެ ތެރޭގައި ހިމެނޭ ލަފުޒެއް ނޫން،“ އެންބީސީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕަށް ބޯ ނުލަބާނޭކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ. އޭނާ ވިދާޅުވީ ކޮމިއުނިސްޓް ބާރުގެ ދަށުގައި އޮތް ކިއުބާއަކީ ”މިނިވަން މުސްތަޤިއްލު ދައުލަތެއް“ ކަމަށެވެ.
”ކިއުބާގެ ވެރިންނަށް ތިބެނީ އެމެރިކާ ސަރުކާރުން އިންތިޚާބު ކުރާ ބައެއް ނޫން،“ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 2018 ވަނަ އަހަރުން ފެށިގެން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ޕްރެޝަރުވަނީ ކިއުބާގެ ރައީސް މިގުއެލް ޑިއާޒް-ކެނެލް އަށް ބޮޑުވެފައެވެ. އަދި ވެރިކަމުން އިސްތިއުފާ ދިނުމަށް ދަނީ ގޮވާލަމުންނެވެ.
މިކަންކަމުގެ ތެރެއިން ޑޮނަލްޑް ޓްރަމްޕް ވަނީ ވެނެޒުއޭލާއާއި އީރާނަށް ޖެހުނު ދަތުރު ކިއުބާއަށް ވެސް ޖެހިދާނޭ ކަމަށް ބުނެ ބިރުދައްކައިފައެވެ. ”އަހަރެމެން މި ބޮޑު މިލިޓަރީ ބާރު ބިނާކުރީ. އަހަރެން ބުނީމެއްނު ދުވަހަކު ވެސް އެބާރު ބޭނުން ކުރާކަށް ނުޖެހޭނެޔޭ. އެކަމަކު ބައެއް ފަހަރު ބޭނުން ކުރަން ވެސް ޖެހިދާނެ. ދެން އޮތީ ކިއުބާ،“ އެމެރިކާގެ ރައީސް ޓްރަމްޕު ވިދާޅުވެފައިވެއެވެ.
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވެރިކަމުން ދުރުކުރެއްވުމާ ގުޅިގެން ކިއުބާއަށް ތެޔޮ ސަޕްލައި ކުރުން ވަނީ މެދު ކަނޑާލާފައެވެ. އޭގެ ފަހުން އެމެރިކާ އިން ވަނީ ކިއުބާއަށް ތެޔޮ ވިއްކާ ކޮންމެ ގައުމަކުން ޓެރިފް ނަގާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.






