ދެ ޝަރުތެއް ފުރިހަމަ ނުކުރަނީސް މަޝްވަރާ ނުކުރާނަން: އީރާން

ޟަމްރަތު އަހްމަދު
އޭޕްރިލް 10, 2026

ޕާކިސްތާނުގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ކުރިން ދެ ކަމެއް ފުރިހަމަކޮށްދޭން ވާނޭކަމަށް އީރާނުން ބުނެފިއެވެ. އެއީ ހިފަހައްޓާފައިވާ އެގައުމުގެ ފައީސާތައް ދޫކޮށްލުމާއި، އިޒްރޭލުން ލުބްނާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާ ހުއްޓާލުމެވެ.

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް  މުޙައްމަދު ބާޤިރު ޤާލީބާފް އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ދެ ޝަރުތަކީއެމެރިކާއާ އެކު ކުރިން އެއްބަސްވެފައިވާ ދެ ކަމެއްކަމަށެވެ. އެ ދެ ޝަރުތު ފުރިހަމަ ނުވަނީސް މަޝްވަރާތައް ނުފަށާނޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ލުބްނާނަށް އިޒްރޭލުން ދެމުން އަންނަ ވައިގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލެއްވީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ އެވެ. ޤާލިބާފް އާއި އަރަޤްޗީ އަކީ މި މަޝްވަރާތަކުގައި އީރާނުގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ އިސް ދެބޭފުޅުންނެވެ.

އީރާނުގެ ބޭންކިން އަދި ހަކަތައިގެ ދާއިރާ އަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބޭރުގެ ބޭންކުތަކުގައި ހުރި އީރާނުގެ އެތައް ބިލިއަން ޑޮލަރެއް ވަނީ ނުލިބިފައެވެ.

އީރާނުގެ މިޝަރުތުތަކަށް ވައިޓް ހައުސްއިން މިހާތަނަށް އެއްޗެއް ވިދާޅުވެފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިއުޔޯކް ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޕާކިސްތާނުގައި ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، އީރާނަށް ހަމަލާ ދިނުމަށް އެންމެ ރަނގަޅު ހަތިޔާރު ހިފައިގެން އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތައް އަލުން ފުރާނޭ ކަމަށެވެ. މި މަޝްވަރާތައް ކާމިޔާބުވާނެތޯ ސުވާލު ދެންނެވުމުން ޓްރަމްޕް ވިދާޅުވީ ގާތްގަނޑަކަށް 24 ގަޑިއިރުގެ ތެރޭގައި އެކަން އެނގޭނޭ ކަމަށެވެ. ނުވަތަ އެއަށްވުރެ އަވަހަށްވެސް އެނގޭނޭ ކަމަށެވެ.

މި މަޝްވަރާތަކުގައި އެމެރިކާގެ ވަފުދުގައި އިސްކޮށް ހުންނަވާ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ ޕާކިސްތާނުގައި ބާއްވާ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ”އެކަމަކު އެ މީހުން (އީރާން) އަހަރެމެންނާ ދެކޮޅަށް ކުޅެން މަސައްކަތް ކުރާނަމަ އެ މީހުންނަށް އެނގޭނެ މަޝްވަރާކުރަން މިދާ ޓީމަކީ އެހާ ރަނގަޅު ޓީމެއް ނޫންކަން،“ އޭނާ ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *