އެމެރިކާއާއެކު ޕާކިސްތާނުގައި ބާއްވާ މަޝްވަރާތަކަށް އީރާނުން ވަޑައިގެންނެވި ވަފުދަށް ޕާކިސްތާނުން ހޫނު މަރުހަބާއެއް ކިޔަވައިފިއެވެ.
އީރާނުގެ ރޭ ޕާކިސްތާނަށް ވަޑައިގެންނެވުމުން ވަފުދަށް ޕާކިސްތާނުން މަރުޙަބާ ދެންނެވީ އެގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރާއި، ފޮރިން މިނިސްޓަރ ސެނެޓަރ އިސްޙާޤު ދާރާއި، ޗީފް އޮފް ޑިފެންސް ފޯސަސް އަދި ޗީފް އޮފް އަރމީ ސްޓާފް ފީލްޑް މާޝަލް އާސިމް މުނީރާއި، ޕާލަމެންޓްގެ ރައީސް ސަރުދާރު އަޔާޒް ސާދިގާއި އިންޓީރިއަރ މިނިސްޓަރ މުހުސިން ނަގުވީ އެވެ.
މި ވަފުދުގައި އިސްކޮށް ހުންނެވީ އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރް ޣަލިބާފެވެ. އޭނާގެ އިތުރުން އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރަޤްޗީއާއި އޭނާގެ ތިން ނާއިބުންނާއި، އެވުޒާރާގެ ތަރުޖަމާނާއި، ސުޕްރީމް ނޭޝަނަލް ސިކިޔުރިޓީ ކައުންސިލްގެ ތިން މެންބަރަކާއި މަރުކަޒީ ބޭންކުގެ ގަވަރުނަރާއި، މަޖިލިސް މެންބަރުންނާއި ނޭޝަނަލް ޑިފެންސް ޔުނިވަރުސިޓީގެ ރައީސް ހިމެނެއެވެ.
މީގެ އިތުރުން ނިއުކްލިއަރ ތަޖިރިބާކާރެއް ކަމަށްވާ ގައުމީ ސަލާމަތާބެހޭ މަޖިލިހުގެ ޑެޕިޔުޓީ ޗީފް ޑރ. ޢަލީ ބާޤިރީވެސް މިވަފފުދުގައި ހިމެނެއެވެ. އަދި އީރާނު ޤާނޫނު ހަދާ މަޖިލީހުގެ ކޮންޒަވޭޓިވް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުޙައްމަދު ނަބަވިއަން ވެސް މި ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ މުޅި ވަފުދުގައު 71 މެންބަރުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
”އީރާނާއި އެމެރިކާއާ ދެމެދު ހިނގާނޭ މަޝްވަރާތަކުގެ ނާޒުކުކަމުގެ ބޮޑުކަމުން، އީރާނުގެ ވަފުދުގައި މައި މަޝްވަރާ ކުރާ ފަރާތްތަކުގެ އިތުރުން ޓެކްނިކަލް އަދި އެކްސްޕާޓް ކޮމިޓީތައް ވެސް ހިމެނޭ،“ ކަމަށް ތަސްނީމް ނޫހުން ބުނެފައިވެއެވެ.
އެމެރިކާގެ ވަފުދުގައި އިސްކޮށް ހުންނެވީ ނާއިބު ރައީސް ޖޭޑީ ވެންސްއެވެ. އޭނާގެ އިތުރުން ސްޕެޝަލް އެންވޯއި ސްޓީވް ވިޓްކޯފާއި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނަރ ހިމެނެއެވެ. މިފަފުގައި ޖުމްލަ 300 އަށް އަރާ ކަމަށް ބައެއް ޚަބަރުތައް ބުނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މި މަޝްވަރާއަށް ހުށަހެޅި 15 ނުކުތާގެ ތެރޭގައި އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމާއި އެ ގައުމުން މުއްސަނދި ކޮށްފައިވާ ޔުރޭނިއަމް ހަވާލުކުރުމާއި، ތެހެރާންގެ ދިފާއީ ގާބިލްކަން ލިމިޓް ކުރުމާއި، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުން ހިމެނެ އެވެ. އީރާނުން ވެސް ވަނީ 10 ނުކުތާއެއް މަޝްވަރާއަށް ހުށަހަޅައިފައެވެ.






