އަލް ކިންދީއަކީ ޢަރަބި ފަލްސަފާގެ ބައްޕައޭ ބުނެވެއެވެ. އަލް ކިންދީގެ ފުރިހަމަ ނަންފުޅަކީ، أبو يوسف يعقوب بن إسحاق الصبّاح الكندي އެވެ. އަލްކިންދީ އުފަންވެވަޑައިގަތީ ޢިރާޤުގެ ކޫފާއަށެވެ. އޭނާ، ތަޢުލީމު ޙާޞިލުކުރެއްވީ ޢިރާޤުގެ ބަޣްދާދުންނެވެ. އޭނާއަކީ ފަލްސަފާވެރިއެއްގެ އިތުރުން، ހިސާބު ޢިލްމުވެރިއެކެވެ. އަދި ޑޮކްޓަރެއްވެސް މެއެވެ. އެއަށްފަހު، އޭނާ ވެވަޑައިގަތީ ”ބައިތުލް ޙިކުމާގެ“ ވަރަށް ފާހަގަކޮށްލެވޭ މުހިންމު ޝަޚްޞިއްޔަތަކަށެވެ.
އެއްފަހަރަކު އަލް ކިންދީ، އޭނާގެ ދަރިވަރުންނާއެކު އިންނަވަނިކޮށް، ދަރިވަރަކު ތެދުވެ ސުވާލު ކުރެއްވިއެވެ. ”އުސްތާޛުއެވެ. ހިތާމަތައް ނައްތައިލާނީ ކިހިނެއް ހެއްޔެވެ؟ އުފަލެއް ލިބޭތާ މާގިނަ އިރެއް ނުވެ ހިތާމަވެސް ލިބެއެވެ.“

އެވަގުތު، އަލް ކިންދީ ފަލްސަފާގެ ބޭނުންފުޅު ކުރައްވައިގެން ޖަވާބުގައި ވިދާޅުވިއެވެ. ”ހިތާމަތައް ކުރިމަތިވަނީ، ތިބާގެ އިޚުތިޔާރުގައި ނުވާ ކަންތައްތަކުގެ ސަބަބުންނެވެ. އިންސާނާ އެންމެ ބޮޑަށް ހިތާމަވެރި ކުރުވަނީ، އޭނައަށް މިލްކުވެގެން ނުވާ އެއްޗިއްސަކީ، އޭނާގެ އެއްޗެހި ކަމަށް ހީކުރުމުންނެވެ.“
އެވަގުތު ދަރިވަރު ދެންނެވިއެވެ. ”އެކަމުގެ ފަރުވާއަކީ ކޮބައިތޯއެވެ؟“
އަލް ކިންދީ ޖަވާބުގައި ވިދާޅުވިއެވެ. ”ދުނިޔޭގައި ލެއްވި ހުރިހާ އެއްޗިއްސަކީ الله ގެ އަމާނާތް ކަމަށް ތިބާއަށް ފަހުމުވުމުންނެވެ. ތިބާގެ މުދަލާއި، ތިބާގެ ޖިސްމާއި، ތިބާގެ މީހުންނާއި، ހުރިހާ އެއްޗިއްސަކީ الله ގެ އަމާނާތެވެ. އޭރުން އެއްޗެއް ގެއްލުމަކުން ތިބާ ހިތާމަވެރިއެއް ނުވާނެއެވެ. އަދި އެއްޗެއް ލިބުމަކުން ތިބާ ބޮޑާވެގަނެގެނެއްވެސް ނޫޅޭނެއެވެ.“ އެއަށްފަހު ވިދާޅުވިއެވެ.

”ދަތުރުވެރިޔަކު މެހުމާންސަރާއެއްގައި މަޑުކުރުމަށްފަހު، އަނެއް ދުވަހު، އޭނާގެ ދަތުރާއިގެން ކުރިއަށް ދެއެވެ. އެ މެހުމާންސަރާގެ އެއްޗިއްސަކީ، އޭނާގެ އެއްޗެހި ކަމަކަށް އޭނާ ހީއެއް ނުކުރެއެވެ. އެފަދައިން، މި ދުނިޔޭގެ ޙަޔާތުގެ ހުރިހާ އެއްޗިއްސަކީ، الله ގެ އަމާނާތެވެ. ޢިލްމުން ދަސްކޮށްދޭ އެއްޗަކީ އެއީއެވެ. ހުރިހާއެއްޗެއްގެ މިލްކުވެރި ފަރާތަކީ، ހަމައެކަނި الله ކަން އަހުރެމެންނަށް ފަހުމުވުމުން، އެއިން އަހުރެމެންނަށް ހިތްހަމަޖެހުން ލިބެއެވެ.“






